އާއިލާ އިން ހަމަލާދީ ސާމިއާ ޝާހިދު މަރާލީ ޕާކިސްތާނުގައި އުޅޭ އޭނާގެ ރަހުމަތްތެރިން ކައިރިއަށް ޒިޔާރަތްކުރުމުން.
14 އޯގަސްޓް 2016 - 13:37
ޕަންޖާބު (އޮގަސްޓް 14) - ޕާކިސްތާނުގައި މިދިޔަ މަހު މަރާލި އަންހެން ކުއްޖާގެ ބައްޕަ އާއި އޭނާ ފުރަތަމަ ކައިވެނިކުރި މީހާ ކޯޓަށް ހާޒިރުކޮށްފި އެވެ.
އާއިލާގެ ތެރޭން ހަމަލާދީ މަރާލި ސާމިއާ ޝާހިދު، 28، އަކީ އިނގިރޭސި ވިލާތުގެ ބްރެޑްފޯޑުގެ ރައްޔިތެކެވެ. އޭނާ މިދިޔަ މަހު ނޮދަން ޕަންޖާބަށް ދިޔައީ އާއިލާގެ މީހުންނާ ބައްދަލު ކުރުމަށެވެ.
ސާމިއާ ފުރަތަމަ ކައިވެނިކުރި ޗައުދަރީ ޝަކީލް ހައްޔަރުކުރީ ސާމިއާ މަރާލުމުގެ ތުހުމަތުގަ އެވެ. އަދި ބައްޕަ މުހައްމަދު ކޯޓަށް ގެންދިޔައީ ސާމިއާ މަރާލުމަށް އެހީވެދިނުމުގެ ތުހުމަތުގަ އެވެ. މި ދެ މީހުން ވެސް ކޯޓަށް ގެންގޮސް ވަނީ ބަންދަށް ހަތަރު ދުވަސް ޖަހައިފަ އެވެ. ޕަންޖާބުގެ ޖެލުމްގެ ކޯޓަކަށް އެ މީހުން ހާޒިރުކުރި އިރު ތިބީ ބިޑި އަޅުވާ އަދި މޫނު ވެސް ނިވާ ކުރުވައިފަ އެވެ.
ސާމިއާ (ވ) އާއި އޭނާގެ ފިރިމީހާ ކަޒަމް.
ޕާކިސްތާނުގައި ތިބި ސާމިއާގެ ތިމާގެ މީހުން ފުރަތަމަ ބުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. އެކަމަކު ސާމިއާގެ ފިރިމީހާ ސައީދު މުޚްތާރު ކަޒަމް ބުނީ ސާމިއާ މަރާލީ އާއިލާގެ މީހުން ކަމަށެވެ. ސާމިއާގެ ޕޯސްޓް-މޯޓަމްގެ ނަތީޖާ ދައްކާފައި ވަނީ އޭނާ މަރާލާފައި ވަނީ ކަރުގައި ހިފައިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ސާމިއާ ދެ ވަނަ އަށް ކައިވެނި ކުރި ކަޒަމް ބުނެފައި ވަނީ ސާމިއާ މަރާލީ އެ ދެ މީހުންގެ ކައިވެންޏާ މެދު އާއިލާ އިން ހިތްހަމަ ނުޖެހޭތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy