މިދިޔަ ހަފުތާގައި އަމަލު ކުރަން ފެށި ހިޔާލުފާޅުކުރުން ހުއްޓުވާ ގާނޫނާ ދެކޮޅަށް ބަޔަކު މުޒާހަރާ ކުރަނީ: މުޒާހަރާ ކުރެވޭ ތަންތަން ކަނޑައަޅަން ހުށަހެޅި އިސްލާހު ގައުމީ ސަލާމަތުގެ ކޮމެޓީން ވަނީ ފާސްކޮށްފައި.-- ފޮޓޯ: މިހާރު
15 އޯގަސްޓް 2016 - 19:08
ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން، އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ގައުމީ ސަލާމަތުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި މި އިސްލާހަށް ބަދަލު ނުގެނެސް، އިސްލާހު އޮތް ގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މި އިސްލާހު ކޮމެޓީން ފާސްކުރީ އިސްލާހު މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ކޮމެޓީ އަށް ފޮނުވިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.
އިސްލާހު އޮތް ގޮތަށް ފާސްކުރަން، ގައުމީ ސަލާމަތުގެ ކޮމެޓީގައި ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކެވެ.
ރިފާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މާލޭގައި މުޒާހަރާ ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަންޏެވެ. ބިލް ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި ގެޒެޓް ކުރަން ޖެހެ އެވެ.
މި އިސްލާހާ ދެކޮޅަށް މިއަދު މަޖިލީހުގައި ވާހަކަ ދެއްކެވި އެމްޑީޕީ އާއި ސަރުކާރާ ދެކޮޅު މެމްބަރުން ވިދާޅުވީ ދައުލަތުގެ ހުއްދައެއް ނެތި ކޮންމެ މީހަކަށް އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައި އޮތް އިރު، ގާނޫނުއަސާސީ އަށް ގޮން ޖަހައި ބިލުތަކަށާއި އިސްލާހުތަކަށް ވޯޓު ދޭ މެމްބަރުންނާ މެދު ފިޔަވަޅު އެޅޭނެ ދުވަހެއް އަންނާނެ ކަމަށެވެ.
ސަރުުކާރުން މަސައްކަތް ކުރަނީ ފުލުހުން ބޭނުންކޮށްގެން ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ކަމަށާއި ފުލުހުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދޭން ޖެހޭ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. އެ މެމްބަރުން ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާއަކީ ބޮޑެތި ޖަރީމާތައް ހިންގާ ތަނެކެވެ.
ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު ހަނިކުރަން މަސައްކަތް ނުކުރާ ކަމަށެވެ. އެއްވެ އުޅުމުގެ ގާނޫނުގައި މުޒާހަރާ ނުކުރެވޭ ތަންތަން ކަނޑައަޅާފައި އޮތްއިރު، މުޒާހަރާ ކުރެވޭ ތަންތަން ވެސް ގާނޫނުން ކަނޑައަޅަން ޖެހޭނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
އެއްވެ އުޅުމުގެ ހައްގު އިތުރަށް ހަނިކުރަން އިސްލާހު ހުށަހަޅާފައި ވާއިރު، މިހާރު ވެސް ފުލުހުން ދަނީ އެއްވުންތަކަށް ހުރަސް އަޅަމުންނެވެ. އެ ގޮތުން، އާޓިފިޝަލް ބީޗުގައި އެއްވެ އުޅުން މަނާ ކޮށްފައި ވާއިރު، މަގުމަތީގައި އެއްވާ ނަމަ އެކަން ވެސް ފުލުހުން ހުއްޓުވަ އެވެ. ފުލުހުން ބުނެފައި ވަނީ އެކަން ކުރަނީ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގު ގެއްލޭތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒު
16 August 2016
އެއްވެ އުޅުމުގެ ގާނޫނުގައި މުޒާހަރާ ނުކުރެވޭ ތަންތަން ކަނޑައަޅާފައި އޮތްއިރު، މުޒާހަރާ ކުރެވޭ ތަންތަން ވެސް ގާނޫނުން ކަނޑައަޅަން ޖެހޭނެ ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވި އެވެ. ކީއްކުރާނީ އިއްޒަތްތެރި މެމްބަރުންގެ ފެންވަރު ދެއްތޮ، މުޒާހަރާ ނުކުރެވޭނެ ތަންތަން ކަނޑައެޅީމަ އެނޫން ދެން ހުރި ތަންތަނަކީ މުޒާހަރާ ކުރެވޭނެ ތަންތަންކަން އެއޮތީ ބުނެވިފަ ނޫންބާ! މިވެރިންނަށް "ދޭހަ" ކިޔާއެއްޗެއް ދިވެހި ބަހުގެ އެކަޑަމީން ނަމަވެސް އޮޅުން ފިލުވާ ދިނުން ކިހިނެއް ވާނެބާ!
އައިއެފް
15 August 2016
ތިޔައީ އުފެދުމުގައިވެސް ބާތިލު އިސްލާހެއް. ދެރައީ އެއްވެސް ގާނޫނީ ވަކީލަކު ގާނޫނާއި ޚިލާފަށް ފާސްކުރާ މިފަދަ ކަންކަން ޝަރީޢަތައް ހުށަނާޅާތީވެއެވެ. އަދި ކޯޓުތަކުންވެސް އަމިއްލައަށް މިކަހަލަ މައްސަލަތައް ނުބަލާތީއެވެ. ހޯމްމިނިސްޓުރީން ކަނޑައަޅާ ތަންތަނައް ވެދާނެ: ފަޅުރަށެއް. ކަނޑުއަޑި. ޖަންކުސަންވަޅު. ޖައްވު. ގޭގެ ބަދިގެ. ޖަލު. ކޮންޓެއިނާގެތެރެ...
ހައްޕަު
15 August 2016
ތިޔަ ބިލުގެ ބޭނުމެއް ނެތެއްނު. މިހާރުވެސް ޤާނޫނުގައި ފާސްވެފައި ނެތަސް ފުލުހުން ހުރަސް އަޅަމުންދަނީ. ބޭާކާރު ވަގުތު ތަކެއް މެމްބަރުވެސް ތިޔަ ބިލާހެދި ތިޔަ ގެއްލުވާލަނީ ވިއްޔާ.
ތެންކިޔޫ
15 August 2016
ތިކަން ކުރަން މާ ބޮޑަށްވެސް ލަސްވެއްޖެ. ރައީސް ވަހީދު ސަރުކާރުގައި މާލޭ މަގުތައްމަތީ ކޮންމެ ދުވަހަކު އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރުމުގެ ސަބަބުން ހެންވޭރުގަ ހުންނަ އަޅުގަނޑުގެ ގޭ ކުރިމަތީ ހުންނަ ފިހާރަ އައްވެސް ދާންޖެހެނީ މާފަންނު ހާބަރު ވަށާލައިފަ. މި ހަޅޭއްލަވާ މީހުންނަށް އެމީހުންގެ ޙައްޤު ނޫން އެހެން އެއްވެސް ބައެއްގެ ހައްޤެއް ނޯވޭ. މިހާރުވެސް އެމްޑީޕީ ހަރުގެ އިން ތާޅަފިލި ބޭނުންކޮށްގެން ކޮންމެ ރެއަކު ލަވާ ހަޅޭކާ ހެދި މިއުޅެނީ ނުކުޅަދާނަވެގެން. ކުޑަކުއްޖަކަށް ނިދެނީކީ ނޫން. ވީމާ، އަވަހަށް ތިޔަ އިސްލާހު ފާސްކޮށްދެއްވާ. އަދި ރޭގަނޑު 8 ގެ ފަހުން އަޑުގަދަ ނުކުރެވޭގޮތަށްވެސް ހަމަޖައްސަވައިދެއްވާ. ތެންކިޔޫ ސަރުކާރު. ތެންކިޔޫ ރިފާއު. ތެންކިޔޫ ރައީސް.
ކަށަވަރޭ
15 August 2016
އެއްވެ އުޅުން ހަނިކުރާ އިސްލާހު ކޮމެޓީން ފާސް ކުރުމުން ދެން މާލޭގެ މަގުތަކުގައި މުޒާހަރާ އެއްވެސް އެންގުމަކާއި ނުލައި ނުބޭއްވޭނެއެވެ. އެއިރުން މާލޭގެ ވިޔަފާރި ކުރިއެރުމަށް ވަރަށް ބޮޑު ތަން މަގުފަހި ވެގެން ދާނެއެވެ. ކަށަވަރޭ ދެން ނާންނާނެއޭ، ނާންނާނެއޭ، ރަންރީނދޫ ކުދިން މާލޭގެ މަގުމައްޗަކަށް އެނބުރި މުޒާހަރާ ކުރާކަށް. ކަށަވަރޭ ދެން ނާންނާނެއޭ، ނާންނާނެއޭ، ނާންނާނެއޭ، މަގަތުގައި ޕިކަޕް ބާއްވައިގެން ގޮވަން މުޒާހަރާ އަށް ދާކަށް.
ޢަބްދުﷲނާފިޒު
16 August 2016
ތިއުޅެނީ އަނެއްކާ އަނެއް ބޮނޑި ބޯން، ބަލަން ތިބޭ ދެންވާގޮތެއް، ވަރަށް ތާހިރު ގޮތެއް ވާނެ، އހ.
ވޮޗްޑޯގް
15 August 2016
އަދި ތައުލީމު އުންގެނުން ވެސް މަނާކުރާނެ ފޮތްތައް ވެސް އަންދާނެ.