ވިލާ ކޮލެޖު އިމާރާތުގެ ބޭރު: ރާއްޖޭގައި އެންމެ ކާމިޔާބު އެއް ކޮލެޖު-- މިހާރު ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
18 އޮކްޓޯބަރ 2018 - 15:26
ވިލާ ކޮލެޖުގެ ފުލްޓައިމް މުވައްޒަފުންނަށް ރިސާޗު ހަދަން އެއް ލައްކަ ރުފިޔާއާ ހަމައަށް މާލީ އެހީ ދޭ ސްކީމެއް ރޭ ތައާރަފުކޮށްފި އެވެ.
އެ ކޮލެޖުގެ ރިސާޗު ސެންޓަރުގެ ޑީން ޑރ. އަހުމަދު ޝާހިދު ވިދާޅުވީ ވިލާ ކޮލެޖުގެ ފުލްޓައިމް މުވައްޒަފުންނަށް ހާއްސަކޮށްފައިވާ އެ ފުރުސަތަށް އަންނަ ޖެނުއަރީ 17އާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. ހުށައެޅުންތައް ދިރާސާކުރުމަށް ފަހު 5-10 މީހުންނަށް ރިސާޗު ހެދުމުގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އެހީގެ ދަށުން 50،000ރ އާއި 100،000ރ. އާ ދެމެދުގެ މާލީ އެހީތެރިކަން ވިލާ ކޮލެޖުން ދެ އެވެ.
ސްކީމުގެ ދަށުން ރިސާޗު ހަދަން ވަރަށް ގިނަ ދާއިރާތަކެއް ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި ސިއްހީ ދާއިރާ އާއި ތައުލީމާއި ޑިމޮކްރަސީ ފަދަ ދާއިރާތައް ހިމެނެ އެވެ. އެމީހަކު ބޭނުން ދާއިރާއަކުން ރިސާޗު ހެދޭނެ އެވެ.
ވިލާ ކޮލެޖުގެ ރިސާޗު ސެންޓަރުގެ ޑީން ޑރ. ޝާހިދު -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ޝާހިދު ވިދާޅުވީ ވިލާ ކޮލެޖަކީ ހަަމައެކަނި މަތީ ތައުލީމް ފޯރުކޮށްދޭ ތަނަކަށް ވުމުގެ ބަދަލުގައި ރިސާޗު ހަދަން ވެސް އިސްކަންދޭ ކަމަށެވެ. އެހެންވެ އެ އެހީއަކީ ވިލާ ކޮލެޖުން ކުރާ އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވި އެވެ.
"ކޮލެޖަށް ވުރެ ބޮޑަށް ގައުމީ ބޮޑެތި މައްސަލަތަކުގައި ދިރާސާކުރެވޭނެ. މި ކޮލެޖުގެ ވަރަށް ބޮޑު މަސައްކަތެއް އެއީ ރިސާޗުގެ ބަޔަކަށް ވުން،" ޝާހިދު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި މި ކޮލެޖުގެ އަމިއްލަ ބަޖެޓުން އެކަނި އެކަން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ރިސާޗު ގްރާންޓް ސްކީމަށް އެހެން ފަރާތްތަކުން ބައިވެރިކުރެވިގެން މިކަން ފުޅާކުރެވިގެންދާނެ. އަޅުގަނޑުމެން މިހާރު މި އަންނަނީ ބޭރުގެ ފަރާތްތަކާ ގުޅިގެން ވެސް މަސައްކަތްކުރަންމުން."
ވިލާ ކޮލެޖުން މާލީ އެހީތެރިކަން ދޭ ރިސާޗުތައް އަހަރެއްގެ ތެރޭގައި ނިންމަން ޖެހެ އެވެ. އެއަށް ފަހު ބައިނަލްއަގުވާމީ ކޮންފަރެންސްތަކާއި ބޮޑެތި ޖާނަލްތަކުގައި އެ ރިސާޗު ޕަބްލިޝްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޭސީ
18 October 2018
އަޅެ މުވައްޒަފުންނަށް އެކަނިތޯ؟ އަޅުގަނޑު މުޅި ރާއްޖެ ހިމެނޭ ޕޮޕިއުލޭޝަން ބޭސްޑް ސްޓަޑީއެއް ހަދަން ފަންޑު ނުލިބިގެން މިއުޅެނީ. މަސައްކަތް ކުރަނީ ސަރުކާރުގަ. މިހާތަނައް ސަރުކާރުން ނުކޮށް ދޫކޮށްލާފަ އޮތް ވަރަށް މުހިއްމު މަސައްކަތެއް. ވިލާއިން ފަންޑުދޭ ނަމަ ކޮލެޖުގެ ދަށުން ކުރާކަށްވެސް ފަރުވާލެއްނެތް.
ވިޔާނި
18 October 2018
ޕްރޮޕޯސަލް ޕޯސްޓްކޮށްލާ (އަމިއްލަ ބްލޮގެއްގަ ވިޔަސް އޯކޭ). ރަނގަޅިއްޔާ ފަންޑު ހޯދަދޭނަން.
އެނގުނަސް
18 October 2018
ސެންސަސްގެ ތެރެއިން ބައިވަރު ސްޓަޑީޒް ހަދާ. ހަދަން ބޭނުންވެގެންތިއުޅޭ އެއްޗެއް ބުނެލިނަމަ.