މައުމޫނާއި ގާސިމް: އެ ދެ ބޭފުޅުންނާއި ފާރިސް ކަފާލާތުގެ ދަށުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ނުކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނޭ --- ފޮޓޯ/މިހާރު
02 އޮކްޓޯބަރ 2018 - 12:12
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކަފާލާތުގެ ދަށުން މިނިވަންކުރި މައްސަލަ އިސްތިއުނާފް ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ޖަލު ހުކުމެއްގައި ތިއްބެވި މައުމޫނާއި ފާރިސް އަދި ގާސިމް ކަފާލާތުގެ ދަށުން ހައި ކޯޓުން މިނިވަންކުރީ އެ ބޭފުޅުންގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އިސްތިއުނާފް މައްސަލަ ނިމެންދެން ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމުގެ އަމުރަށް އެދި އެ ތިން ބޭފުޅުންގެ ފަރާތުން ހުށަހެޅުމުންނެވެ. ތިން ބޭފުޅުން ވެސް ދޫކޮށްލީ ޑިޕޮސިޓްގެ ގޮތުގައި ކޯޓުގައި ފައިސާ ބެހެއްޓުމަށް ފަހު އެވެ.
އެ މައްސަލަ އިސްތިއުނާފުކުރަން ނިންމާފައިވޭތޯ ސުވާލު ކުރުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކަފާލާތުގެ ދަށުން މީހުން ދޫކުރުމަކީ ހައި ކޯޓަށް އޮންނަ ބާރެއް ކަމަށާއި އެހެންވެ އެ ބޭފުޅުން ދޫކޮށްލި މައްސަލަ އެ އޮފީހުން އިސްތިއުނާފް ނުކުރާނެ ކަމަށެވެ.
"ހައި ކޯޓުގެ ގަވާއިދުގެ ދަށުން އެ ކޯޓަށް އޮންނަ ބާރެއް އެއީ ބަންދެއްގައި ހުރި މީހަކު ކަފާލާތުގެ ދަށުން ދޫކުރުމަކީ،" އޮފިޝަލް ވިދާޅުވި އެވެ.
ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން ކުށްވެރިވާ ކަމަށް ދަށު ކޯޓުން ހުކުމް ކޮށްފައިވާ މީހަކު ނުވަތަ ހައި ކޯޓުން ބަލާ މައްސަލައެއްގައި ކުށުގެ ތުހުމަތުގައި ހުރި މީހަކު ހައި ކޯޓުން ގަބޫލުކުރާ ފަދަ ކަފާލާތެއް ހުށަހަޅައިފި ނަމަ، އެ މައްސަލައެއް ހައި ކޯޓުގައި ހިނގާ މުއްދަތުގައި އެ މީހަކު ދޫކޮށްލާފައި ބެހެއްޓުމަކީ އެ ކޯޓުގެ އިހްތިޔާރުގައިވާ ކަމެކެވެ.
މައުމޫން އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދެވީ މިދިޔަ ފެބްރުއަރީ މަހު އެމަނިކުފާނު ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން ފޯނު ނުދިން މައްސަލާ އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.
ފާރިސް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދެވީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވުމުންނެވެ.
ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދެވީ ރިޝްވަތުގެ ކުށެއް ސާބިތުވުމުންނެވެ. އެކަމަކު ހުކުމް ކުރިތާ ދުވަސްކޮޅެއް ފަހުން ގާސިމް ވަނީ ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލަތު
02 October 2018
މައސަލަ ސާބިތުވީއެއްނޫން ސާބިތުކުރީ ސާބިތުވެގެން ރައީސް މައުމޫންއަކައް ކޯޓަކުން ހުކުމެއް ނީއްވަ
ތަކުރުފާނު..
02 October 2018
. ހަގީގަތުގަވެސް މިގައުމު ޕްރެޝަރަކަށް ވައްޓާލާ ގައުމުގެ ކުރިއެރުން ހުއްޓުވާލުމުގެ އިސް މޭސްތިރިއަކީ ކާކުކަން އިންސާފަށް ލޯބިކުރާ ގައުމަށް ހެޔޮއެދޭ އެންމެނަށް އެގޭނެ.
އިޙަސަ
02 October 2018
އަނެއްކާ ކާކުބާ؟
ކިއްލިބާޝާ
02 October 2018
އިސްތިއުނާފުކޮށްފިއްޔާ ހައްތަހާ ވެއްޓޭނީ ޑިގު. އިތުރުގޮތެއް ނެތީމަ އިސްތިއުނާފް ނުކުރަނީ.
ހަނާ
02 October 2018
ދަންވަރު ކޯޓުހުޅުވައިގެން ނުރުހޭއެންމެން ޖަލަށްލައިދިން މީހުންދޯ މީ
ކުނި
02 October 2018
މިނިވަން މުއައްސަސާތައް ބުލީޗް ޖަހައިގެން ނަމަވެސް ދޮވެސާފުކުރަންޖެހޭ
ހުނި
02 October 2018
ޓެރަރިޒަމްގެ ގާނޫނުނޫން އެހެން ގާނޫނެއް ރާއްޖޭގައި އޮވޭތަ ނޯވޭދޯ މީ މޮޕީޖީއޮފީހުގެ ހާލަތުލަދުން ބޯހަލާކު
ތެމާ
02 October 2018
އެންމެގާނޫނެއް ރާއްޖޭގައި އޮންނަކަމަށް ހަދައިގެން 5 އަހަރުވަންދެން އުޅުނު ބައެއްތީ ތިމީހުނަށް އިތުބާރުކުރަން ހެޔޮނުވާނެ
ފޮނިޓައްޕު ހަސަނު
02 October 2018
ޔާމީނޫ ތި ޕްރޮޒެކިއުޓަރު ޖަނެރަލް ވަކިކުރަން ވީނުން.
އޭބީ
02 October 2018
ޕީޖީ އަކަށް އަވަހަށް ނިހާނު ހަމަޖައްސާ. އޭރުން އިސްތިޢުނާފުކުރާނެ
ވަލުކޮއެ
08 October 2018
ތީ ކެޔޮ ނިރު ދަނޑެއް ބެލެހެއްޓުމުގެ ޤާބިލްކަމެއް ލިބިފައިނެތުމުގެ އިތުރުން ކުކުޅުގެންގުޅެންވެސް ކަމުދާ މީހެއްނޫން. އެންމެ ހިނި އަންނަނީ ދިވެހިރާއްޖޭގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުޤައްރިރަކަށް އިންނައިރު ވާނުވާއެއް ނޭނގޭއިރު އަނގކޮފަން ލަދެއްނެތި ބޮނޑަހެދިފަ އެތަނުގަވެސްއިންނާތީ. އުޑެއް ބުޑެއް، ތަނެއް،ދޮރެއް ނޭނގޭ ހާލުގަ ފޯކާސްޓިންގ ވިސްނުމެއްނެތި މިފަދަ މީހުން މިމަޤާމްތަކުގައި ބައިތިއްބައިގެން ވަން-މޭން-ޝޯވ ކުޅެން އުޅުނީމާ ވާނެހައެތިއެއޮތީވެފަ.
ފުންއަސަރު
02 October 2018
ވެއްޖެ ކަމަކާ ހައްޖާ ހަމައޭ. ބާރުވެރިކަން ގެއްލުނީމާ ދެން ކުރެވޭނޭ މާކަ ބޮޑުކަމެއްނެތް. ލަދެއްގާ ބެދުމަށްވުރެ އެލަދުން ސަލާމަތްވެ ހުރުން މާ ރަނގަޅުވާނެ.
ވަހީދު
02 October 2018
އާދައިގެ ރައްޔިތެއް ކަފާލަތުން ދޫކޮށްލި ނަމަ އިސްތިއުނާފުކޮށް ސްޕްރީމް ކޯޓަށް ގޮސްގެން ވެސް އެމީހާ އަލުން ޖަލަށް ގެންދެވޭތޯ އުޅޭނެ. މީ އަލަށް ވާކަމެއްނޫން. ދިވެހި ތާރީޚުގައި މުޅިން ވެސް ހުރީ މިފަދަ ބޭއިންސާފު.