އިމްރާން: އޭނާގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި ވަނީ އެދިފައި --މިހާރު ފޮޓޯ
01 ނޮވެމްބަރ 2018 - 14:59
އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
ޓެރަރިޒަމްގެ ކުށުގައި އިމްރާން 12 އަހަރަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުން ރިވިއު ކުރަން އިމްރާންގެ ފަރާތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.
އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ ހުކުމް ތަންފީޒު ކުރުން ފަސް ކުރުން އެދުނީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުން ރިވިއު ކުރަން އިމްރާންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ކަމަށެވެ.
ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. އިމްރާން މިވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ.
އިމްރާންގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް އެދުނު އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިހާރު އޮތީ އަމުރު ނެރެފަ އެވެ. އެގޮތަށް އެ ކޯޓުން އަމުރު ނެރުނީ ނަޝީދުގެ ޖަލު ހުކުމާ މެދު ސުޕްރީމް ކޯޓުން ކުރިން ނިންމި ނިންމުން ރިވިއު ކޮށްދިނުމަށް އެދި ދައުލަތުން ހުށަހެޅި މައްސަލައިގައި ދައުލަތުން އެ ގޮތަށް އެދިގެންނެވެ.
އިމްރާންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމަށް އިއްވާފައިވާ 25 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ވެސް ރިވިއު ކުރަން ސުޕްރީމް ކޯޓުން މިހާރު ވަނީ ނިންމައިފަ އެވެ. ނާޒިމް މިހާރު ހުންނެވީ އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގަ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ކުރިން ނިންމި ނިިންމުން ރިވިއު ކުރަން ނާޒިމްގެ ފަރާތުން ވެސް އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށްޓަކައި އިޖްރާއީ އަޑުއެހުމެއް ބާއްވަން އެ ކޯޓުން މިހާރު ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްސް ޑޭޑް
01 November 2018
މީ އިންސާފެއްނޫން. ޖަލުގާ ހުކުންތަންފީޒުކުރާ އެންމެންނަށް މި އިނާޔަތް އޮންނަންޖެހޭނެ.
ކޯޓު
01 November 2018
ކަލޭ ބުނަލަދީބަލަ އިމްރާނުގެ ކުށް. ދެއްކި ވާހަކައެއްގެ ސަބަބުން ޓެރަރިސްޓަކަށް. ވަރަށް ވެދުން.