އައިއޯއެސް 12.1 އަޕްޑޭޓް މިހާރު ވަނީ ދޫކުރަން ފަށާފައި
05 އޮކްޓޯބަރ 2018 - 06:43
އެޕަލް އިން އެންމެ ފަހުން ނެރުނު ބައެއް ފޯނުތަކަށް ދިމާވާ ޗާޖު ނުވުމުގެ މައްސަލާގައި އެ ކުންފުނިން ވާހަކަ ނުދައްކާ ތިބުމަށް ފަހު، މައްސަލަ ހައްލުވެދާނެ އައިއޯއެސް އަށް އަޕްޑޭޓެއް ފޮނުވައިފި އެވެ.
އައިފޯން އެކްސްއެސް އާއި އެކްސްއެސް މެކްސް ޗާޖަށް ޖެހުމުން ޗާޖުވާން ފެށުމަށް ފަހު، ފޯން "އައިޑްލް" އަށް ދިއުމާ އެކު ޗާޖު ހުއްޓޭ ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ.
މި މައްސަލަ ހައްލުކުރަން ހެދި ކަމަށް ބެލެވޭ އައިއޯއެސް 12.1 އަޕްޑޭޓް މިހާރު ވަނީ ދޫކުރަން ފަށައިފަ އެވެ. އެކަމަކު އަދި މި އަޕްޑޭޓް އެންމެންނަކަށް ނުލިބެ އެވެ. އަލަށް ހެދި އިމޯޖީތަކެއް ވެސް މި އަޕްޑޭޓްގައި ހިމެނޭއިރު މި އަޕްޑޭޓް ބީޓާ ވާޝަންގެ ގޮތުގައި މިހާރު ވެސް ލިބެ އެވެ. އެހެންވެ ލަސްތަކެއް ނުވެ، އާންމުކޮށް މި އަޕްޑޭޓް ލިބޭނެ ކަމަށް ބެލެވެ އެވެ.
ޗާޖުކުރުމުގައި ދިމާވާ މައްސަލަތާ ބެހޭ ގޮތުން އެޕަލް އިން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ގިނަ ރިޕޯޓްތައް ބުނަނީ މި އަޕްޑޭޓްގައި، މައްސަލައިގެ ހައްލު ހިމަނާފައިވާ ކަމަށެވެ.
ޗާޖުކުރުމުގައި މައްސަލަ ދިމާވާ ކަމަށް ބުނެ އެންމެ ގިނައިން ޝަކުވާކުރަނީ އެކްސްއެސް އާއި އެކްސްއެސް މެކްސް ގެންގުޅޭ މީހުން ކަމަށް ވުމުން މިއީ މި ދެ ފޯނުގައި އުޅޭ މައްސަލައެއް ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް ކުރީގެ މޮޑެލްތައް ގެންގުޅޭ ބައެއް މީހުންނަށް ވެސް މި މައްސަލަ ދިމާވާ ކަމަށް ބުނެ ޝަކުވާ ކޮށްފައިވެ އެވެ. އެހެންވެ މިއީ އެންމެ ފަހުގެ އައިއޯއެސްގައި އުޅޭ މައްސަލައެއް ކަމަށް ވެސް ވަނީ ބެލެވިފަ އެވެ. އެހެން ކަމަށްވާ ނަމަ ދެން އަންނަ އަޕްޑޭޓަކުން މައްސަލަ ހައްލުވާނެ ކަމުގެ ޔަގީންކަން ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ުޔާމިން
05 October 2018
ޢެޕަލް އަކާނުކުލެވޭނެ
ޢަހްމަދު
05 October 2018
އަދިވެސް 35000 ދީފާ ފޭކް އައި ފޯނު ގަންނާތި.