ގައުމީ ވޮލީބޯޅަ މުބާރާތުގައި އިއްޔެ ޕޮލިހާއި ވެމްކޯ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 އޮކްޓޯބަރ 2018 - 08:58
ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ކުޅުނު މެޗުން ކްލަބް ވެމްކޯ އަތުން 3-2 ސެޓުން ބަލިވި ނަމަވެސް ޕޮލިސް ކްލަބް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ޕޮލިހަށް އެއް ވަނަ ލިބުނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދި ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް އެވެ. ތިން ވަނައިގައި އޮތް ވެމްކޯ އަށް ލިބުނީ ދެ މެޗުން ދެ ޕޮއިންޓެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ވެމްކޯ އިން ގެންދިޔައީ 14-25 އިންނެވެ. ދެން ކުޅުނު ދެ ސެޓު 25-20 އިން ގެންގޮސް ޕޮލިހުން ހަމަޖެހިލި ނަަމަވެސް ވެމްކޯ އިން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި ފަހު ދެ ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ. ވެމްކޯ އިން ސެޓުތައް ގެންދިޔައީ 22-25 އަދި 13-15 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯ އަށް މި މޮޅު ހޯދައިދިނުމުގެ މުހިއްމު ދައުރެއް އަދާކުރި މަރިޔަމް އަޒީފާ އެވެ.
އެސޯސިއޭޝަން ކަޕްގައި ރޭ ކުޅުނު މެޗުން މޮޅުވުމުން ސިފައިންގެ ކްލަބް ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަންނަ ބުދަ ދުވަހުގެރޭ ކުޅޭ ފައިނަލް މެޗުގައި ޕޮލިހާ ދެކޮޅަށް ނުކުންނަ ޓީމެއް ކަނޑައެޅޭނީ މިއަދު ހަވީރު ކުޅޭ ސެމީ ފައިނަލް މެޗުންނެވެ. މިއަދު ހަވީރު ކުޅޭ ސެމީ މެޗުގައި ވެމްކޯ ނުކުންނާނީ ފޮނަދޫއާ ދެކޮޅަށެވެ. މި މުބާރާތުގެ ފުރަަތަމަ މެޗުން ފޮނަދޫ ވަނީ ސީދާ ތިން ސެޓުން ވެމްކޯ ބަލިކޮށްފަ އެވެ.
ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ދިވެހި ސިފައިންގެ ކްލަބާއި މަލްސަން ސްޕޯޓްސް ކްލަބް އެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސިފައިންނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-20، 25-17 އަދި 25-14 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބްގެ އަހުމަދު ސައީދު (ސޭންޑީ) އެވެ.
އެސޯސިއޭޝަން ކަޕްގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އާއި ސްޕޯޓްސް ކްލަބާއި ހޯކްސް ސްޕޯޓްސް ކްލަބް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy