ފަހު ވަގުތު ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
07 އޮކްޓޯބަރ 2018 - 08:53
މެންޗެސްޓާ (އޮކްޓޫބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ފަހަތުން އަރައި ނިއުކާސަލް ޔުނައިޓެޑް އަތުން 3-2 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ކުރިއަށް އޮތްތާގައި ކިތަންމެ ޕްރެޝަރެއް ކުރިމަތިވި ވިޔަސް މުސްތަގުބަލާމެދު ހާހެއްނުވާ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ރޭގެ މެޗުގެ ކުރިން އިނގިރޭސި މީޑިއާގައި ދެކެވުނު އެންމެ ބޮޑު ވާހަކަ އަކީ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ހޯސޭ މޮރީނިއޯ އަށް އެ ޓީމުގެ ކޯޗުކަމުގެ ވަޒީފާ ގެއްލޭނެ ކަމަށެވެ. އެކަމަކު މެޗު ފެށެން ކުޑަ ވަގުތު ކޮޅަކަށް ވެފައި އޮއްވައި ޔުނައިޓެޑުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ޔުނައިޓެޑަށް ރޭގެ މެޗުގެ ފެށުނީ ވެސް ގޯސް ކޮށެވެ. މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭ ނިއުކާސަލް އިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ހަތް ވަަނަ މިނިޓްގައި ކެނެޑީ ޖެހިއިރު، އޭގެ ތިން މިނިޓް ފަހުން ޖަޕާނުގެ ފޯވާޑް ޔޮޝިނޯރީ މޫޓޯ ވަނީ ލީޑުފުޅާކޮށްދީފަ އެވެ. އޭގެ އިރުކޮޅެއް ފަހުން މޫޓޯ ޖެހި ބޯޅައެއް ޔުނައިޓެޑް ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ 19 މިނިޓަށް ފަހު ފަހަތަށް ކުޅެމުން ދިޔަ އެރިކް ބެއިލީ ބޭލުމަށް ފަހު ހުއަން މަޓާ ކުޅެން އަރުވައިފަ އެވެ. އަދި އޭގެ ފަހުން ދެ ވަނަ ހާފް ފެށީ މަރުއާން ފެލައިނީ އަރުވައިގެންނެވެ. ޔުނައިޓެޑުން ތިން ގޯލު ޖެހީ ވެސް ފަހު 20 މިނިޓް ތެރޭގަ އެވެ.
މެޗުގެ 70 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން މަޓާ ފުރަތަމަ ލަނޑު ޖެހިއިރު، އޭގެ ހަ މިނިޓް ފަހުން ނަތީޖާ ހަމަހަމަ ކޮށްދިނީ އެންތަނީ މާޝިއަލް އެވެ. އިތުރު ވަގުތުގައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލެކްސިސް ސަންޗޭޒް އެވެ.
މެޗަށް ފަހު މޮރީނިއޯ ބުނީ ގިނަ ބަޔެއްގެ ބޭނުންވަނީ އޭނާ ކުށްވެރިކުރާނެ ގޮތެއް ހޯދުމަށް ކަމަށާއި އެހެންނަމަވެސް ފަހަތަށް ޖެހުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"މާދަމާ ލަންޑަންގައި ވިއްސާރަ ވެހުމަކީ ވެސް އަހަަރެންގެ މައްސަލައެއްތޯ ރައްޓެއްސަކު ސުވާލުކުރި. ފަހަރެއްގައި ބްރެކްސިޓްގެ އެއްބަސްވުމުގައި ކަންތައް ހަމަނުޖެހުން ވެސް އެއީ އަހަރެންގެ މައްސަލަ ކަމަށް ވެސް ހީކޮށްފާނެ. އަހަރެންގެ މައްސަލައެއް ނެތް އެންމެން އަހަރެންގެ ކުށް ހޯދަން މަސައްކަތްކުރިޔަސް. މީހުންގެ ފާޑުކިޔުން އަމާޒުވެގެން އަހަރެން ބޮޑުވީ ވެސް،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ މި ފާޑުކިޔުންތަކަކީ އޭނާ އަށް ހުރަހެއް ކަމުގައި ނުވި ނަމަވެސް އެ ޓީމުގެ ކުޅުންތެރިންނަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ.
"ރެޝްފޯޑް ދަނޑުމަތީގައި ހުރީ ދެރަވެފައި. މެކްޓޮމިނޭ ހުރީ ބިރުން. ދެން އެ އަށް ވުރެ އުމުރުން ދޮށި ކުޅުންތެރިން ވެސް ތިބީ ގޯހެއް ހެދިދާނެތީ ބިރުން. މިއީ މި ވަގުތު ހާލަތު އޮތްގޮތުން. އެކަމަކު އަހަރެން ބޭނުންވި ގޮތެއް ނޫން މިއީ. އަހަރެން މި ކްލަބާ އެކު 2020 އާ ހަަމައަށް ކޮންޓްރެކްޓް އެބައޮތް. އަހަރެން އެ މީހުން ބޮލުގައި ބަޑިޖައްސައިގެން ހޯދި ކޮންޓްރެކްޓެއް ނޫން މިއީ. އެ މީހުން ބޭނުންވެގެން ދިން އެއްބަސްވުމެއް މިއީ،" މޮރީނިއޯ ބުންޏެވެ.
މި މޮޅާ އެކު ޔުނައިޓެޑް އޮތީ އަށް މެޗުން 13 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. ރޭގެ މެޗުން މޮޅުވެގެން ނިއުކާސަލް އަށް ރެލިގޭޝަން ޒޯނުން ސަލާމަތްވެވެން އޮތެވެ. އެކަމަކު އެ ޓީމު އޮތީ މޮޅެއް ނުލިބި އަށް މެޗުން ދެ ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގަ އެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު އަމިއްލަ ދަނޑުގައި ޓޮޓެންހަމް ވަނީ 1-0 އިން ކާޑިފް ސިޓީ ބަލިކޮށްފަ އެވެ. ރަށުންބޭރުގައި އެވަޓަން ވަނީ 2-1 އިން ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. ވަޓްފޯޑް އަތުން ބޯންމައުތު 4-0 އިން މޮޅުވިއިރު، މިއީ ޕްރިމިއާ ލީގުގައި ރަށުންބޭރު ކުޅުނު މެޗުން ބޯންމައުތަށް ލިބުނު އެންމެ ބޮޑު މޮޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
07 October 2018
މަރުހަބާ ޔުނައިޓެޑް.ރޭގަ މެޗްގެ ފަހު 20 މިނިޓްގަ އެފެނުނީ އަސްލު މެންޔޫ.މަރުހަބާ ޔުނައިޓެޑް ފޭންސް.ވ.ވެދުން
އަންްނި
07 October 2018
ފަހު 20 މިނިޓް އެކަންޏެއް ނޫން، މުޅި 2ވަނަ ހާފްގަވެސް. އަދި ފުރަތަމަ ހާފްގެ ބޮޑު ބައިގަވެސް. މުޅި މެޗުގަ ޑިފެންސްކޮށްގެން ކުޅުނު ނިއުކާސްލް ކޮޅަށް ލަނޑު ޖެހޭވަރުވީ ފަހު 20 މިނިޓްގަ. އޭގެ ކުރިން ޔުނައިޓެޑް އެކުޅުނު ގޮތަށް ނުކުޅުނު ނަމަ ނިއުކާސްލް އިން އިތުރު ލަނޑު ޖަހާ، މެޗް ކާމިޔާބުކުރުމާ ގާތީ. ނަމަވެސް ޑިފެންސަށް ބާރުބޮޑުކޮށް ކުރަމުންދިޔަ ޕްރެޝަރުން ފަހުވަގުތު ޑިފެންސް ފޫއަޅުވާލެވުނީ. މެޗުގެ ފެށުން ފިޔަވާ ޔުނައިޓެޑުން ދެއްކީ މޮޅު ކުޅުމެއް.
ރަދީފް ފުރެންޑް
07 October 2018
ފަހު 20 މިނެޓެއް ނޫން 19 ވަނަ މިނެޓްގަ ހުއާން މަޓާ ކުޅެން އެރިހިސާބުން ފެނުނީ އަސްލު ޔުނައިޓެޑް
ރަދީފްް
07 October 2018
ޔުނައިޓެޑް ފޭނެއްގެ ހައިސިއްޔަތުން ރޭގެ މެޗު ބެލުމަށްފަހު ޔަގީންކުރެވިއްޖެ އަސްލު މައްސަލައަކީ މޮރީނިއޯ ނޫންކަން. ކުޅުންތެރިންވެސް ހަބޭސް. އެމީހުންނަށް އެހާވަރަށް ޕްރެޝަރ ދޭ މީހުން ގޯހީ. ރޭގަ ފެނުނީ 2-0 އިން ފަހަތުގައި އޮތް އިރުވެސް އެންމެ ފަހު ވަގުތާ ޖެހެންދެން މޮޅުވާން ކުރި މަސައްކަތް. މޮރީނިއޯގެ މޮޅުކަން އެނގެނީ ބަދަލު ކުރި 3 ކުޅުންތެރިންގެ ތެރެއިން 2 ކުޅުންތެރިން ލަނޑުޖެހުމުން.