ކުޅިވަރު

ފަހު ވަގުތު ޕާކިސްތާނުން ނޭޕާލް ބަލިކޮށްފި

ނޭޕާލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޕާކިސްތާން ކުޅުންތެރިން އުފާފާޅުކުރަނީ.- ފޮޓޯ: އިމޭޖަސް.އެމްވީ

ބަންގްލަދޭޝްގެ ޑާކާ އިން،  އައްޒާމް އަލިފުޅު، މިހާރު

04 ސެޕްޓެމްބަރ 2018 - 17:05

މެދުކެނޑުމަކަށް ފަހު ސާފް ސުޒުކީ ކަޕްގައި ވާދަކުރާ ޕާކިސްތާނުން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ފަހު ވަގުތު ވައްދާލި ގޯލުން 2-1 އިން ނޭޕާލް އަތުން މޮޅުވެއްޖެ އެވެ. މިއީ މި މުބާރާތުގެ ތާރީހުގައި ނޭޕާލް އަތުން ޕާކިސްތާނަށް ލިބުނު ދެ ވަނަ މޮޅެވެ.

ޕާކިސްތާނުގެ ހައި ކޯޓުން އެ ގައުމުގެ ފުޓްބޯޅަ އިދާރާ އަށް 2015 ވަނަ އަހަރު ނުފޫޒު ފޯރުވަން މަސައްކަތްކުރުމުން މިދިޔަ އަހަރުތަކުގައި އެ ގައުމުގެ ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. ތިން އަހަރަށް ފަހު ޕާކިސްތާން ފުރަތަމަ ކުޅުނު ފުޓްބޯޅަ މުބާރާތަކީ މި ފަހަރުގެ އޭޝިއަން ގޭމްސްގަ އެވެ. އެ މުބާރާތުގައި ވެސް ޕާކިސްތާން ވަނީ ނޭޕާލް އަތުން މޮޅުވެފަ އެވެ.

އެންމެ ފަހުން އިންޑިއާގައި 2015 ވަނަ އަހަރު އޮތް ސާފްގައި ވެސް ނޭޕާލް ކެޓީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ސްރީލަންކާ އާއި އިންޑިއާ އަތުން ބަލިވެގެންނެވެ. ޕާކިސްތާން އެ މުބާރާތުގައި ނުކުޅެ އެވެ. ޕާކިސްތާން ޓީމުގައި ޑެންމާކްގެ ދެ ވަނަ ޑިވިޝަނާއި އޮސްޓްރޭލިއާ ލީގުގައި ކުޅޭ ކުޅުންތެރިން ހިމެނެ އެވެ.

ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗު ފަށައިގެން ނޭޕާލުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، ޕާކިސްތާނުން ދިޔައީ ކައުންޓަ އެޓޭކަށް ވިސްނައިގެން ކުޅެމުންނެވެ. ނޭޕާލުން ބޮޑަށް މަސައްކަތްކުރީ އެ ޓީމުގެ ދެ ފަޅިން ކުޅޭ ބިމަލް ގާތީ މަގަރް އާއި ބާރަތު ހަވާސް އަށް ދީގެން އެ ޓީމުގެ އެންމެ ކުރިއަށް ކުޅޭ ނަވާޔުގް ޝްރެސްތާ އެޓޭކްކުރާށެވެ. އެ ގޮތުން މެޗުގެ 12 ވަނަ މިނިޓްގައި ނަވާޔުގް ޖެހި ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.

ޕާކިސްތާންގެ ކެޕްޓަން ސައްދާމް ހުސެއިންގެ ދިގު ބޯޅަތަކުގެ ސަަބަބުން ނޭޕާލްގެ ފަހަތަށް ދިޔައީ ބާރުބޮޑުވަމުންނެވެ. ލިބޭ ގިނަ ފުރުސަތުތަކުގައި ސައްދާމް ދިގު ބޯޅަތަކެއް ކުޅެމުން ދިޔައީ އެ ޓީމުގެ ފޯވާޑް ހަސަން ބަޝީރް އަށެވެ. އޭނާއާ އެކު ކުރިއަށް ކުޅެމުންދިޔަ މުހައްމަދު އަލީ ވެސް ފުރުސަތަކުގެ ބޭނުން ހިފައި ނޭޕާލަށް ނުރައްކާކުރި އެވެ.

ނޭޕާލްގެ ބާރަތު (ވ) ކައިރިން ޕާކިސްތާންގެ ސައްދާމް ބޯޅަ ހޯދަން މަސައްކަތްކުރަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

ޕާކިސްތާނަށް ލީޑުނަގައިދިނީ މެޗުގެ 34 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޑެންމާކް ދެ ވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ބަޝީރް އެވެ. މި ޕެނަލްޓީ އަކީ ނޭޕާލްގެ ކެޕްޓަން ބިރާޖް މަހާރްޖަން އޭރިއާ ތެރެއިން ޕާކިސްތާންގެ މުހައްމަދު ރިޔާޒަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ބަޝީރް ވަނީ ނޭޕާލްގެ ގޯލުގައި ހުރި ރާއްޖޭގެ ޓީސީ އަށް ކުޅޭ ކީޕަރު ކިރަން ޝެމްޝޮން އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ހާފުގެ ފަހު ވަގުތުގައި ނޭޕާލުން އެޓޭކް ވަރުގަދަކޮށް ޕާކިސްތާން ފަހަތަށް ބާރު ބޮޑުކުރި އެވެ. އެ ގޮތުން މެޗުގެ 41 ވަނަ މިނިޓްގައި ބިމަލް ކޯނަރަކުން ނަގައިދިން ބޯޅަ އެ ޓީމުގެ ފަހަތަށް ކުޅޭ ސުމަން އާރްޔަލް ހުސްކޮށްހުރެފައި ބޮލުން ފޮނުވާލުމުން ޕާކިސްތާނުގެ ގޯލުގައި ހުރި ޑެންމާކްގެ ދެ ވަނަ ޑިވިޝަނުގައި ކުޅޭ ގޯލްކީޕަރު ޔޫސުފް އިޖާޒް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފެކޭ އެއް ގޮތަށް ދެ ވަނަ ހާފުގައި ވެސް ނޭޕާލުން ކުޅެން ފެށީ ވަރަށް ކުރިއަށް ޖެހިގެންނެވެ. މި ހާފުގައި ޕާކިސްތާނުން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ފަަހަތަށް ޖެހިގެންނެވެ. ޑިފެންސަށް އިސްކަންދީގެންނެވެ.

ޕާކިސްތާނަށް މި މެޗުގައި ގޯލު ޖަހައިދިން ބަޝީރަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެޗުގެ 58 ވަނަ މިނިޓްގައި އޭނާގެ ބަދަލުގައި ސާދުﷲ ވަނީ ކުޅެން އަރުވައިފަ އެވެ. އޭނާ އަކީ ކުރިން ބީޖީ ސްޕޯޓްސް ކްލަބަށް ކުޅުނު ކުޅުންތެރިއެކެވެ.

ނޭޕާލުން މި ހާފުގައި ބަދަލުތައް ގެނެސްގެން އެ ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގިނަ ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ކައުންޓަ އެޓޭކުގައި މެޗުގެ 75 ވަަނަ މިނިޓްގައި ޕާކިސްތާނުން ދެ ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސާދުﷲ އަމިއްލަ ހާފުގެ ތެރެއިން ހިފައިގެން އައި ބޯޅަ އޭރިއާބޭރުން ފޮނުވާލިއިރު އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ނޭޕާލުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ނުވަ މިނިޓަށް ވެފައި ހުއްޓަ އެވެ. ކޯނަރަކުން އޭރިއާ ތެރަށް ހުރަސްވި ބޯޅަ ބިމަލް ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ނޭޕާލުގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި އަލުން ލީޑުނަގަން މެޗުގެ 87 ވަނަ މިނިޓްގައި ނޭޕާލުގެ މުހައްމަދު އަލީ ޖެހި ބޯޅަ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ އެ އަށް ވުރެ ރަނގަޅަށް ފޮނުވާލުމުގެ ފުރުސަތު އޭނާ އަށް އޮތެވެ.

އޭގެ ފަހުން ނޭޕާލްގެ ކުޅުންތެރިން ފުލުފުލުގައި ފޮނުވާލި ގިނަ ހަމަލާތައް ޕާކިސްތާންގެ ގޯލުގައި ކުޅުނު އިޖާޒް ބަޓް ވަނީ މަތަކޮށްފަ އެވެ. އިތުރު ވަގުުތުގެ ފަހު ސިކުންތުގައި ޕާކިސްތާން މޮޅުކޮށްދިން ލަނޑު ޖެހީ މުހައްމަދު އަލީ އެވެ. އޭނާ މި ލަނޑު ޖެހީ ސާދުﷲ ދިން ބޯޅަ އަކުން ބޮލުންނެވެ. ލަނޑަށް ފަހު ޕާކިސްތާން ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ބަންގްލަދޭޝް ނުކުންނާނީ މިރޭ ރާއްޖެ ގަޑިން 6 ޖަހާއިރު ބޫޓާނާ ދެކޮޅަށެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454