ރިޕޯޓް / ކޭބަލް ޓީވީ

ކޭބަލް ޓީވީ ވެސް އާ ގާނޫނަށް ފެތޭތަ؟

އޯކިޑް މަގުގައި ހުންނަ މީޑިއާނެޓް ސޭލްސް ސެންޓަރު: ކޭބަލް ޓީވީގެ ހިދުމަތް ވެސް އަބުރުގެ ގާނޫނުގެ ތެރެއަށް ފެތޭ ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވޭ.--- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ގާނޫނުގައި ހުރި ބޮޑެތި މައްސަލަތަކާ މެދު އެތައް ބަޔަކު ބަހުސް ކުރަމުން އަންނައިރު މިއީ އަދި އަތްނުލެވި ނުވަތަ ސަމާލުކަމަށް ނައިސް އޮތް ކަމަކަށް ވެދާނެ އެވެ. އެކަމަކު ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތް އާންމުވެފައިވާ މިންވަރަށް ބަލާއިރު މިއީ އެ ހިދުމަތް ދޭ މީހުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެކެވެ. ގާނޫނީ ގޮތުން ބޮޑު އަދަބެއް ލިބުމުގެ ކުރިންނެވެ. ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތް ދޭ ހަމައެކަނި ކުންފުނި، މީޑިއާ ނެޓުން އެކަމާ މެދު އަދި މާ ބޮޑަށް ނުވިސްނި ނަމަވެސް، ގާނޫނީ ގޮތުން ވަރަށް ބޮޑެތި ކަންކަމާ ކުރިމަތިލާން ޖެހިދާނެ ކަމަށް ގާނޫނީ މާހިރުން ވިދާޅުވެ އެވެ.

ހަރުކަށި ގާނޫނުގެ ތެރެއަށް ކޭބަލް ޓީވީގެ ހިދުމަތް ވެސް ވަންނަ ކަމަށް ބުނުމުން ބައެއް މީހުން ސުވާލު އުފައްދަފާނެ އެވެ. އެކަމަކު މި ގާނޫނުގެ 12 ވަނަ މާއްދާ [އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމުގެ ތެރޭގައި ހިމެނޭ ކަންކަން] ގެ އަކުރުތަކަށް ބަލާއިރު، ކޭބަލް ޓީވީގެ ހިދުމަތް ދިނުން އޭގެ ތެރެއަށް ވަންނަ ކަމަށް "މިހާރު" އިން ވާހަކަ ދެއްކި ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.

ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުން "ކުޑަކުދިންނަށް ފެންނަ ނުވަތަ އަޑުއިވޭ ހިސާބުގައި، އިސްލާމްދީނަށް ފުރައްސާރަވާ ވާހަކަތަކާއި، ބަދުއަޚްލާގީ ވާހަކަ ދެއްކުމާއި، ހުތުރު ބަހުން މުއާމަލާތް ކުރުން ނުވަތަ އެފަދަ ކަމެއް އެކުލެވޭ އަޑެއް ނުވަތަ މަންޒަރެއް ނުވަތަ އަޑާއި މަންޒަރު އެކުދިންނަށް އަޑުއިވޭނެހެން ނުވަތަ އެކުދިންނަށް ފެންނަ ގޮތަށް ބޭނުންކުރުން" އެއީ އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މީގެ އިތުރުން ރަލާއި މަސްތުވާތަކެތި ހިމެނޭ ތަކެތި އިޝްތިހާރު ކުރުމަކީ ވެސް އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމަށް ވެސް ވެ އެވެ.

ސުވާލަކީ ގާނޫނުގެ 12 ވަނަ މާއްދާ އެހެން އޮތް އިރު، ކޭބަލް ޓީވީން ދައްކަނީ ރީބްރޯޑްކާސްޓްކުރާ މަންޒަރުތަކާއި އަޑުތައް ކަމަށް ވެފައި، އެ ކޮންޓެންޓް ވެސް ބްރޯޑްކާސްޓިންގެ ތެރެއަށް ފެތިދާނެ ބާވަ އެވެ؟ މިއީ މީޑިއާ ނެޓުގެ އިސް ވެރިން ވެސް ސުވާލު އުފައްދާ ޕޮއިންޓެކެވެ.

"މިހާރު"އާ ވާހަކަ ދެއްކެވި މީޑިއާ ނެޓުގެ އިސް ވެރިއަކު ވިދާޅުވި ގޮތުގައި އެތަނުން ދައްކަނީ ރީބްރޯޑްކާސްޓްކުރާ ކޮންޓެންޓަށް ވާތީ، އެ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ތެރޭގައި ހިމެނޭނެ ގޮތެއް ނެތެވެ. އަދި އެ ކުންފުންޏަށް ގާނޫނީ ލަފާ ލިބިފައި ވަނީ އާ ގާނޫނުގެ ތެރެއަށް، ކޭބަލް ޓީވީން ދައްކާ ކޮންޓެންޓްތައް ނުފެތޭނެ ކަމަށް، ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ: މަޖިލިހުން ފާސްކުރި އަބުރުގެ ގާނޫނަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި.---ފޮޓޯ: މަޖިލިސް

އެ ގާނޫނުގައި "ބްރޯޑްކާސްޓްކުރުން" ކަމަށް މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ރީބްރޯޑްކާސްޓިންގެ އެއްވެސް ވާހަކައެއް ނެތެވެ. ރީބްރޯޑްކާސްޓިންގެ އަކުރެއް ވެސް ނެތެވެ.

ގާނޫނުގައި "ބްރޯޑްކާސްޓްކުރުން" ކަމަށް ބުނެފައި ވަނީ، ވަސީލަތެއް ބޭނުންކޮށްގެން އާންމުކޮށް، ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށް، މަންޒަރު ނުވަތަ އަޑު، ނުވަތަ އަޑާއި މަންޒަރު ޓީވީ، ނުވަތަ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ދުރަށް ފޮނުވުމަށެވެ.

ނަމަވެސް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވި ގޮތުގައި އަބުރުގެ ގާނޫނަށް ވުރެ ކުރިން ވުޖޫދަށް އައި، ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި، ބްރޯޑްކާސްޓް ކުރުމުގެ މާނައިގެ ތެރޭގައި ރީބްރޯޑްކާސްޓް ކުރުން ހިމަނާފައިވާކަން އޮޅުމެއް ނެތް ގޮތުގައި ސާފެވެ. އެހެންވެ ބްރޯޑްކާސްޓިންގެ ތެރޭގައި ރީބްރޯޑްކާސްޓިން ހިމެނޭނެ ކަމަށް އޭނާ ޔަގީންކަމާ އެކު ވިދާޅުވި އެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި އެ ގާނޫނުގައި "ބްރޯޑްކާސްޓިން" މާނަކޮށްފައި ވަނީ ބްރޯޑްކާސްޓް ކުރުމަށާއި ރީބްރޯޑްކާސްޓް ކުރުމަށް ވެސް އިޝާރާތް ކޮށެވެ. ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައިވާ ގޮތުން ރީބްރޯޑްކާސްޓް ކުރުމަކީ ރާއްޖޭގައި ގާއިމް ކޮށްފައިވާ މަރުކަޒަކުން އެހެން ބައެއްގެ ކޮންޓެންޓެއް، އެއްވެސް އުނި އިތުރެއް ނުގެނެސް އަލުން ބްރޯޑްކާސްޓް ކުރުމެވެ.

"ކޭބަލް ޓީވީގެ ހިދުމަތް ދޭ ފަރާތުން މިކުރާ ކަމަކީ ރާއްޖެއިން ބޭރުގެ ކޮންޓެންޓެއް އެއްވެސް އުނި އިތުރެއް ނެތި ގެނެސްދިނުން. އެހެންވީމާ އަބުރުގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނަށް ބަލާއިރު، އެއީ ރީބްރޯޑްކާސްޓް ކުރުންކަން ވަރަށް ސާފުކޮށް އެނގޭ. އަބުރުގެ ގާނޫނުގައި ބްރޯޑްކާސްޓް ކުރުމަކީ ކޮބައިގެން ވަރަށް ޖެނެރަލްކޮށް ބަޔާންކޮށްފައި އޮތަސް، ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި އެ އޮތީ މާނަކޮށްދީފައި ބްރޯޑްކާސްޓް ކުރުމަކީ ކޮބައިކަން. އޭގެ ތެރޭގައި ރީބްރޯޑްކާސްޓިން އެބަ ހިމެނޭ،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގާނޫނު ތައްޔާރުކޮށްފައި ވަނީ ބައެއް މާއްދާތައް ވަރަށް އާދައިގެ ގޮތަކަށެވެ. ބައެއް ހާލަތްތަކުގައި ބައެއް ކަންކަން އެ ގާނޫނުގެ ތެރެއަށް ފައްތާލަން ވަރަށް ފަސޭހަ ގޮތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

އަބުރުގެ ބިލްގެ ފައިނަލް ޑްރާފްޓް ހުށަހެޅި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، މަޖިލިހުގެ މުވައްޒަފަކާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ

"މިސާލަކަށް އިންޓަނެޓް މެދުވެރިކޮށް ދޭ ހިދުމަތްތައް ވެސް މީގެ ތެރެއަށް ފެއްތިދާނެ. ބައެއް މީހުން ކުރާ ޓްވީޓްތައް ވެސް ފެއްތިދާނެ. މިހެން މިވަނީ ގާނޫނުގެ ބައެއް މާއްދާތައް އޯވަލެޕް ވާ ގޮތަށް ހަދާފައި ހުރުމުން،" މައުމޫން ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ވިދާޅުވީ، އާ ގާނޫނު ތައްޔާރުކޮށްފައި ވަނީ ކޭބަލް ޓީވީގެ ހިދުމަތް "އެކީ އެކައްޗަކަށް ތަޅުލެވޭ ގޮތަށް" ކަމަށެވެ.

"މީގެ ބޭސިކް އައިޑިއާ އަކީ ފްރީ މީޑިއާ ހުއްޓުވުން. ކުރިން ރެކޯޑް ކޮށްފައި ހުރި ބައެއް ވާހަކަތައް ވެސް ދެން ނުދެއްކޭ ގޮތަށް ހެދުން،" އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ އެ އިޝާރާތްކުރައްވަނީ ލޯކަލް ޗެނަލްތަކުގެ ކޮންޓެންޓް މިހާރު ކޭބަލް ޓީވީ މެދުވެރިކޮށް ގެނެސްދޭތީ އެކަމަށެވެ. އެއީ ރީބްރޯޑްކާސްޓިން ކަމަށް މާނަކޮށްފި ނަމަ، ބައެއް ލޯކަލް ކޮންޓެންޓްތަކުގެ ޒިންމާ ވެސް ކޭބަލް ޓީވީގެ ހިދުމަތް ދޭ ފަރާތުން ނަގަން ޖެހިދާނެ އެވެ.

ނަމަވެސް މައުމޫން ވިދާޅުވީ ރާއްޖެ ޓީވީ ފަދަ ލޯކަލް ޗެނަލްތަކުގެ ކޮންޓެންޓް ކޭބަލް ޓީވީ އޮޕަރޭޓަރު މެދުވެރިކޮށް ގެނެސްދިނަސް އެއީ ރީބްރޯޑްކާސްޓިން ކަމަށް އޭނާއަށް މާނަނުކުރެވޭ ކަމަށެވެ. މައުމޫން ދެކެވަޑައިގަންނަވާ ގޮތުގައި ލޯކަލް ޗެނަލްތައް ކޭބަލް ޓީވީ އޮޕަރޭޓަރު ނުވަތަ މިހާރުގެ ހާލަތަށް ބަލާއިރު މީޑިއާ ނެޓުން ފޮނުވައި ދިނުމަކީ ރީޓްރާންސްމިޓް ކުރުމެވެ. އެހެންވީމާ ލޯކަލް ޗެނަލްތައް ކޭބަލް ޓީވީ އޮޕަރޭޓަރު މެދުވެރިކޮށް ފޮނުވައި ދިނުމުގައި ގާނޫނީ މައްސަލައެއް ނެތް ކަމަށް މައުމޫން ވިދާޅުވި އެވެ.

އަބުރުގެ ގާނޫނާ ގުޅޭ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަންގެ ވިސްނުން، އެ ބިލް ދިރާސާކުރި ކޮމިޓީއާ ހިއްސާ ކުރަނީ.---މިހާރު ފޮޓޯ

އާ ގާނޫނާ އެކު، ކޭބަލް ޓީވީގެ ހިދުމަތާ މެދު ސުވާލުތަކެއް އުފެދުނު ނަމަވެސް ރެގިއުލޭޓަރީ ބޮޑީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަދި އެ ގާނޫނާ ގުޅުވައިގެން ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް އަބުރުގެ ގާނޫނަށް މިދިޔަ ބުރާސްފަތިދުވަހު އަމަލުކުރަން ފެށި ފަހުން އެ ކޮމިޝަނުން ވަނީ، އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު މަންޒަރުތައް ނުދެއްކުމަށާއި އެފަދަ މަންޒަރުތައް ސެންސަރު ކުރުމުގައި އިތުރަށް ސަމާލުވާން މީޑިއާ ނެޓަށް އަންގައިފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ފޮނުވި ސިޓީގައި ބުނީ މީޑިއާ ނެޓުން ގެނެސްދޭ ބައެއް ޗެނަލްތަކުގައި ނިވާކަން ކުޑަ ހެދުން އަޅައިގެން ތިބޭ މަންޒަރު ދައްކާ ކަމަށް ބުނެ އެ ކޮމިޝަނަށް ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ، އެފަދަ ޗެނަލްތައް ގެނެސް ދިނުމުގައި އެފަދަ މަންޒަރުތައް ސެންސަރު ކުރުމުގައި އިތުރަށް ސަމާލުވުމަށް ވަނީ އަންގާފަ އެވެ. އަދި އެފަދަ މަންޒަރުތައް ނުފެންނާހެން ހެދުމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގި އެވެ.

މި އެންގުން އައީ އަބުރުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ކަމެއް ނުވަތަ މީޑިއާ ނެޓާ ގުޅޭ ގޮތުން ކުރިއްސުރެ ލިބެން އަންނަ ޝަކުވާތަކާ ގުޅިގެން ކަމަށް ކޮމިޝަނުން ނުބުނެ އެވެ.

މީޑިއާ ނެޓުން "މިހާރު"އާ ވާހަކަ ދެއްކެވި އިސް ވެރިޔާ ވިދާޅުވީ މިހާރު ވެސް އެކި ޗެނަލްތައް އެ ކުންފުނިން އާންމުންނަށް ގެނެސްދެނީ، ދިވެހި މުޖުތަމައުއާ ނުގުޅޭ މަންޒަރުތަކަށް ސަމާލުވެގެން ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ މުވައްޒަފުން އެންމެ ބޮޑަށް ވިސްނާ އެއް ކަންތައް،" އޭނާ ވިދާޅުވި އެވެ.

އެކަމަކު މީޑިއާ ނެޓުން ދައްކާ ބައެއް ފިލްމުތަކާއި ޑްރާމާތަކުގައި އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ މަންޒަރާއި ބަދުއަޚުލާގީ މަންޒަރުތައް ކަމަށް ބެލެވިދާނެ މަންޒަރުތައް ހިމެނޭތީ، އަބުރުގެ ގާނޫނަށް ނުފެތި ދިއުމަކީ ދުރު ކަމެއް ނޫނެވެ. އަދި ބައެއް ކުޅިވަރު މުބާރާތްތައް ރީބްރޯޑްކާސްޓް ކުރާއިރު އެ މުބާރާތަކާ ގުޅިގެން ރަލުގެ އިޝްތިހާރު ވެސް ބައެއް ހާލަތްތަކުގައި ފެނެ އެވެ. މި ހުރިހާ ކަމެއް މިހެން ހުރިއިރު، އަބުރުގެ ގާނޫނަށް މީގެ ތެރެއިން ކަމެއް ފެތިއްޖެ ނަމަ އެއީ ސަލާމަތް ނުވާ ވަރުގެ ބޮޑު އަދަބަކަށް ވާނެ އެވެ.

ކޭބަލް ޓީވީގެ މައްސަލަ ފެތެނީ އަބުރުގެ ގާނޫނުގައި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމުގެ ޖޫރިމަނާގެ ތެރެއަށެވެ. އަދަބަކީ 25،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެ ފައިސާ ނުދައްކައިފި ނަމަ އެ ފަރާތަކަށް ޖިނާއީ ދައުވާ އުފުލާނެ އެވެ. އަދި ފައިސާ ނުދައްކައިފި ނަމަ 3-6 މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ.

ކޭބަލް ޓީވީގެ ހިދުމަތް މިހާރު ދެނީ މީޑިއާ ނެޓުން އެކަނި ކަމުގައި ވިޔަސް ކުރިމަގުގައި ޕީއެސްއެމް ވެސް އޭގެ ތެރެއަށް ވަންނާނެ އެވެ. ވާދަވެރި މާހައުލަކަށް މި ހިދުމަތް ނެރޭއިރު، ގާނޫނުގެ އިންތައް ވަރަށް ބޮޑަށް ސާފުވާން ޖެހެ އެވެ. މި ގާނޫނަށް އަދި އެންމެން ވެސް ވަރަށް އަލެވެ. އެ އާ ކަން ކެނޑި، ދިމާވާ މައްސަލަތައް އެނގޭނީ ގާނޫނުގައި ހުރި ބައިތައް ޓެސްޓް ކުރުމުންނެވެ. ކޭބަލް ޓީވީއާ ގުޅޭ ބައިތައް އާ ގާނޫނުގެ ތެރެއަށް ފެތޭތޯ ނުވަތަ ނޫންތޯ ސީދާ ބުނަން އެނގޭނީ ބްރޯޑްކާސްޓިން ކޮމިޝަނުން އެކަން ކަނޑައެޅުމުންނެވެ. ގާނޫނީ ވަކީލުންގެ ވިސްނުމުގައި މިހާރު ވެސް ކޭބަލް ޓީވީ އޮޕަރޭޓަރުންގެ ވާހަކަ ގާނޫނުގައި އެބަ އޮތެވެ. އެކަމަކު އެއަށް ވުރެ ސާފުވާން ޖެހެ އެވެ.

25 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 3%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިޙްސާންތެރިޔާ

14 August 2016

ލިޔުމުގައިވާ ކުށެއް ފާހަގަކޮށްލާނަން. ރާއްޖޭގައި ކޭބަލް ޓީވީގެ ޙިދުމަތް ދެނީ ހަމައެކަނި މީޑިއާނެޓުން އެކަންޔެއްނޫން. ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް ކޭބަލް ޓީވީގެ ޙިދުމަތް އެހެން ކުންފުނިތަކުން އެބަދޭ. ދެންތިބުނާ އަބުރުގެ ޤާނޫނަށް ރީބުރޮޑްކާސްޓިން ނުފެތޭނެ ހަމައެއްވެސް ގޮތެއް ނޯންނާނެ. އެހެނީ ރީބުރޮޑްކާސްޓް ކުރުމުގައިވެސް އެދައްކާ ޗެނަލްތަކުން ފޮނުވާ މަންޒަރާއި އަޑު ސެންސަރުކުރަން ޖެހޭނަމަ ރީބުރޮޑްކާސްޓރު އެކަން ކުރަންޖެހޭނެ. މިސާލަކަށް ބޭރުގެ ފިލްމު ދައްކާ ބޭރުގެ ޗެނަލެއްގެ ކޮންޓެންޓު ރީބުރޮޑްކާސްޓް ކުރާއިރު މިއިސްލާމީ މުޖުތަމަޢު ގައި ބެލުން މަނާ މަންޒަރުތައް ހުންނާނެ. އެފަދަ މަންޒަރުތައް ހިމެނޭ ޗެނަލްގެ ކޮންޓެންޓު ގައިމު ސެންސަރު ކުރެވޭނީ ރީބުރޮޑްކާސްޓް ކުރާފަރާތައް ނޫންތޯ..

The name is already taken The name is available. Register?

ނޯމީންސް

14 August 2016

ދިރާގާއި އުރީދޫ ވެސް ފެތޭނެ އަބުރާއި ބެހޭ ގާނޫނުގައި ހިމެނޭ ކަމެއް ކޮށްފިނަމަ. އެއީ އަކީ ވަކި ބަޔަކު އިސްތިސްނާ ކުރާ ގޮތަށް ހެދިފައި ވާ ގާނޫނެއް ނޫނެވެ. މިސާލަކަށް ޓެލެކޮމް ކުންފުންނަކުން ބްރޯކެން ދިވެހި ބޭނުން ކުރާނަމަ އެ ބެލެވޭނީ ދިވެހި ބަހަށް ހުތުރު އެރުވުން ކަމަށެވެ. އެވެސް ޖެހޭނީ ހުއްޓާލަން. ކަލޯގަޔާ ކިޔާ ދިވެހި ބަހެއް އޮތް ކަމެއް މަމެން ނުދަންނަމެވެ. ކަލޯ ގަޔާ، އަދި ކަލޯ އަދި އަފިރިން ތަފިރިން މީ ދިވެހި ބަހެއް ނޫނެވެ. ވީ ޑޯން ނޯ ވަޓް އިޒް ދިސް ކަލޯގަޔާ އެބައުޓް. ނޯ މީނިންގް އިން އިޓް..

The name is already taken The name is available. Register?

އަހަރެން

14 August 2016

"ނޯމީންސް" ތިއީ އިނގިރޭސިއެއްތަ

The name is already taken The name is available. Register?

ހާސަރު

14 August 2016

ކޭބަލް އޮޕަރޭޓަރުން އެކަންޏެއްނޫން ގާނޫންގެ ތެރެއަށް ފެތެނީކީ! ގާނޫން އޮތްގޮތުން ދިރާގާއި އުރީދޫއަށްވެސް ސަލާމަތެއް ނެތް! މިދެކުންފުނި ހިމެނެނީ އަބުރާ ބެހުމަށް މަގުފަހިކޮށްދޭ ދެފަރާތް ކަމަށް! އެހެންވީމަ ދިރާގާ އުރީދޫވެސް ލަހެއް ނުވެ އުވާލަން ޖެހިދާނެ!

The name is already taken The name is available. Register?

ގަހާ

14 August 2016

ހިންދީ ޑްރާމާ ތައް ވެސް ޖެހޭނެ މިގާނޫނުގެ ދަށުން ތަބާވާން. ނުވަންނާ އެފަދަ ޑްރާމާ ތައް ނުދެއްކީމާ ހުންނާނީ ރަނގަޅަށެވެ. ނުޖެހޭ ދެން ސަރެގަމަ ޕައް ޕައް އަޑު ލައްވާ ބޮލަށް އުނދަގޫވާ މިއުޒިކެއް ހުންނަ ހިންދީ ޓެލެޑްރާމާ ތައް ގެނެސްދޭ ކަށް ވެސް..

The name is already taken The name is available. Register?

ހަސަން

14 August 2016

ހިންދީ ޑްރާމާތައް ފިޓްވޭބާ މި ޤާނޫނަށް!

The name is already taken The name is available. Register?

ވެލްވެލް

14 August 2016

އަބުރާއި ބެހޭ ބިލް އެޕްލައި ކުރެވެން ޖެހޭނެ ބްރޯޑް ކާސްޓް ކުރުމާއި އަދި ރިބްރޯޑް ކާސްޓް ކުރުމާއި އަދި އެންޓަރޓެއިންޓް މަންޓް އިންޑަސްޓްރީ އަށް ވެސް. ޕޮޕް ކިންގް މައިކަލް މިދުނިޔެ ދޫކޮށް ދިޔައީ އެއީ ޔޫއެސްގައި އަބުރާއި ބެހޭ ހަރުދަނާ ގާނޫނެއް ނެތުމުގެ ސަބަބުންނެވެ. ކޫސުނި މައްސަލަ އެއް ބޮޑު މައްސަލަ އަކަށް ހަދައިގެން ދިހަ އަހަރު އެފަކީރު ކޯޓަށް ދެމިއިރު އެންމެ ފަހުން އެއީ ސާބިތު ނުހިފޭ ދޮގުވާހަކަ ތަކަށްވީ. އެކަމަކު މީޑިއާ ތައް ހިންގާ މީހުން ބޮޑެތި މަހުޖަނުންނަށް ވަނީ ބަދަލު ވެފައެވެ. މިއަދު ވެސް މައިކަލް ދުނިޔޭގައި ހުރި ނަމަ އެ ފަކީރު ފަހަތުން ކަރަޕްޓް މީހުން ދުވާނެ ފައިސާ ލިބެނީ ކިހިނެއްތޯ ބެލުމަށް ޓަކައި. ރާއްޖޭގެ އެންޓަރޓެއިންޓްމަންޓް އިންޑަސްޓްރީ ތެރޭގައި ވެސް ވަރަށް ބޮޑަށް އަބުރާއި ބެހުުމުގެ ކަންކަން ހިނގާ ސޯޝަލް މީޑިއާ ތެރެއިން. އެކަން ކަން ޖެހޭނީ ހުއްޓުމަކަށް އަންނަން. އެއިރުން ރާއްޖޭގެ އެންޓަރޓެއިންޓްމަންޓް އިންޑަސްޓްރީ އަށް ވިޔަފާރި ވެރިން ވެސް އިންވެސްޓް ކުރާނީ. ވިޔަފާރިވެރިން ފިލްމު ތަކާއި ލަވަތައް އުފައްދަން ފައިސާ އިންވެސްޓް ނުކުރާނަމަ ބޭންކް ސަޕޯރޓް ނުލިބޭނެއެވެ. ބޭންކް ސަޕޯރޓް ފިލްމު ތަކަށާއި އަދި ލަވަތަކަށް ލިބޭނެ ވިޔަފާރިވެރިން ގެރެންޓީ ދޭނަމަ. ސަބަބަކީ ވިޔަފާރިވެރިން އަތުގައި އެސެޓް ހުންނާނެ ބޭންކް އަށް ދައްކަން. އަބުރާއި ބެހޭ ގާނޫނު އެއީ ވަރަށް ގިނަ ތަރައްގީގެ ދަޅުދަނޑި އަށް ވެގެން ދާނެ ސަރުކާރުން މިގާނޫނު ރަނގަޅަށް ތަންފީޒު ކޮށްފިނަމަ. މިރާއްޖޭގެ ކަލްޗަރ ގައި ހިފާފައި ހުންނަ ކަމެއް ގާނޫނު ތަކަށް އަމަލު ނުކުރުން.

The name is already taken The name is available. Register?

ވާނެދޯ

14 August 2016

އަބުރާއި ބެހޭ ގާނޫނު ވަންނާނެ އުފައްދާ ފިލްމު ތަކަށް ވެސް. ރާއްޖޭގައި ދަައްކަން ބޭނުން އިނގިރޭސި ފިލްމު އުފައްދަން ހޮލީވުޑް އިން ބޭނުން ނަމަ ޖެހޭނީ ރާއްޖޭގެ އަބުރާއި ބެހޭ ގާނޫނުގެ ތެރެއަށް ފެތޭ ގޮތަށް އުފައްދާށެވެ. އެއިރުން އެފަދަ ފިލްމެއް ރިބްރޯޑް ކާސްޓް ކުރެވޭނީ. އެފަދަ ފިލްމެއްގައި އިންސާނިއްޔަތާއި ޚިލާފު އަނިޔާވެރި އަމަލު ތައް ހިންގާ އެއްވެސް މަންޒަރެއް ދައްކައިގެން ނުވާނެއެވެ. އެނިމުނީ އެވެ. މީގައި މިނޫން އިތުރު އެއްވެސް ޗޮއިސް އެއްވެސް އޮވެގެން ނުވާނެއެވެ. އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއެވެ. މިކަން މިމަގުން ހިނގަން ޖެހޭނީ. އެނިމުނީ އެވެ.

The name is already taken The name is available. Register?

ހަސަންބެ

14 August 2016

ސައިކަލް މަތީގައި ބައްދައިގެން ދުއްވުންވެސް އެއީ އިޖްތިމާއީ މިންގަނޑާ ޚިލާފް ކަމެއް.

The name is already taken The name is available. Register?

މީހާ

14 August 2016

މިހާރު މަގުމައްޗަށް ނިކުތަސް ތިޔަބުނާ އިޖްތިމާއިން މިންގަޑާ ޚިލާފަށް ވާހަކަ ދައްކާ ހެދުން އަޅާމީހުން ބައިވަރު.

The name is already taken The name is available. Register?

މޫސާ

14 August 2016

ގާނޫނުގައި "ބްރޯޑްކާސްޓްކުރުން" ކަމަށް ބުނެފައި ވަނީ، ވަސީލަތެއް ބޭނުންކޮށްގެން އާންމުކޮށް، ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށް، މަންޒަރު ނުވަތަ އަޑު، ނުވަތަ އަޑާއި މަންޒަރު ޓީވީ، ނުވަތަ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ދުރަށް ފޮނުވުމަށެވެ. މިމާނާގެ ތެރެއަށް ނުވަންނާނެ ގޮތަކަށް އަދި މި މާނައަށް ނުފެތޭގޮތަކަށް އެއްވެސް އެއްޗެއް ނުދެއްކޭނެއެވެ. އަދި އެއްވެސް އަޑެއް ނުފޮނުވޭނެއެވެ. މިއީ ކޮށްމެހެން ޤާނޫނީ ވަކީލެއްގެ ރަޢުޔެއް ބޭނުންވާ ކަމެއްނޫނެވެ. މިއީ ހަމަބުއްދި ހުރި ކޮށްމެ އިންސާނަކަށްވެސް އެނގޭނެ ކަމެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454