ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް މަޖިލިހުން މިއަދު ފާސްކުރިއިރު، ޖަލްސާއަށް ވަޑައިނުގެންނެވި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ތިން މެމްބަރުން. (ކ) އިން (ވ) އަށް. ނާޒިމް ރަޝާދު، އަހުމަދު ސަލީމް އަދި އަމީތު. - ފޮޓޯ: މަޖިލިސް
09 އޯގަސްޓް 2016 - 15:31
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްވި ނަމަވެސް، ޕީޕީއެމް ކޯލިޝަންގެ ހަތަރު މެމްބަރަކު އެ ބިލާ ދެކޮޅަށް ވޯޓު ދެއްވުމަކީ ހިތްވަރެއް ކަމަށާއި ކުރިމަގުގައި މާޔޫސްވާނެ ތަނެއް ނެތް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ބިލަށް ވޯޓު ނުދެއްވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސްގެ އިތުރުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މުހައްމަދު ނަޝީދާއި ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަދި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފެވެ. ބިލަށް ވޯޓަށް އެހި ވަގުތު މަޖިލިހަށް ވަޑައިނުގަންނަވަނީ އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް (ރެޑްވޭވް) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު އަދި ތުޅާދޫ ދާއިރާގެ ނާޒިމް ރަޝާދެވެ.
ފާރިސް ވިދާޅުވީ ބިލަށް ވޯޓު ނުދެއްވި ބޭފުޅުން އަދި މަޖިލިހަށް ވަޑައިނުގެންނެވި ޕީޕީއެމްގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލާ ދެކޮޅަށް ވޯޓު ދެއްވި ޕީޕީއެމްގެ މަޖިލިސް ހަތަރު މެމްބަރުން: (ކ) އިން (ވ) އަށް. މުހައްމަދު ނަޝީދު، ފާރިސް، ހުސެއިން އަރީފް އަދި މުސްތަފާ.--- ފޮޓޯ: މަޖިލިސް
"އެބޭފުޅުންނަށް އަތުވެދާނެ ބައެއް ކަންކަމަށް ވެސް ކެރިގެން އެ ކުރިމަތިލެއްވީ. ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭ ބިލްތަކަށް އަޅުގަނޑުމެން ތާއީދު ކުރާނަން. އެކަމަކު ގައުމަށާއި ރައްޔިތުންނަށް ފައިދާ ނުވާ ކަމެއް އައިސްފިއްޔާ އަޅުގަނޑުމެން އަޑު އުފުލާނަން،" ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން އަމިއްލަ ޒަމީރު ގަބޫލު ނުކުރާ ކަންކަން ވަނީ ކުރެވިފަ އެވެ. އެކަމަކު އެކަންކަން "ކޮންމެވެސް އެއް ޒަމާނަކުން" އިސްލާހު ކުރެވޭތޯ ޕީޕީއެމުން ބަލާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަންވާނެ ކަމަށެވެ.
"ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހު އަދި ސިވިލް ސާވިސް ގާނޫނަށް ގެނައި އިސްލާހުގެ އިތުރުން މިއަދު މިހެން ވީމާ ބައެއް ބޭފުޅުން ހިތްޕުޅަށް އަރާފާނެ އިސްލާހު ކުރުމުގެ މަސައްކަތް ހުއްޓުނީއޭ. ބައެއް ފަހަރު ބައެއް ބޭފުޅުން މާޔޫސް ވެދާނެ. އެކަމަކު އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ،" ފާރިސް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރިހަމަ އަޣުލަބިއްޔަތު މަޖިލިހުގައި އޮންނަނައިރު، މިއަދު މިއީ ސަރުކާރުން ފާސްކުރި ބިލަކާ ދެކޮޅަށް މިހާ ގިނަ މެމްބަރުން ފާޅުގައި ދެކޮޅު ހެއްދެވި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދު
10 August 2016
ދުނިޔޭގެ ކަންތައް އަބަދު އެއްގޮތަކަށް ނޯންނާނެ ބޭފުޅުންނޭ. މިއަދު ބަޔަކަށް ބާރެއްލިބިގެން އާސްމާނަށް އަރައިގެން އުޅޭއިރު، އެ ބާރުދެއްވިފަރާތުން އެކަން ނިގުޅައިގަންނަން ފަޅި ސިކުންތެއްވެސް ނުނަގާނެކަން ހަނދާންކުރަންޖެހޭ. ކޮންމެ މީހަކު ކުރިކަމުގައިވިޔަސް ރނގަޅުކަމެއް ރަނގަޅުވާނެ، ގޯސްކަމެއް ގޯސްވާނެ.
ހާލަތު
10 August 2016
ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން އަމިއްލަ ޒަމީރު ގަބޫލު ނުކުރާ ކަންކަން ވަނީ ކުރެވިފަ އެވެ. ކޮންމެވެސް ހިސާބަކުން މިކަން ނިމޭނެއެވެ. ވަކިވަރަކަށް ކެތްކުރުމަށްފަހު، ދެންދާނީ މަޑުމަޑުން ދެ ކޮޅު ހެދުންތައް އިތުުރުވަމުންނެވެ. މާޔޫސް ވާނެކަމެއް ނެތެވެ. މިއަދު ކެރިގެން ނުކުންނެވި 7 މެމްބަރުންގެ ފަރާތުން ހިތްވަރު ލިބިގެން އިތުރު މެމްބަރުން ނުކުނާނެކަމީ ސައްކެތްވެސް އޮތްކަމެއް ނޫނެވެ. ގައުމަށާއި ރައްޔިތުންނަށް ފައިދާ ނުވާ ކަަން ކުރުމަށް ދެން ފަސޭހައެއް ނުވާނެއެވެ. އަބަދު މަޅިއަޅުވައިގެން އޮތްބެއް ނުއޮންނާނެވެ.
ވަސްމީރު
10 August 2016
މިފަހަރުވެސް ރިލޯޑް ކޮށްލެވެނު ނަމަ ތިޔަ މީހުންވެސް ވޯޓް ދޭނެ. ބަޓް މިފަހަރު ކޮންމެހެން މުހިންމެއް ނޫން އެ މީހުންގެ ވޯޓެއް. އެހެންވީމަ ރިލޯޑްވެސް ކޮށްނުލީ.
ވިލޭއަލި
10 August 2016
އަޣުލަބިއްޔަތަށް ތަބާ ވާން ޖެހޭނެ. ވިސްނެނީ ހަމައެކަނި ތިމާއަށް ކަމަށް ނުވަތަ މަދު އަޣުލަބިއްޔަތު ނެތް ބަޔަކަށް ކަމަށް ފެނުމަކީ ޖާހިލުންގެ ކަމެއް. އެކަމުން ޤައުމަށް ވާނީ ގެއްލުން.
އަހްމަދު
10 August 2016
މަޑުއްވަރީ ދާއިރާއަކީ މައުމޫނަށް ގޮސްހުސްވެފަ ހުރި ދާއިރާއަކަށް ވެފަ، އަމީތު ތި ދެއްކި ހިއްވަރަށް ފަހުރުވެރިވަން...
ހައްވަ
10 August 2016
އަމީތު، ނާޒިމް އަދި ސަލީމާ މެދު ފިޔަވަޅު އަޅާ. ނިންމުމާ ހިލާފުވީ. ވޯޓަށް ފިލީ.
މަރީ
10 August 2016
މިފަހަރު ވޯޓް ނުދިން މެންބަރުންނަށާއި ވޯޓް ނުދީ ވޯޓަށް ފިލި މީހުންނަށް އޮތް އަދަބަކީ ކޮބާ؟؟
މީނާ
10 August 2016
އެމީހުންނަށް އޮތީ ޖަލުގެކުޑަގޮޅި
މޫސަ
10 August 2016
ބިލަށް ވޯޓްދޭން ޖެހިދާނެކަމަށް ފިލި މީހުންނަށް ސަލާން
ހައްވަ
09 August 2016
ޔޫކޭގަ ގޮނޑި ދުއްވަން އިންމީހާ ވެއްޓުނަސް ޔާމީނެއް ނުވެއްޓޭނެ އިރާދަކުރެއްވިއްޔާ
މޫސަބެ
10 August 2016
ޔާމީނު ވަނީ ވެއްޓިފާ މިހާރުވެސް، އެކަމަކު އަހަރުމެން މިބަލަނީ ބަޣާވާތެއް ނުކޮށްވޭތޯ
ދޮންދީނި
10 August 2016
ބަލަ ކަލޭމެންހައި ކެތްތެރިކަން ކުޑަބައެއްނޫނޭ މިހާރުގެ އޮޕޮސިޝަން އަކީ....ކަލޭމެންގެ ޕޓ އޮޕޮސިޝަން ގައި އޮތްއިރު ކިހާ ދުއްތުރާތަކެއްކުރި... ޢެންމެ ފަހުން ކެތްނުވެގެން ބަޣާވާތްކޮށް މުޅިޤައުމު ފަނާ ކޮށްލީ....ކަލޭ ހިތުން ޔާމީނު އަބަދު އެ އަނިޔާވެރިކަން މަތީގައި އުޅެވޭނެތަ؟....މިއަކީ ފެށުމެއް އޮންނަ ފަދައިން ނިމުނެއް އޮންނަ ކަމަށް ޤަބޫލު ކުރާ ބައެއްވެސް ނޫންދޯ!
ހަމްބެ
09 August 2016
ރެޑްވޭވް ބަންދުކުރުމާ ކައިރިވީބާ؟؟؟
ދޮންދީނި
10 August 2016
ޕޮސިބަލް...ޤާސިމަށްވެސް ކިހާ ހަސްކާ އެއް ދައްކާލިތަ؟...