ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ވިކްޓަރީ އާއި ޔުނައިޓެޑް ވިކްޓަރީގެ މެޗު އެއްވަރު

ވިކްޓަރީގެ ރިލޭ (ވ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑް ވިކްޓަރީގެ އައްޔަ މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ވިކްޓަރީގެ ބީ ޓީމުގެ ގޮތުގައި މަޝްހޫރުވެފައިވާ ޔުނައިޓެޑް ވިކްޓަރީ އަތުން ފުރަތަމަ ބުރުގައި 5-2 އިން ވިކްޓަރީ ބަލިވި ނަމަވެސް، އެ ޓީމުން ވަނީ މިރޭ ރަނގަޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓަރީން 15 ޕޮއިންޓް ހަމަކުރި ނަމަވެސް އެ ޓީމު އަދިވެސް އޮތީ ފަސް ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ވެލެންސިއާ އަށް ވެސް 15 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ވިކްޓަރީ ހަ ޕޮއިންޓް ހަމަކޮށްފައިވާއިރު އެ ޓީމު އޮތީ ތާވަލުގެ ހަތް ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި 24 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ވިކްޓަރީންނެވެ. އެކަމަކު ޔުނައިޓެޑް ވިކްޓަރީން ވަނީ ފުރަތަމަ ހާފުގައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް 45 ވަނަ މިނެޓުގައި މި ގޯލް ޖަހައިދިނީ ވީބީ ސްޕޯޓްސް އާއި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ހުސެއިން ޝުއައިބެވެ.

ވިކްޓަރީން ވަނީ ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓުގައި ލަނޑު ޖެހުމާ ގާތަށް ގޮސްފަ އެވެ. މުހައްމަދު ރިސްވާން ނެގި ހުރަސް އޮމަޑޫ ގޮޑްފްރޭ ވެސްޓް ހުހަށް އަރައި ބޮލުން ޖެހުމުން ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ރިސްވާން ނެގި ހުރަހަކުން ރިލުވާން ވަހީދު (ރިލޭ) ފޮނުވާލި ބާރު ބޯޅަ ވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މީގެ އިތުރުން 28 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އޮމަޑޫ ޖެހި ބޯޅައެއް ގޯލް ދަނޑީގައި ޖެހުނުއިރު 25 ވަނަ މިނެޓުގައި ރިލޭ ނެގި ހުރަސް، ގޯލް ކުރިމަތިން ހުރަސްވެގެން ދިޔައިރު އެ ބޯޅައަށް ރިސްވާން އެރި ނަމަވެސް ފައިގައި ލައްވައެއް ނުލި އެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޔުނައިޓެޑް ވިކްޓަރީން ލީޑު ނަގާފައިވަނިކޮށް ވިކްޓަރީން އެއްވަރުކުރީ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގަ އެވެ. އޭރިއާ ތެރެއިން އޮމަޑޫ ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ވައްދާލީ ނިއު ރޭޑިއަންޓުން މި ފަހަރުގެ ޓްރާންސްފާގައި ވިކްޓަރީއާ ގުޅުނު ރިލޭ އެވެ.

ވިކްޓަރީން 61 ވަނަ މިނެޓުގައި ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. އެކަމަކު އޭރިއާ ތެރެއިން އޮމަޑޫ އަށް ލިބުނު ބޯޅަ ޔުނައިޓެޑް ވިކްޓަރީ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު ގޯލަށް ފޮނުވާލުމުން ގޯލްކީޕަރު ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. އޭގެ ފަހުން 83 ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓަރީގެ ކެޕްޓަން ހުސެއިން ޝިމާޒް (ކޮކީ) އަށް ލިބުނު ބޯޅަ ފޮނުވާލުމުން މަތަކުރީ ވިކްޓަރީގެ ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފެވެ.

ރަތް ޖާޒީގައި ކުޅޭ ވިކްޓަރީން މިރޭގެ މެޗަށް ނުކުތީ ރީނދޫ ޖާޒީގަ އެވެ. އެ ޓީމުގެ ދެ ވަނަ ކުލައަކީ ރީނދޫ ކަމަށްވީ ނަމަވެސް ފަހަކަށް އައިސް ދެ ވަނަ ޖާޒީއެއްގެ ގޮތުގައި ބޭނުންކުރަނީ ހުދު ޖާޒީ ބަޔެކެވެ. އެ ޓީމުން ރަސްމީ މެޗެއްގައި އެންމެ ފަހުން ރީނދޫ ޖާޒީ ލާފައިވަނީ 2001 ވަނަ އަހަރުގެ ސީޒަން ހުޅުވި މެޗުގައި ނިއު ރޭޑިއަންޓް އަތުން 3-2 އިން ބަލިވި މެޗުގަ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 40%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454