އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އާދިލް މޫސާ: ވިދާޅުވީ 26 އަހަރަށްފަހު ރިޓަޔާ ކުރައްވާ އިރު ހިތްހަމަޖެހޭވަރުގެ ތަރައްގީ ގެނެސްދެވިފައިވާ ކަމަށް.---ފައިލް ފޮޓޯ: މިހާރު
14 ނޮވެމްބަރ 2018 - 16:38
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުކަމުން އާދިލް މޫސާ އިސްތިއުފާ ދެއްވީ، އެ ކުންފުނީގެ ރިޓަޔަމެންޓް ޕެކޭޖަކާ އެކު އެވެ.
އެމްއޭސީއެލްގައި ހަމަޖެހިފައި އޮންނަ ގޮތުން 20 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުން ރިޓަޔަމެންޓް ޕެކޭޖެއް ލިބެ އެވެ. އަދި ރިޓަޔަމެންޓް ޕެކޭޖަށް ޝަރުތު ހަމަވަންޏާ، ރިޓަޔަކުރަން ޖެހޭ އުމުރަށް ވުރެ ކުރިން ވެސް ރިޓަޔަމެންޓަކަށް ދެވިދާނެ އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ވެސް އާދިލަކީ އެ އޮފީހުގައި 23 އަހަރުގެ ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވި، ފައިނޭންސް ދާއިރާގެ ތަޖުރިބާކާރެކެވެ.
އާ ސަރުކާރުން އަންނަ ހޮނިހިރުދުވަހު ވެރިކަމާ ހަވާލުވާ އިރު އާދިލް، ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގައި މަސައްކަތްކުރައްވާ 26 އަހަރު ވެއްޖެ އެވެ. ސްކޫލް ނިންމެވުމަށް ފަހު އޭނާ އެމްއޭސީއެލްއާ ގުޅިވަޑައިގަތީ، އެ ކުންފުނީގެ އޮފީސް މާލޭގައި ހިންގި އިރު ޖޫން 4، 1992 ގަ އެވެ.
އޭގެ ފަހުން އޭނާ ވަނީ ރާއްޖެ އިން ބޭރުގައި އެކައުންޓިން އާއި ފައިނޭންސް ދާއިރާ އިން މާސްޓާޒް ފެންވަރަށް ކިޔަވާވިދާޅުވެފަ އެވެ.
"މިހާރު އަޅުގަނޑު މި ހުރީ ސިޔާސީ މަގާމެއްގައި. އަޅުގަނޑަށް ގަބޫލުކުރެވެނީ އާ ސަރުކާރުން ވެސް މި މަގާމަށް އެބޭފުޅުން ބޭނުންވާ މީހަކު އައްޔަން ކުރަން ބޭނުންވާނެ ކަމަށް،" އާދިލް ވިދާޅުވި އެވެ.
އެމްއޭސީއެލްގެ މުޅި ހަޔާތުގައި ވެސް ތަރައްގީގެ އެންމެ ބޮޑެތި މަޝްރޫއުތައް ފެށީ އާދިލްގެ މެނޭޖިން ޑިރެކްޓަރުކަމުގަ އެވެ.
"ކުރިން ފަޔާ ލޮރީ ވެސް ގަނެފައި ހުންނާނީ ލޯނު ނަގައިގެން. ތަރައްގީކޮށްފައި ހުންނާނީ ވެސް ފޭސްތަކަކަށް ބަހާލައިގެން. އެކަމަކު މިއަދު ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއްގައި އެ ވަނީ ސޮއިކޮށްފައި. މަސައްކަތް އެ ދަނީ ކުރިއަށް،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިން އެމްއޭސީއެލަކީ ނިސްބަތުން ކުޑަ ފައިދާއެއް ނެރޭ ކުންފުންޏަކަށް ވި ނަމަވެސް މިހާރު އެ ކުންފުނިން ކޮންމެ އަހަރަކު ވެސް ބޮޑު ފައިދާއެއް ނެރެ އެވެ.
އެގޮތުން "2013 ގެ ކުރިން މި ކުންފުނީގެ ފައިދާއަކީ އަހަރު 300 ނުވަތަ 400 މިލިއަން ރުފިޔާ. އެކަމަކު 2013 ގެ ފަހުން އެމްއޭސީއެލުން ކޮންމެ އަހަރަކު ވެސް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ފައިދާގެ ގޮތުގައި އެބަ ނެރޭ،" އާދިލް ވިދާޅުވި އެވެ.
"އަޅުގަނޑު މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުރެގެން ވަރަށް ގިނަ މައްސަލަތަކަށް ހައްލު ގެނެސްދީފައި ހުންނާނެ. އެހެންވީމަ އެއީ ހިތްހަމަޖެހޭ ކަމެއް."
އޭނާ މަގާމުން ވަކިވެވަޑައިގެންނެވި އިރު އެންމެ މަތީ ފެންވަރުގެ އާ ރަންވޭގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި އާ ޓާމިނަލްގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މި މަޝްރޫއުތަކަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ހޭދަވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާފޮޅޭ
15 November 2018
އަސްތާ! ނަންގަވައިގެން މި އުޅެނީ ކިހާވަރެއްގެ ޕެކޭޖެއްތޯ؟ ކާކުތޯ ޕެކޭޖް ހަމަޖައްސައި ދިނީ؟
ދާގީނާ
15 November 2018
އެެހެންކޮމެންޓެއްގައިވެސް ހުރިހެން، އަސްލު ކުރިންވެސް އެއަރޕޯޓަށް ލައްކަ ފައިސާ ވަދޭ، އެކަމަކު ޑިއުޓީ ފްރީ، ކާގޯ، ގްރައުންޑް ހޭންޑްލިން ފަދަ ކަންކަން އެހެން ކުންފުނި ތަކަކުން ކުރާތީ އެ ފައިސާ ނުފެންނަނީ. އަދި ސިޔާސި ފިއްތުންތަކުގެ ސަބަބުން ބިމުކުއްޔާއި އެއްޗެހި އޮންނަނީ ވަރަށް ކުޑަ އަގެއްގަ ދީފަ. ޖީއެމްއާރު އައިސް މިކަންކަން ބަދަލު ކޮށްލުމުން އަސްލު މިއަދު އާދިލްމެންނަށްވެސް މިވަރަށް ފައިދާ ނެރެވެނީ. މާމޮޅު ޕްރޮޑަކްޓެއް ނެރެވިގެނެއްނޫން
ކެމްފަސް
15 November 2018
އެރަށު މީހުން ބުނާ ގޮތުގައި މީނާގެ ރާއްޖެއާ ރާއްޖޭން ބޭރުގެ އެކައުންޓަކުގައި މަގާމާ ނުބައްދަލު އަދަދަށް ފައިސާ އެބަހުރި...ފިލައިގެން ދާން އުޅޭހެން ބޮޑަށް ހީވަނީ!
ފުލޯކު
16 November 2018
ހަނދުގައި ހުންނަ ކޭޕްޕަސް ގެ އެކައުންޓުގައި ބިލިއަނެއްހާ ޖަވާހިރު ހުރި ވާހަކަވެސް ތިރަށުމީހުން ކިޔާ - ހަމަ ސީ ކޮށް - ފިލައިގެން ހަނދަށް ދާން އުޅޭ ހަބަރު ލިބޭ
ދާގީނާ
15 November 2018
އާދިލް އަކީ އަނެއްހެން ރަނގަޅު ވެރިއެއް. އެކަމަކު ކުރިންހުރި އެންޑްރޫ ފަދަ މުވައްޒަފުންނަށް ކަންކަން ހާމަކޮށްދޭ މީހެއްނޫން. އާދިލް މައުލޫމާތު ދޭނީ ހަމައެކަނި މީޑިޔާތަކަށް، ނޫސްތައް ބަލާލީމަ އެނގޭނެ ތަރައްގީިގެ މަޝްރޫއުތަކާއި ބެހޭގޮތުން ނޫސްވެރިންގެނެސް ދީފައި ހުރި އިންޓަވިއުތަކުގެ އަދަދު. އެއާއި ޚީލާފަށް އެންޑްރޫ ހުރި އިރު ނޫސްވެރިންނަށް ވެސް މައުލޫމާތު ދޭ އަދި ، ކޮންމެ މަހަކުހެން ހުރިހާ މުވައްޒަފުންނާއި ބައްދަލުކޮށް މައުލޫމާތު ހިއްސާކުރޭ!
ބަޑިތަކުރު
15 November 2018
ކުރިން މަހީކުރީ ޑަބަލް ޕެންޝަން ނަގަނީ ސަރުކާރަށް އެބަޔެއްގެ މަދަދު ނެތި ދެމިނޯވެވޭ ސިފައިންނާއި ފުލުހުންނާއި ޝަރުޢީ ދާއިރާފަދަ މުއައްސަސާތަކުން އެކަނި ކަމަށެވެ. މިހާރު އެކަން ފުޅާވެގެން މިދަނީ ކުންފުނިތަކާއި މިނިވަން ހުރިހާ މުއައްސަސާތަކަށެވެ. ޕެންޝަން ޤާނޫނުން ޕެންޝަން ލިބިލިބި ހުއްޓާ އިތުރު ގޮތްގޮތަށް އަމިއްލަ އަމިއްލައަށް އެބަޔެއްގެ އަމިއްލަ އެދުމަށްހަދާ އުސޫލުތަކެއްގެ ދަށުން ދައުލަތުން ޑަބަލްކޮށް ޕެންޝަނަށް ހޭދަކުރުން ހުއްޓާލަން ވެއްޖެއެވެ.
ކުރިމަގު7
15 November 2018
އާދިލަކީ ޔާމިން ސަރުކާރުގެ އެމްޑީ ތަކުގެ ތެރެއިން އެންމެ ބަރާބަރު އެމްޑީ، އަދި އެންމެ އިޚްލާސްތެރި އެމްޑީ އަކީވެސް އެއީ. މީ ޙަޤީޤަތް އެހެން އެމްޑީ ތަކަށް ޙަޖަމްނުވިޔަސް.
އުނބުށެން
15 November 2018
އާސަރުކާރުން މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ފުރަތަމަ ކުރަންވީ އެއްކަމަކީ ސިފައިންނާއި ފުލުހުންނާއި ޝަރުއީދާއިރާއާއި ދައުލަތުގެ ކުންފުނިތަކުން އެތަންތާނގައި ތިބި ވެރިންގެ އަމިއްލަ އެދުމަށް ހަދާފައިދާ ގަވާއިދެއްގެ ދަށުން އެވެރިން އެނަގާ ޑަބަލް ޕެންޝަން ޤާނޫނަށް ބަދަލުގެނެސްގެން ހުއްޓުވުމެވެ. މިއީ ކުރީގެ އޮޑިޓަރ ޖެނެރަލަކުވެސް ލަފާދީފައިވާ ކަމެކެވެ. ޕެންޝަން ދެވެންވާނީ ޕެންޝަން ގާނޫނުގެ ދަށުން އެންމެންނަށް ހަމަހަމަ އުސޫލަކުންނެވެ.
ސާދާސީދާ
15 November 2018
މީނާއަށް ލިބޭ ރިޓަަޔަރމަންޓް ޕެކޭޖްގެ ޑީޓެއިލް ލިޔެލާބަލަ!
ކެނެޑީ
15 November 2018
އެއީ ކީއްކުރަން؟ ތިބޭފުޅާގެ އެބަހުރިތަ ހަމަދާގޮތަށް ގޮސް އެއަރޕޯޓުގަ 20 އަހަރު މަސައްކަތްކޮށްލުމުގެ ހިތްވަރު؟ ހެހެހެ
ސާދާސީދާ
15 November 2018
2013 ގެ ފަހުން ކުއްލިއަކަށް އޭޑީސީ ގޮތުގައި ކޮންމެ ޓުއަރިސްޓަކު އަތުން ރިޓާން ޓިކެޓުން 50 ޑޮލަރު، ދިވެއްސެއްގެ އަތުން 24 ޑޮލަރު ނަގައިގެން އެކުޖުމުލަ 7 ބިލިޔަން ރުފިޔާ ލިބުނު. އަދި އެއަރޕޯރޓްގައި ހުރި އެހެނިހެން ތަންތަނުން ލިބުނު އެތައް މިލިޔަން ޑޮލަރެއް ކޮބާ؟ 2013 ގެ ކުރިން ކޯޓަށް ގޮސް ގެން ހުއްޓުވި އޭޑީސީ މިދިޔަ 5 އަހަރު ޙަލާލުވެގެން ނެގީ!
ކަޑަބައި
15 November 2018
އެމްއޭސީއެލަކީ އެއްވެސް އިރެއްގާ ކުޑަ ފައިދާއެއް ނެރޭ ކުންފުންޏެއް ނޫނެވެ. އަޑު އަހާށެވެ. 2010 ވަނަ އަހަރުގެ ކުރިން ގްރައުންޑް ހެންޑްލިންގެ 49 އިންސައްތައަކީ އެހެން ކުންފުނިތަކެއްގެ ހިއްސާއެކެވެ. ޑިއުޓީފްރީ ފިހާރަތަށް ހިންގަނީވެސް އެމް.އޭ.ސީ.އެލް އަކުން ނޫނެވެ. އަދި މީގެ އިތުރުން އެއަރކާރގޯވެސް އޮޕަރޭޓް ކުރަނީ އެހެން ކުންފުންޏަކުންނެވެ. އޭރުވެސް 500 މިލިޔަން ނުވަތަ 600 މިލިޔަންގެ ފައިދާ ނުނެރޭހެއްޔެވެ؟ އޭރު ޑޮލަރު ރޭޓަކީ 15.42 ރުފިޔާއެއް ނޫނެވެ.