ސިފައިންގެ ކުޅުންތެރިން މެޗެއްގެ ތެރެއިން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
26 އޮކްޓޯބަރ 2018 - 10:43
ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުތަކުން ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް މޮޅުވެ ފެށުން ރަނގަޅުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ޕޮލިސް މޮޅުވީ އާއި ސްޕޯޓްސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި އަންގާރަ ދުވަހުގެރޭ ބަލިވުމުގެ މާޔޫސްކަން ދުއްވާލުމަށް ރޭގެ މެޗުގައި ޕޮލިހުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ޕޮލިހަށް ކުޅޭ ޕާކިސްތާނުގެ ކުޅުންތެރިޔާ މުރާދު ޖީހާންގެ މޮޅު ކުޅުމާ އެކު އެ ޓީމުން ސެޓުތައް ގެންދިޔައީ 25-14، 25-15 އަދި 25-12 އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުރާދު އެވެ.
މުބާރާތުގައި ރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ސިފައިންނަށް ގުޑީސް އަތުން ހޯދުނީ އުނދަގޫ މޮޅެކެވެ. ސިފައިން މި މެޗުން މޮޅުވީ ފަހަތުން އަރައި 3-1 ސެޓުންނެވެ. ގުޑީސް އިން މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 16-25 އިންނެވެ. ފުރަތަމަ ސެޓު ގެއްލުމުން ސިފައިން އިތުރު ހިތްވަރެއް ލައިގެން ނުކުމެ ވަނީ ދެން ކުޅުނު ތިން ސެޓު ގެންގޮސް މެޗު ކާމިޔާބު ކޮށްފަ އެވެ.
ސިފައިން ފަހު ތިން ސެޓު ގެންދިޔައީ 25-23، 27-25 އަދި 25-23 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ކުޅުންތެރިއާ މުހައްމަދު ވަސީމް އެވެ.
ގައުމީ ލީގު ކެންސަލްކުރުމުން ގައުމީ މުބާރާތަށް ޓީމުތައް ހޮވީ އެސޯސިއޭޝަން ކަޕުންނެވެ. މި ފަހަރުގެ ގައުމީ މުބާރާތުގައި ވާދަކުރަނީ އެސޯސިއޭޝަން ކަޕްގެ ގަދަ ހަ ޓީމެވެ. އެ ހަ ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ސިފައިން ނުކުންނާނީ މަލްސަންއާ ދެކޮޅަށެވެ. މި މެޗުން މޮޅުވެއްޖެނަމަ ސިފައިންނަށް ސެމީގެ ޖާގަ ޔަގީންވާނެ އެވެ. އަނެއްކޮޅުން މިރޭ ހުޅުމާލެ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުން ޕޮލިސް މޮޅުވެއްޖެނަމަ އެ ޓީމަށް ވެސް ސެމީ ޔަގީންވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy