ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

ރިޒޭ އާއި ނާއިމްގެ ހެޓްރިކާ އެކު އީގަލްސް އަށް މޮޅެއް

އީގަލްސްގެ މުހައްމަދު ނާއިމް (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަސް މެޗުގެ ތެރޭ އަހުމަދު ރިޒުވާން (ރިޒޭ) ހެދި ހަތަރު ވަނަ ހެޓްރިކާއި ޒުވާން ފޯވާޑް އަހުމަދު ނާއިމްގެ ހެޓްރިކާ އެކު އެކު ފ. ނިލަންދޫ އަތުން 8-0 އިން މޮޅުވެ ކްލަބް އީގަލްސް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އަލުން އަރައިފި އެވެ.

މި މެޗަށް އީގަލްސް ނުކުތްއިރު އެ ޓީމަށް ވަނީ ލީގުގެ ދެ ވަނަ ގެއްލިފަ އެވެ. އެއީ މިއަދު ހަވީރު ގްރީން ސްޓްރީޓްސް އަތުން މާޒިޔާ މޮޅުވުމުންނެވެ. މި މެޗުން ހޯދި މޮޅާ އެކު އީގަލްސް އަލުން ދެ ވަނަ އަށް އެރީ 10 މެޗުން 23 ޕޮއިންޓް ހަަމަކޮށްގެންނެވެ. މާޒިޔާ މި ވަގުތު ތިން ވަނަައިގައި އޮތީ 10 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެއް ވަނައިގައި ޓީސީ އޮތީ ނުވަ މެޗުން 24 ޕޮއިންޓާ އެކު އެވެ.

މި މެޗަށް ނުކުތްއިރު އީގަލްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ހުރީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ. އަނެއްކޮޅުން ސަސްޕެންޝަނުގެ ސަބަބުން ނިލަންދޫގެ ޑިފެންޑަރު އަހުމަދު ސާޖިދު ވެސް ނުކުޅެ އެވެ.

މާލީ މައްސަލަތަކާ ގުޅިގެން ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯ ފޮނުވާލުމުން އީގަލްސްގެ ފޯވާޑް ލައިން ނިކަމެތިވާނެ ކަމަށް ބެލެވުނު ނަމަވެސް ރިޒޭ އަންނަނީ އެތަން ފޫބައްދަމުންނެވެ. އޭނާ މިވަނީ ފަސް މެޗުގައި ޖުމްލަ 16 ގޯލް ޖަހައިފަ އެވެ. ތ. ތިމަރަފުށި ކޮޅަށް ހަތަރު ގޯލް ޖެހިއިރު އޭގެ ފަހުން ކުޅުނު މެޗުގައި ށ. ފޯކައިދޫ މެޗާއި ބ. ފެހެންދޫ މެޗުގައި އޭނާ މިވަނީ ހެޓްރިކް ހަދައިފަ އެވެ. އަދި މިދިޔަ ހަފްތާގައި ފުރަތަމަ ބުރުގައި ނިލަންދޫ އަތުން އީގަލްސް 7-2 އިން މޮޅުވި މެޗުގައި ރިޒޭ ދެ ގޯލު ޖެހިއިރު، މިރޭގެ މެޗުގައި މި ވަނީ ހެޓްރިކެއް ހަަދައިފަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭ ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނުއިރު ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. އީގަލްސްގެ ހުސެއިން ޝިފާއު (ކުރޯ) މެޗުގެ 10 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އަދި ނިލަންދޫގެ ފޯވާޑް ލޫކަސް ހުސްކޮށްވަދެ ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ސްރީލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

އީގަލްސް އަށް ލީޑުނަގައިދިނީ މެޗުގެ 23 ވަނަ މިނިޓްގައި ކުރޯ އެވެ. އަހުމަދު ރިޒޭ ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާ ތެރެއިން ހޯދުމަށް ފަހު ކުރޯ ޖެހި ބޯޅަ ގޯލަށް ވަނީ ނިލަންދޫގެ ކީޕަރު އަލީ ސޮބާހު އަތުގައި ޖެހިފަ އެވެ.

އީގަލްސްގެ ލަނޑަށް ފަހު ނިލަންދޫ އަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. އެ ޓީމު ކުރިން ކުޅެމުންދިޔަ ކުޅުން ދައްކަން އުނދަގޫވި އެވެ. އޭގެ ފައިދާ ނަގައި ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސް އިން ވަނީ އިތުރު ތިން ލަނޑު ޖަހައިފަ އެވެ.

މިރޭގެ މެޗުގެ ތެރެއިން ރިޒޭ (މ) ނިލަންދޫ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސްގެ ދެ ވަނަ ލަނޑު މެޗުގެ 39 ވަނަ މިނިޓްގައި މުހައްމަދު ނާއިމް ޖެހީ ނިލަންދޫ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު އެވެ. އޭގެ ހަތަރު މިނިޓް ފަހުން އީގަލްސްގެ ތިން ވަނަ ލަނޑު ޖެހީ އުޒްބެކިސްތާނުގެ ޑިފެންޑަރު ކޮމިލޯވް އަބްދުރަސުލް އެވެ. އޭނާ މި ލަނޑު ޖެހީ ކޯނަރަކުން ހުރަސްވި ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އީގަލްސްގެ ހަތަރު ވަނަ ލަނޑު ރިޒޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހީ ނާއިމް އެވެ. އޭނާ އެ ބޯޅަ ގޯލަށް ވައްދާލީ ކީޕަރު ސޮބާހަށް ފުރުސަތެއް ނުދީ އެވެ. ދެ ވަނަ ހާފް ފަށައިގެން ހަ މިނިޓް ތެރޭ އީގަލްސްގެ ފަސް ވަަނަ ލަނޑު ޖެހީ އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން ރިޒޭ އެވެ. އޭގެ ފަސް މިނިޓް ފަހުން ރިޒޭ ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ.

ނިލަންދޫ އަށް ލަނޑެއް ޖަހައިދޭން މެޗުގެ 71 ވަނަ މިނިޓްގައި އޭރިއާ ތެރެެއިން ލޫކަސް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އީގަލްސްގެ ހަތް ވަަނަ ލަނޑު ޖަހައި ރިޒޭ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 80 ވަނަ މިނިޓްގަ އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެރެއިން ނިލަންދޫގެ ކީޕަރު ސޮބާހާއި ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު އެވެ.

މެޗުގެ 88 ވަނަ މިނިޓްގައި ނާއިމް ވަނީ އީގަލްސްގެ އަށް ވަނަ ގޯލު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އޭނާ މި ލަނޑު ޖެހީ ރިޒޭ ދިން ބޯޅައަކުންނެވެ.

ނިލަންދޫގެ ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުގެ އިތުރުން ސީޒަން ދިގުލައިގެން ދިއުމުން ކުޅުންތެރިން މެޗުތަކަށް ގެނައުމުގައި އުނދަގޫތަކެއް ކުރިމަތިވަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެ ޓީމުން ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލްވެވޭނެ ކަމަށެވެ.

"މާގިނަ ގޯލުތަކެއް ވަނަނުދޭން ކުޅުމުގެ ބަދަލުގައި މި ބަލަނީ ރަނގަޅު ކުޅުމެއް ދައްކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓާގެޓް ކަމަށްވާ ރާއްޖެތެރޭގެ ޓީމުތަކުގެ ތެރެއިން އެންމެ ކުރީގައި އޮންނަ ޓީމަށްވުމަށް މަސައްކަތް މިކުރަނީ. ކުރިން ވެސް އެނގޭ މި އީގަލްސް، މާޒިޔާ ދެން ޓީސީ ކަހަލަ ޓީމުތަކާ ކުޅޭއިރު މިހެން ނަތީޖާ އައިސްފާނެކަން،" ކުރީގެ ފޯވާށް ލައްޗޭ ބުންޏެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ އެއް ޓީމަކާ ދެކޮޅަށް ގާތްގާތުގައި ދެ މެޗު ކުޅެން ޖެހޭއިރު ދެ ވަނަ މެޗަށް ނުކުންނައިރު އަބަދުވެސް އުނދަގޫވާނީ ވަރުގަދަ އަށް އޮންނަ ޓީމަށް ކަަމަށެވެ. އަދި އެކަން މި މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭގައި ފެނުނު ކަމަށާއި އެކަމަކު ފަހުން ދިޔައީ ހުރިހާ ކަމެއް ވެސް ރަނގަޅަށް ކަމަށް އޭނާ ބުންޏެވެ.

"ފަށައިގެން ކޮންމެވެސް ވަރަކަށް ޕްރެޝަރަށް ދިޔަ ލިބުނު ދެ ޗާންސެއް ދިޔައީމަ. އެކަމަކު ގޯލުތައް ޖެހެން ފެށި ހިސާބުން މެޗުގެ ކޮންޓްރޯލް އަޅުގަނޑުމެންނަށް އެއްކޮށް ލިބިއްޖެ. މި ވަރަށް ޖެހޭނެކަމަށް ހިއެއް ނުކުރަން. އެކަމަކު މިއީ ބުރަ މަސައްކަތް ކުޅުންތެރިން އުއްމީދަކީ ކުރިއަށް ހުރި މެޗުތަކުގައި ވެސް މި ކުޅުން ދެއްކޭނެ ކަމަށް،" މޯހަން ބުންޏެވެ.

ލީގުގައި މާދަމާ ހަވީރު ޓީސީ ބައްދަލުކުރާނީ ވިކްޓަރީއާ އެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅެން އޮތް މެޗަށް މާލީ މައްސަލަތަކެއްގެ ސަބަބުން ވިކްޓަރީ ހާޒިރުނުވުމުން އެ މެޗު ވަނީ ޓީސީ އަށް ލިބިފަ އެވެ. ލީގުގައި މާދަމާރޭ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ބައްދަލުކުރާނީ ފޯކައިދޫއާ އެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 20%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕުތަރަދީފް

23 October 2018

ދިވެހި ފުޓުބޯޅަ މިހާރު އޮތް ހާލަތުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތަކަކީ ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާއި ސިޔާސީ މީހުންނާއި އެފްއޭއެމް. މިގޮތުން ވެލެންސިއާ ހަލާކުކޮށްލީ ޖާބިރު، ވިކްޓަރީ މައްސަލަގަނޑެއް ތެރެއަށް ވައްޓާލީ ޤާސިމް، މިހާރު ނިއުރޭޑިއަންޓް މައްސަލަގަނޑެއްގެ ތެރޭގަ އެއޮތީ ޒިޔާދު ސަރ ގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން. އެފްއޭއެމް އިން ކަންމަތީ ޒުވާނުންނަށް ގައުމީލެވެލްގެ ކުޅިވަރުގައި ބައިވެރިވުމަށް ހުއްދަކުރުމަކީ ދިވެހި ފުޓުބޯޅައިގެ ހަލާކު

The name is already taken The name is available. Register?

އިއްސޭ

22 October 2018

އަންނަ މަހު ރާއްޖެ މެލޭޝިއާގައި ކުޅޭ މެޗުގައި ރިޒޭ ފެންނާނެކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454