މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ
03 ނޮވެމްބަރ 2018 - 05:39
މެންޗެސްޓާ (ނޮވެމްބަރު 3) - މެންޗެސްޓާ ޔުނައިޓެޑް މި ވަގުތު އޮތް ހާލަތަށް ބަލާއިރު އަދި ލީގަށް ވާދަކުރާ ވާހަކަ ދެއްކޭނެ ޖާގައެއް އޮތްކަމަށް ނުދެކޭ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ލީގުގެ ފުރަތަމަ 10 މެޗު ނިމުނުއިރު ޔުނައިޓެޑް ލީގުގެ އަށް ވަނައިގައި އޮތީ 17 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ޔުނައިޓެޑާ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލީގުގެ ފުރަތަމަ 10 މެޗުގެ ތެރެއިން ޔުނައިޓެޑަށް ހޯދުނީ އެންމެ ފަސް މޮޅެވެ.
ލީގުގައި މިއަދު ރަށުން ބޭރުގައި ބޯންމައުތާ ވާދަކުރާ މެޗަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑަށް ލީގަށް ވާދަކުރެވޭނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް މޮރީނިއޯ ދިނީ ނުސީދާ ޖަވާބެކެވެ.
"ގަދަ ހަތަރަކުން ބޭރުގައި އަހަންނަށް ހިއެއް ނުވޭ ލީގު ތަށި ހޯދުމުގެ ވާހަކަ ދެއްކޭނެހެނެއް. ގަދަ ހަތަރަކަށް ވަދެވުނީމަ އަހަރެމެންނަށް މަތި ބަލާލެވޭނެ. ކައިރީގައި އޮތް ޓީމުތަކާ އޮތް ފަރަގާއި ލީގުގެ މެޗުތަކާއި ހާލަތާއި އަނިޔާގެ މައްސަލަ އާއި ފޯމަށް. އެ ހިސާބަށް ދެވޭނެ ކަމަށް މި ބަލަނީ ޑިސެމްބަރު ނިމޭއިރަށް. އޭރުން ލީގުގެ ވާހަކަ ދެއްކިދާނެ. މި ވަގުތު އޮތީ އެހެން މަސައްކަތެއް،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ ލީގުގައި މެޗުތައް ރޭވިފައި އޮތީ ޔުނައިޓެޑުން އެންމެ ހިތްހަަމަ ޖެހޭނެ ގޮތަށް ނޫން ކަމަށާއި އެކަމަކު ވެސް އެ ޝަކުވާކުރަން ބޭނުންނުވާ ކަމަށެވެ.
"އަހަރެން ކުރިން ވެސް ބުނިން ލީގުގައި 19 މެޗު އަމިއްލަ ދަނޑުގައި އަދި ހަމަ އެ އަދަދަށް ރަށުންބޭރުގައި ކުޅުމޭ އޮތީ. އެކަމަކު ވަކި ހާލަތެއްގައި މެޗުތައްދާ ގޮތް ރޭވިފައި ހުންނަ ގޮތް އެންމެ ރަނގަޅެއްނޫން. މިސާލަކަށް އަހަރެމެން މެންޗެސްޓާ ސިޓީއާ ކުޅުމުގެ ކުރިން ރަށުން ބޭރުގައި ކުޅެނީ ޔުވެންޓަސްއާ. ވެލެންސިއާއާ ރަށުން ބޭރުގައި ކުޅެފައި އައިސް ލިވަޕޫލާ ކުޅެން ޖެހެނީ. ލިވަޕޫލާއި ސިޓީ އަދި ޗެލްސީ އަކީ ލީގަށް ވާދަކުރާނެ ޓީމުތައް،" ލީގުގައި މެޗުތައް ކުރިއަށް ހުރި ގޮތަށް އިޝާރާތްކޮށް މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑްގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
ލީގުގައި މިއަދު ބޯންމައުތު އަތުން މޮޅުވެގެން ލީގުގެ ހަ ވަނަ އަށް ޖެހިލުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ. އެންމެ ފަހުން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފަސް މެޗުން ވެސް ބޯންމައުތަށް މޮޅެއް ނުހޯދެ އެވެ.
ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުގައި ރޮމެލޫ ލުކާކޫ އަށް އަލުން ފުރަތަމަ އެގާރައިން ފުރުސަތު ދިނުމާމެދު ވަކިގޮތެއް ނުނިންމާކަމާއި އަލެކްސިސް ސަންޗޭޒާއި ޖެސޭ ލިންގާޑް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
ލީގުގައި ޔުނައިޓެޑާއި ބޯންމައުތު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 5:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy