އެމްޕީއެލްގެ ބަހެއް ބްރިޖް މަތިން ދަތުރުކޮށްފައި ދަނީ. ރަސްމީކޮށް ހިދުމަތް ފަށަންދެން ދަތުރުތައް ހިލޭ ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައި.
06 ސެޕްޓެމްބަރ 2018 - 12:52
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރަސްމީކޮށް ބްރިޖްގެ ބަސްދަތުރުތައް ފަށަންދެން، މާލެ-ހުޅުލެ-ހުޅުމާލޭ ބަސް ދަތުރުތައް ހިލޭ ބާއްވާ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.
ސިނަމާލޭ ބްރިޖް އާއްމު ދަތުރުތަކަށް ހުޅުވާލަން ހަމަޖައްސާފައި ވަނީ މާދަމާ އެވެ. ނަމަވެސް ހުޅުވާލަން ހަމަޖައްސާފައިވާ ގަޑިއެއް ހައުސިން މިނިސްޓްރީން އަދި ނުބުނެ އެވެ.
ބްރިޖްގައި ބަސް ދަތުރުގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުނީގެ ސީއީއޯ އިބްރާހިމް ހަލީމް މިއަދު ވިދާޅުވީ އެމްޕީއެލް އިން ދޭ ބަހުގެ ހިދުމަތް ރަސްމީކޮށް ފެށޭނީ ދެތިން ދުވަސް ފަހުން ކަމަށެވެ.
"ބްރިޖްގެ ބަސް ދަތުރުގެ ހިދުމަތް ރަސްމީކޮށް ފެށެންދެން އަޅުގަނޑުމެން ބޭނުންވޭ މި ހިދުމަތް ދޭ ގޮތް އާއްމުންނަށް ދައްކާލަން. އެ ގޮތުން މާދަމާ އިން ފެށިގެން ބަސް ދަތުރުތައް ކުރާނެ މާލެ އާއި ހުޅުމާލެއާ ދެމެދު،" އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ބަސް ދަތުރުގެ އަގުތަކާއި ޝެޑިއުލް އިއުލާން ކުރާނީ ރަސްމީކޮށް ދަތުރުތައް ފަށާ އިރު ކަމަށެވެ. އަދި އަގުތައް ކަނޑައެޅެންދެން، އާންމު ގޮތެއްގައި ބްރިޖް ހުރަސްކޮށް ބަސް ދަތުރުތައް ބާއްވާނީ ޕީކް ގަޑިތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބަސްތައް މާލެ އިން ދާނީ ހުޅުމާލޭގައި ހުންނަ ޓާމިނަލަށް. އެ ތަނުން ރަށު ތެރެ އަށް ދަތުރުކުރަން އެމްޓީސީސީގެ ބަސްތައް އޮންނާނެ،" ހަލީމް ވިދާޅުވި އެވެ.
އެމްޕީއެލް އިން ބްރިޖް ހުރަސްކޮށް ބަހުގެ ހިދުމަތް ދިނުމަށްޓަކައި މިހާރު ވަނީ ނުވަ ބަސް މާލެ ގެނެސްފަ އެވެ. އެ ކުންފުނިން ނިންމާފައި ވަނީ ބްރިޖްގެ ދަތުރުތަކަށް ޖުމްލަ 22 ބަސް ބޭނުންކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ ބުއްދި
06 September 2018
ޓްރާސްޕޯޓްގެ ކަންކަމަށް ދަޢުލަތުގެ ކުންފުންޏެއް އޮތްއިރު، ބަދަރު ބަލަހައްޓާ ދަޢުލަތުގެ ކުންފުންނިން ބަސް ދަތުރުކުރާގޮތަށް ހަމަޖެއްސީ ކޮންފަދަ މޮޅު ބުއްދިއަކުންބާ! މާދަމާ ވެމްކޯއިން އިންކަމް ޓެކްސްނަގަން ހަވާލުނުކޮށްފިއްޔާ ރަނގަޅު!
ޢަދީބު
06 September 2018
ބުރިޖުއެޅީ ރައްޔިތުންގެ ޓެކުސްފައިސާއިން
ޝަރުތު
06 September 2018
މިދުވަސްކޮޅު ވަރަށް ހެޔޮފުޅުވާނެ
މޮންދު
06 September 2018
މީގަވެސް ބޭރުމީހުންނަށް ފީއެއް ނަގަން ފެނޭ
ހެހެހެ
06 September 2018
އެހެންވީމަ އެމްޑީޕީ މީހުންވެސް ގަބޫލުކުރީ ޔާމީންއަކީ މޮޅު މީހެއްކަމަށް ރާއްޖެއަށް ބަދަލުތަކެއް ގެނެވިދާނެ މީހެއްކަން
ހައްސާ222
06 September 2018
"ބްރިޖްގެ ބަސް ދަތުރުގެ ހިދުމަތް ރަސްމީކޮށް ފެށެންދެން އަޅުގަނޑުމެން ބޭނުންވޭ މި ހިދުމަތް ދޭ ގޮތް އާއްމުންނަށް ދައްކާލަން. އެ ގޮތުން މާދަމާ އިން ފެށިގެން ބަސް ދަތުރުތައް ކުރާނެ މާލެ އާއި ހުޅުމާލެއާ ދެމެދު،" ކަމަށް ވިދާޅު ވިއަސް ދިވެހި ހުރިހާ ރައްޔަތުންނަށް އިނގޭ އިނތިހާބުގެ ވޯޓް ނަގާ ނިމެންދެން އަގުނުނަގާނެކަމަށާއި އަދި ތިއީ އިންތިހާބަށް ނުފޫޒުފޯރުވަން ކުރާކަމެއްކަން.
ހައްސާ222
06 September 2018
"ބްރިޖްގެ ބަސް ދަތުރުގެ ހިދުމަތް ރަސްމީކޮށް ފެށެންދެން އަޅުގަނޑުމެން ބޭނުންވޭ މި ހިދުމަތް ދޭ ގޮތް އާއްމުންނަށް ދައްކާލަން. އެ ގޮތުން މާދަމާ އިން ފެށިގެން ބަސް ދަތުރުތައް ކުރާނެ މާލެ އާއި ހުޅުމާލެއާ ދެމެދު،" ކަމަށް ތިޔަ ވިދާޅުވަނީ ދިވެހިން މީއީ އެހާ ގަމާރުންކަމަށްތޯ ތި ހީފުޅުކުރައްވަނީ. ކޯޝެއްތޯ ދައްކަވަން ތި ވިދާޅުވަނީ؟
ބާރޑީނަމްނަމް
06 September 2018
ރައްޔިތުންކައިރި އެބަ ބުނަންޖެހޭ ޗައިނާ މީހުން ނަގަން ބޭނުންވަނީ ކިހާވަރެއްގެ ފީއެއްކަން. އެކަމަކު ބުނެއްޖެއްޔާމު ބުރިޖޭ ކިޔައިގެން ނިދީގައި ލަވަ ކިޔާ ގުރޫޕުވެސް ސުވާލު ކުރާނެ ތިމަންނާ ކިހިނެތްހޭ ތިޔަ ތަނަށް އަރާނީ. އެތަކެއްފަހަރުމަތިން ބުނެއްޖެ ވަރަށް އަވަހަށް އިއުލާން ކުރާނަމޭ، އަންނަ ހަފްތާގައި ބުނާނަމޭ، 2 ދުވަސް ތެރޭ އިނގޭނެޔޭ. ބުނާކަށް ނުކެރޭނެ. އިލެކްޝަނެއްގެ ކުރިން ތިޔަހެން އޮންނާނީ. ތިޔަ ތަނުން ފައިސާއެއް ނުވަންނަ ކޮންމެ ސިކުންތަކު ސަރުކާރަށް ގެއްލުން ވިޔަސް، ވޯޓެއް ގެއްލިދާނެތީވެ ގަޓު ރައީސް މިހާރު ހުރީ މާ ބިރުން.
ޔޫމަން
06 September 2018
ޝުކުރިއްޔާ ވަރަށް ބޮޑަށް
މޮހޮދޭގެ ރުމާލު
06 September 2018
މިދުވަސްކޮޅު ވަރަށް ހެޔޮފުޅުވާނެ..ހަމަ ވޯޓު ކަންތައް ނިމުނީ، ވޮލެޓުގައި އެންމެ ރުފިޔާއެއްވެސް އިނަނުދޭނެ. ކާޑު ކޮޅާ ކަދުރު ކޮޅަށް ވީގޮތް ހަދާން އެބަހުރި. ދެން އަނެއް ކޮޅުން ކުރިން ވީ ވައުދު ނުފުއްދި އަނެއްކާ އާ ވައުދެއް ވެފަ ބުނާނީ ތީ މަމެންގެ ގޭ ދޮށުކުއްޖާ ހަރުކުރި ބެނާއެކޭ.. ތިމަން ނުބުނަމޭ.. ކުރިންވެސް ހެދިގޮތް މީ. އެއްހަރުން ދެފަހަރު ކަށިނުޖެހޭނެ.