ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

ޖައިލަމް: އަރަމުން އަންނަ ތަރިއެއް!

ލަނޑު ޖެހުމަށް ފަހު ފޯކައިދޫގެ ޖައިލަމް އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ

މީގެ ދެ އަހަރު ކުރިން ބީޖީ ސްޕޯޓްސް ކްލަބްގެ ޓްރަޔަލަކަށް އދ. ހަންޏާމީދޫ އަށް އުފަން އުމުރުން 16 އަހަރުގެ މުހައްމަދު ޖައިލަމް (އޮގީ) އައީ މާ ބޮޑު އުއްމީދުތަކެއް ނެތި އެވެ. ފުޓްބޯޅައިގައި ކުރިއެރުމުގެ ވިސްނުން ކުޑައިރު ވެސް ހުރުމުން އެ ކުޅިވަަރަށް އޮތް ލޯތްބާ ވެސް އެކުގަ އެވެ. ޓްރަޔަލްގެ ފުރަތަމަ ދުވަސްތަކުގައި މީހުންގެ ލޮލުގައި އަޅައިނުގަތް ނަމަވެސް ފަހުން ކުރި ބުރަ މަސައްކަތާ އެކު ފުރުސަތު ހޯދައި އޭގެ ދެ އަހަރު ފަހުން އޭނާ މި އަންނަނީ ރާއްޖޭގެ އެންމެ ބޮޑު މުބާރާތުގައި ށ. ފޯކައިދޫ ޖޯޒީގައި ފިޔަޖަހަމުންނެވެ. އުމުރުން 18 އަހަރުގެ ފޯވާޑް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ފަސް ގޯލު ޖަހައި ތިން މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަ އެވެ.

ބީޖީން 2016 ވަނަ އަހަރު ޓްރަޔަލް އަށް ހުޅުވާލީ އޭރު އެ ޓީމުގައި ހުރި ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. ޓްރަޔަލް އޮތް ފުރަތަަމަ ދުވަސްތަކުގައި ޖައިލަމް ޓީމަށް ނޭރުމުން ފުރަތަމަ އޭނާ އަށް ލިބުނީ މާޔޫސްކަމެވެ.

"ރައްޓެސަކު ބުނެގެން ރިސޯޓްގައި އުޅެފައި ޓްރަޔަލަށް އައީ. އަސްލު ފުރަތަމަ ޓީމަށް ނޭރީމަ ވަރަށް ދެރަވި. އެއީ ވަރަށް މަސައްކަތްކުރިން ފުރަތަމަ ވެސް. އޭރު ނޭރީ. އެކަމަކު ޓްރަޔަލްގެ ފަހު ވަގުތަށް ވެސް މަސައްކަތްކުރީމަ ކަންނޭނގެ ފަހު ދުވަހު ސެލެކްޓްވީ. އެ ހިސާބުން ވަރަށް ހިތްހަމަ ޖެހުނު،" ބީޖީ ޓީމަށް އެރި ގޮތް ޖައިލަމް "މިހާރަ"ށް ކިޔައިދިނެވެ.

ބީޖީގައި ޒުވާން އުމުރުގައި ގިނަ މެޗުތަކެއް ކުޅުމަކީ ހަގީގަތުުގައި ކުރިއަށް ދިއުމަށް އޭނާގެ އިތުބާރު ބޮޑުވި އެއް ސަބަބެވެ. މިހާރު ވެސް އެ ފުރުސަތުގެ މުހިއްމުކަން އޭނާ އުފަލާއެކު ފާހަގަކުރެ އެވެ.

"ޝާޒް ކޯޗު އޭރު ވެސް ބުނޭ މަސައްކަތް ކުރާށޭ ވާނެއޭ. އެގޮތަށް ދިޔައީ ކުޅެން ލިބޭ ކޮންމެ ޗާންސެއްގައި ވެސް ބޭނުންކުރިން،" ޖައިލަމް ބުންޏެވެ.

ބީޖީ އެ އަހަރު ރެލިގޭޓްވުމުން މިދިޔަ އަހަރު ޖައިލަމް ބަދަލުވީ ވިކްޓަރީ އަށެވެ. އެއީ އެ ޓީމަށް ޝާޒް ކޯޗު ވެސް ބަދަލުވުމާ އެކު އެވެ. އެކަމަކު ސީޒަން ނުފެށެނިސް ޝާޒް ކޯޗު ވިކްޓަރީން ވަކިކުރި އެވެ. ޖައިލަމް އަށް ޓީމުން ފުރުސަތު ނުލިބެން ފެށުމުން އޭނާ ކުޅެން ބޭނުންވާތީ ކުރީގެ ޓީމު ބީޖީ އަށް ދެ ވަނަ ޑިވިޝަނުގައި ކުޅެން ބަދަލުވި އެވެ.

"އަސްލު އެންމެ ބޮޑު ކަމަކަށް ބޭނުންވަނީ ބޮޑު ޓީމެއްގެ ބެންޗުގައި ހުންނާކަށެއް ނޫން. ބޭނުންވަނީ ކުޅެން. އެއީ މިހާރު ކުޅުނު އެއްޗެއްގެ ބޭނުން ހިފޭނީ. ނުކުޅެ ހުރެގެނެއް ކުރިނާރާނެ. ވިކްޓަރީގައި ޕްރެކްޓިސް ކުރާއިރު ވެސް ނުލިބޭ ކުޅެލަން ބާކީ ވެފައި ހުރި ގޮތަކަށް ވާތީ ކްލަބް ބަދަލުކުރީ،" ވިކްޓަރީ ދޫކޮށްލި ގޮތާ ބެހޭގޮތުން ޖައިލަމް ވާހަކަދެއްކި އެވެ.

ބީޖީއާ އެކު ދެ ވަަނަ ޑިވިޝަން ކުޅުމަށް ފަހު ޖައިލަމް ދެން މިދިޔަ އަހަރު ފެނުނީ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރި އީގަލްސް ޓީމުންނެވެ. އެ ޓީމުގައި ޖައިލަމް ކުޅުނީ ކުރިން ނުކުޅޭ ތަފާތު މަގާމަކަށެވެ. ޑިފެންސިވް މިޑްފީލްޑަރަކަށް އޭނާ ކުޅުނީ ޓީމުގެ އެދުމާ އެކު އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗަކަށް ފަހު ޖައިލަމް މޮޅު ކުޅުންތެރިއާގެ އެވޯޑް ހިފައިގެން. -- ފޮޓޯ: އެފްއޭއެމް

"އަސްލު ޑިފެންސިވް މިޑްފީލްޑަރަކަށް ނޫން ކުޅެން ބޭނުންވީ. އެކަމަކު ޓީމުން ޗާންސް ލިބުނީ އެ މަގާމުން. އަނެއްކާ ކުރިއަށް ކުޅޭ ރަނގަޅު ކުޅުންތެރިން ވެސް ތިބީމަ. އެހެންވެ ބޭނުންވީ ފުރުސަތުގެ ބޭނުން ހިފަން. ކުޅެލަން ބޭނުންވީ،" ޖައިލަމް ބުންޏެވެ.

ބީޖީ އަށް އެންމެ ފުރަތަމަ ދުވަހު ޖައިލަމް ކުޅުނުއިރު ވެސް އެ ޓީމުގައި ކޯޗު އަލީ ނިސްތާރު މުހައްމަދު ހުއްޓެވެ. އޭރު ބީޖީގެ އެސިސްޓަންޓެއްގެ ގޮތުގަ އެވެ. މިދިޔަ އަހަރު އއ. މާޅޮސް އިން ކޯޗިން ކެރިއަރު ފަށާ ނިސްތާރު މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ވެސް ފެނުނީ މާޅޮސް އިންނެވެ.

"މި ފަހަރު މާޅޮސް ޓީމަށް އޮގީ (ޖައިލަމް) ގެންދިޔައީ އިނގޭ އޭރު ވެސް އޭނަ މަސައްކަތް ކުރާނެކަން. އެއްވެސް މީހަކު ޑިސަޕޮއިންޓް ނުކޮށްލާ ވަރަށް ހިތްވަރުކުރާނެ. އެއީ އޭނަގެ ފަރާތުން ފެނިފައި ހުރި ކަންތައްތައް،" ޖައިލަމްއާ ބެހޭގޮތުން ނިސްތާރު ބުންޏެވެ.

ނަތީޖާއަކަށްވީ މާޅޮސް ޓީމަށް ޕްރިމިއާ ލީގުން ފުރުސަތު ނުލިބުމުން ނިސްތާރު ފޯކައިދޫއާ ހަވާލުވިއިރު، އެ ޓީމަށް ޖައިލަމް ގެނަ އެވެ. އެއީ އޭނާގެ މަސައްކަތް ފެނިފަ އެވެ.

"މިދިޔަ 70 ދުވަހުގެ ބޮޑު ބްރޭކުގައި ފޯކައިދޫ އިން އެކި ސަބަބުތަކާ ހުރެ ބައެއް ދުވަސް ތަކުގައި ޕްރެކްޓިސް ކުރިން ހަ ކުޅުންތެރިން ލައިގެން ވެސް. އޭގެ އިން ދުވަހަކު ވެސް އޮގީ (ޖައިލަމް) ނުފެނި އެއް ނުދާނެ. ގަޑިއަށް އަންނާނެ. ވަރުގަދަ އަށް ޕްރެކްޓިސް ކުރާނެ. މެޗުތަކުގައި ވެސް ޕްރެކްޓިހުގައި ވެސް 100 ޕަސެންޓް ދޭ،" ނިސްތާރު ބުންޏެވެ.

ފާއިތުވި އަހަރުތަކަށް ބަލާއިރު ރާއްޖޭގައި އެންމެ ހަލުވި ސްޕީޑެއްގައި ކުރިއަރައިގެންދިޔަ އެއް ކުޅުންތެރިއަކީ ނާއިޒު ހަސަން (ދާދު) އެވެ. ޖައިލަމް ދެކޭ ގޮތުގައި ކުރިއަރައިގެން ދިއުމުގައި ދާދު ދިޔަ ގޮތް މިސާލަކަށް ނެގިދާނެ އެވެ.

"އަސްލު ރާއްޖޭގައި ސްކިލް އަށް ބަލާއިރު (އަލީ އަޝްފާގު) ދަގަނޑޭ އެންމެ ކަމުދަނީ. ދެން ޔަންގް (ޒުވާން) ކުޅުންތެރިންނަށް ބަލާއިރު ދާދު ހުރީ. އަސްލު އޭނަގެ ވެސް މަސައްކަތުން އެހާ އަވަހަށް އެ ހިސާބަށް ދެވޭނީ. މީގެ އޮތީ ހިތްވަރު ކޮށްފައި މަސައްކަތްކުރުން،" ޖައިލަމް ބުންޏެވެ.

ދިރިއުޅުމުގައި އެކި ގޮންޖެހުންތަކާއި އެކި ހާލަތްތަކާ ކުރިމަތިވާއިރު ޖައިލަމް އަށް އަދިވެސް ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް ހިތްވަރު ލިބެނީ ގާތް މީހުންގެ ފަރާތުންނެވެ. އޭނާ ބުނީ އަބަދުވެސް މަސައްކަތް ކުރަނީ ކާމިޔާބީ ހޯދައި އުއްމީދުތަކާ އެއްގޮތަށް ކުރިއަށްދާން ކަމަށާއި ފުޓްބޯޅައިގައި ވެސް ބޭނުންވަނީ އެކަން ހާސިލްކުރުމަށް ކަމަށެވެ. އަދި އަބަދުވެސް އެކުގައި ހުންނަ މީހުންގެ އެއްބާރުލުން ފާހަގަކުރާ ކަމަށެވެ.

"ފުރަތަމަ ޓްރަޔަލް އަށް އައީ އެކުވެރިއަކާ އެކު. މިހާރު ވެސް އެންމެ އެހީވަނީ އެ މީހުން. ކުރިއަށް އޮތްތާގައި ވެސް އެ މީހުން މުހިއްމުވާނެ،" ޖައިލަމް ބުންޏެވެ.

4 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 2%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޭޑިއޯ

06 October 2018

ލޯބީވޭ ބުރޯ ތީ މޭން އެއް ހަމަ

The name is already taken The name is available. Register?

ހަލީލް7

06 October 2018

އެންމެ 16 އަހަރު ގަ މިސޮރު ބީޖީ ޓީމް ގަ ވެސް މޮޅައް ކުޅުނު. ބީޖީ ފަހުރު ވެރި ވާ ފަދަ މޮޅު ކުޅުންތެރި އަކައް ވުން އެއީ ޓީމް ގެ އެދުމެއް. ކާމިޔާ ބީ އައް އެދެން މަސައްކަތް ކުރާތި.

The name is already taken The name is available. Register?

ބޭބެ

06 October 2018

ސާބަސް.. ތީ ހަމަ މެންއެއް.. އަބަދުވެސް ތިގޮތުގްމަ ހުންނާތި.. ރާއްޖޭގެ ނަމްބާރ 1 އަށް ވާނެ..

The name is already taken The name is available. Register?

އަލީބަލީ

06 October 2018

ކޮއްކޯ ނަމަނަމަ ދެން ފަހަތަށް ނުޖެހޭތި. ހިއްވަރު ކޮއްފަ ކުރިއަށްދާން މަސައްކަތްކުރީމަ ކާމިޔާބުވާނީ. ޑިސިޕްލިން މީގަ އެއްޗަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454