ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

ފެހެންދޫ އަތުން ނިލަންދޫ އަށް މުހިއްމު މޮޅެއް

ފެހެންދޫގެ އަރީފް (ވ) ކައިރިން ނިލަންދޫގެ ފުގޭ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

06 އޮކްޓޯބަރ 2018 - 20:06

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ބ. ފެހެންދޫ އަތުން 3-1 އިން ހޯދި މުހިއްމު މޮޅާ އެކު ލީގުގެ ދެ ވަނަ ބުރުގެ ފުރުސަތު ފ. ނިލަންދޫ އިން ބޮޑުކޮށްފި އެވެ.

ލީގުގެ ދެ ވަނަ ބުރުގައި ވާދަކުރާނީ ގަދަ އަށް ޓީމެވެ. މިއަދުގެ މޮޅާ އެކު ނިލަންދޫ ވަނީ ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ހަތް މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، އަށް ވަނައިގައި އޮތް ވިކްޓަރީ އަށް ހަ މެޗުން ފަސް ޕޮއިންޓް ވަނީ ލިބިފަ އެވެ. ފެެހެންދޫ ނުވަ ވަނައިގައި އޮތީ ހަތް މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ތިމަރަފުއްޓަށް އަދި ލިބުނީ އެންމެ ޕޮއިންޓެކެވެ.

ލީގުގައި ފެހެންދޫ އާއި ނިލަންދޫ އަށް މި ބުރުގައި ބާކީ އޮތީ ދެ މެޗެވެ. ނިލަންދޫ ކުޅޭނީ ނިއު ރޭޑިއަންޓާއި އީގަލްސްއާ އެވެ. ފެހެންދޫ ބައްދަލުކުރާނީ އީގަލްސް އާއި މާޒިޔާއާ އެވެ.

މިއަދުގެ މެޗު ހަތަރެއް ޖަހާއިރު ފަށަން ހަމަޖެހިފައި އޮތް ނަމަވެސް މެޗު ފެށީ 4:30 ގަ އެވެ. އެއީ ވިއްސާރަވުމުގެ ސަބަބުން ފެހެންދޫ އަށް މާލެ އާދެވުނު ގަޑި ލަސްވުމުންނެވެ. ފެހެންދޫ ޓީމު މާލެ އަންނަނީ މެޗަށެވެ. އަދި ނިލަންދޫ ޓީމު ވެސް މެޗު ކުޅެން އަންނަނީ ރަށުގައި ޕްރެކްޓިސް ކުރުމަށް ފަހު އެވެ.

މި މެޗަށް ނުކުތްއިރު ފެހެންދޫ ޓީމަށް މި މުބާރާތުގައި ހުރިހާ މެޗެއް ކުޅެދިން ހުސެއިން ޝަރީފް (އޮންލީ) ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ. އަދި ސަސްޕެންޝަންގެ ސަބަބުން ނިލަންދޫ އިން ކުޅުނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިއާ ހަބީލާ ނުލަ އެވެ.

މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ ތިން ވަނަ މިނިޓްގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިއާ ލޫކަސް އެވެ. އޭނަ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ފެހެންދޫގެ ކުރިއަށް ކުޅެމުން ދިޔަ ތިން ކުޅުންތެރިން ކަަމަށްވާ އަހުމަދު ނިޒާމް (ނިޒާމްބެ) އާއި އަލީ ހާފިޒް (ހާއްޕެ) އަދި ހުސެއިން ސިފާހަށް ލިބޭ ބޯޅަތައް ހިފައިގެން އެޓޭކްކުރަން މަސައްކަތްކުރި ނަމަވެސް އެންމެ ފަހު ޕާސް ގޯސްވުމުން ބޭނުމެއް ނުހިފުނެވެ.

ނިލަންދޫ އަށް ލީޑުނަގައިދިނީ މެޗުގެ 33 ވަނަ މިނިޓްގައި އިބްރާހިމް ފުރުގާން (ފުގޭ) އެވެ. ފުރަތަމަ ޑިވިޝަނުގައި ކުރިން ނިއު ރޭޑިއަންޓާއި މާޒިޔާ އަށް ކުޅުނު ފާރޫގު އިސްމާއިލް ލިބުނު ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ ފުގޭ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިލަންދޫ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން އެ ޓީމުގެ ހަސަން ސުޖާއު ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ފެހެންދޫ އިން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ދެ ވަނަ މިނިޓް ތެރޭ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 47 ވަނަ މިނިޓްގައި ހާއްޕެ ދިން ބޯޅަ އަކުން މި ލަނޑު ޖެހީ އިބްރާހިމް މާޖިދު އެވެ. ފެހެންދޫ އަށް އެ ނަތީޖާގައި ހިފަހައްޓާލެވުނީ ހަތަރު މިނިޓް ވަންދެނެވެ. މެޗުގެ 53 ވަނަ މިނިޓްގައި ނިލަންދޫން އަލުން ލީޑު ނެގީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިއާ ލަމްޓޭ ސެމިއުލް ޖެހި ގޯލުންނެވެ.

ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރަން ފެހެންދޫގެ އާދަމް ނިޒާމް (ކިތުނާ) އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ. އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ނިލަންދޫގެ ކީޕަރު އަލީ ސޮބާހު ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން ވެސް ފެހެންދޫ އިން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. ފެހެންދޫ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަަކަށްވީ ނިލަންދޫ އިން ލިބުނު ފުރުސަތުގެ ބޭނުން ހިފައި އިތުރު ލަނޑެއް ޖެހުމެވެ.

ނިލަންދޫ އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު ޝާން އެވެ. ފެހެންދޫގެ ކީޕަރު އިބްރާހިމް ޒަޔާން ކައިރިން ނައްޓާލުމަށް ފަހު ޝާން ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ނިލަންދޫ ޓީމުގެ ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުމަށް ވަރަށް ބޮޑަށް ޓާގެޓްކޮށްގެންކަމަށާއި ކުޅުންތެރިންގެ ބުރަ މަސައްކަތާ އެކު އެކަން ހާސިލްކުރެވުމުން ވަރަށް ހިތްހަަމަ ޖެހޭ ކަމަށެވެ.

ފެހެންދޫ ޓީމުގެ މެނޭޖަރު މޫސާ ނަސީމް ބުނީ މި މެޗަށް އައީ ވަރަށް އުނދަގޫ ހާލަތެއްގައި އޮވެފައި ކަމަށާއި މޫސުން ހުރި ގޮތުން ކަޑުމަގުން އާދެވޭ ގޮތް ނުވުމުން ޖެނުނީ ބ. ދަރަވަންދޫ އަށް ގޮސް ފްލައިޓުން މާލެ އަންނަން ކަމަށެވެ. އަދި ދަނޑަށް އާދެވުނީ ވެސް މެޗު ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ކަމަށެވެ. އަދި މިއީ ރަނގަޅަށް ތައްޔާރުވެވުނު ނަމަ މޮޅުވެވޭނެ މެޗެއް ކަމަށާއި އެހެން ނަމަވެސް ހާލަތު ދިމާވިގޮތުން ވަރުބަލިކޮށް ތިބެ ވެސް ކުޅުންތެރިން މޮޅުވާން ކުރި މަސައްކަތް ފާހަގަކުރާ ކަމަށް ބުންޏެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454