ރިޕޯޓް / އުމުރުން ދުވަސްވީ މީހުން

ދުވަސްވީ މީހުންނަށް އޯގާތެރި ގެއެއް ބޭނުން

ނާސިން ހޯމެއްގައި ދުވަސްވީ މީހަކަށް ހިދުމަތް ދެނީ--

ގައިބާރު ދެރަވެ އުމުރުން ދުވަސްވީ ދުވަހު އަޅާލުން ނުލިބޭ އެތައް ބަޔަކު މިރާއްޖޭގައި ވެސް އެބަ ތިއްބެވެ. އަމިއްލައަށް ނޫޅެވޭ ހާލު އެއްބަޔަކު ގޭގޭގައި އެކަނިވެފަ އެވެ. އަނެއް ބަޔަކު ގެންދާނެ ބަޔަކު ނެތިގެން ހޮސްޕިޓަލުތަކުގަ އެވެ. މަގުތަކުގައި ގިނަވެ ބައެއް ފަހަރު މަގުތަކާއި އެކި މައިޒާންތަކުގައި ނިދައިގެން އުޅޭ އެތައް ބަޔަކު ވެސް އެބަ ތިއްބެވެ. ޒަރޫރީ ބޭނުންތައް ރަނގަޅަށް ނުފުއްދި އެވެ. އެފަދަ ހާލެއްގައި ތިބި މީހުންނަށް ރާއްޖޭގައި އޮތް ހަމައެކަނި ފުރުސަތަކީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެވެ.

ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން 1976 ގައި ހެދި އެ މަރުކަޒުގައި އެފަދަ މައްސަލައެއް ނެތް އެތައް ބަޔަކު ވެސް އެބަ ތިއްބެވެ. ގޮތެއް ނެތިފައި މަރު ދުވަހާ ހަމައަށް އެ މަރުކަޒުގައި އުޅެން ޖެހިފައިވާ މީހުންނަށް އެއީ ރަނގަޅު މާހައުލެއް ވެސް ނޫނެވެ.

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު--

ރާއްޖެއަށް ކޮން ކަހަލަ މަރުކަޒެއް؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަންކަމުގެ ތެރޭގައި ދުވަސްވީ މީހުންގެ ތެރެއިން އާއިލާއިން އަޅާނުލާތީ ގުރައިދޫ މަރުކަޒުގައި ތިބި މީހުންނަށް އެކަށީގެންވާ ތަނެއް ހަމަޖެއްސުން ހިމެނެ އެވެ. އެކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ދެ މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ގުރައިދޫ މަރުކަޒުގައި ތިބި އެކަމަކު އޭގެ މައްސަލައެއް ނެތް ދުވަސްވީ މީހުން ބަލާނެ އެހެން މަރުކަޒެއް ގާއިމްކުރުމެވެ. އެއީ ދުވަސްވީ މީހުންނަށް ހާއްސަ މަރުކަޒެކެވެ.

ސިދާތާ ވިދާޅުވީ އެއީ އަގެއް ދައްކައިގެން މީހުން ބަލަހައްޓާ ތަނަކަށް ނުވާނެ ކަމަށެވެ. ނަމަވެސް އަޅާލާނެ މީހަކު ނެތް ދުވަސް ވީ މީހުން ދައުލަތުން ބަލާ އުސޫލުން އެތަނުގައި ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ މަސައްކަތް އަދި އުޅެނީ ޕްލޭނިން މަރުހަލާގައި ކަމަށް ވާތީ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

"ވަކި ތަނެއް ލޮކޭޓް ކުރެވުނީމަ ޕްލޭނެއް ހަދާނެ. އަދި މިއީ ރާއްޖެއަށް އާ ކަމަކަށް ވާތީ މީހުން ތަމްރީނު ކުރަން ވެސް ޖެހޭ،" ސިދާތާ ވިދާޅުވި އެވެ.

ނާސިން ހޯމެއްގައި ދުވަސްވީ މީހުންތަކަކަށް ފަރުވާ ދެނީ--

ނާސިން ހޯމެއް ބޭނުން!

ދުވަސްވީ މީހުން ބަލަހައްޓާ "ނާސިން ހޯމް" ނުވަތަ "އެލްޑެރީ ހޯމް" ރާއްޖެއަށް ވެސް މުހިންމެވެ. އެއީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ޒަމާނުންސުރެ އޮންނަ ހިދުމަތެކެވެ. ވަކި ގޮތަކަށް ކެއުން ބެހެއްޓުމާއި ބަލި މީހުންނަށް ގަވައިދުން ބޭސް ދިނުމާއި ކަސްރަތުތަކުގައި ބައިވެރިކުރުމުގެ އިތުރުން ހިތް އުފާވާ ކަހަލަ ކަންކަން، އުމުރާއި ހާލަތާ ގުޅޭ ގޮތަށް އެ ތަންތަނުގައި، ކުރިއަށް ގެންދެ އެވެ. ހިދުމަތް ދޭން ތިބެނީ ސިއްހީ ދާއިރާއިން ތަމްރީނު ވެފައިވާ ނަރުހުންނާއި އެހީތެރިވުމުގެ ތަމްރީނު ހަދާފައިވާ މީހުންނެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި އެފަދަ މަރުކަޒުތައް ހިންގަނީ އެކި ގޮތްގޮތަށެވެ. އޭގެ ތެރެއިން ބައެއް ގައުމުތަކުގެ ސަގާފަތަކީ އެކަނި ނޫޅެވޭ ހާލަށް ދިއުމުން އެފަދަ ތަންތަނަށް ލުމެވެ. ގިނަ ގައުމުތަކުގައި މައިންބަފައިން ބަލަހައްޓަނީ ދަރިންނެވެ. ނަމަވެސް ދަރިން ނުތިބޭ ނުވަތަ އާއިލާގެ ތަފާތު މައްސަލަތަކުގެ ސަބަބުން އަޅާލުން ނުލިބޭ މީހުންނަށް ގޮތެއް ހޯދައިދޭން ޖެހެ އެވެ. ރާއްޖެއަށް ވެސް އެ މައްސަލަ މިހާރު ވަނީ ކުރިމަތިވެފަ އެވެ.

އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ހިލޭ ސާބަހަށް ހިދުމަތް ދޭ އަހުމަދު ހިޝާން މިހާރު ކުރައްވާ މަސައްކަތުން ވެސް ރާއްޖެއަށް އެކަން މުހިންމު މިންވަރު ސާފެވެ. ލަންޑަންގައި ހަ މަސް ދުވަހު ހިލޭ ސާބަހަށް އެ މަސައްކަތް ކުރައްވާފައިވާ ހިޝާން މިހާރު ވެސް ގެންދަވަނީ މާލޭގައި ދުވަސްވީ 14 ފިރިހެނުންގެ ކަންކަން ބަލަހައްޓަވަމުންނެވެ. އެމީހުން ސާފުކުރުމާއި ފެންވެރުވުމާއި ތުނބުޅި ބޭލުން ފަދަ ކަންކަމެވެ. އެއީ އެކި ސަބަބުތަކާ ހުރެ އާއިލާގެ އަޅާލުން ނުލިބޭ ނުވަތަ އަންހެން ދަރިން ތިބުމުން ބަފައިންނަށް އެފަދަ ކަންކަން ނުކޮށްދެވޭ އާއިލާތަކެވެ.

ނާސިން ހޯމެއްގައި ދުވަސްވީ މީހުންތަކެއް ކަސްރަތު ކުރަނީ--

ހިޝާން ވިދާޅުވި ގޮތުގައި މިހާރަކަށް އައިސް ދުވަސްވީ މީހުންނަށް އިހުމާލުވާ މިންވަރު އިތުރެވެ. އެހެންކަމުން އެފަދަ މީހުން ބަލަހައްޓާނެ ހާއްސަ ތަނެއް ހުރުމަކީ ރާއްޖޭގައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި އެ މައްސަލަ ހައްލު ކުރުމަށްޓަކައި އެތަން ވާން ޖެހޭނީ އާއިލާތަކުން އަޅާނުލާ މީހުންނާއި މަގުތަކުގައި ނިދާ އުޅޭ މީހުންނަށް ވެސް ފުރުސަތު ލިބޭނެ ތަނަކަށް ކަމަށް ހިޝާން ވިދާޅުވި އެވެ.

"މިހާރު ބައެއް އާއިލާތަކުން ދުވަސްވީ މީހުން ބަލަނީ މަޖުބޫރުން. ގަދަކަމުން. އެގޮތަށް ބަލާއިރު އެބަ އިހުމާލުވޭ. ގޭގައި އެކަނި އެބަ ބާއްވާ. އެއަށް ވުރެ މާ ރަނގަޅު އެ ހިދުމަތްތައް ރަނގަޅަށް ކުރާ ބަޔަކާ އެކަން ހަވާލު ކުރުން،" ހިޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި އޯގާތެރިކަން ނުލިބޭ ދުވަސްވީ މީހުންނަށް 65 އަހަރު ވުމުން ދައުލަތުން ދޭ 5،000ރ. އެ ހިދުމަތަށް ހޭދަކުރެވިދާނެ އެވެ.

އިޖުތިމާއީ ކަންކަމުގައި އުޅުއްވާ މުހައްމަދު ޝިހާބު ވިދާޅުވި ގޮތުގައި ދުވަސްވީ މީހުން އަމިއްލައަށް އެދިގެން ގޮސް އުޅެވޭނެ އަޅާލުމާއި އޯގާތެރިކަން ލިބޭ މަރުކަޒެއް ރާއްޖޭގައި ގާއިމް ކުރުން ލާޒިމެވެ. އެއީ ވަޒީފާތަކުގައި ބުރަކޮށް އުޅޭ ދަރިންނަށް މައިންބަފައިންނަށް އަޅާނުލެވޭ މައްސަލައަށް ހައްލު ލިބޭނެ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެފަދަ ތަންތަން ވާނީ، ޝިހާބު ވިދާޅުވި ގޮތުގައި، ދަރިން ބޭނުން ކޮންމެ ވަގުތެއްގައި މައިންބަފައިން ކައިރިއަށް ޒިޔާރަތްކުރެވޭނެ ތަންތަނަށެވެ.

"މިދައްކަނީ މުސްކުޅި ވީމަ މައިންބަފައިން އެއްލައިލާ ވާހަކައެއް ނޫން. ދަރިން ބިޒީކޮށް އުޅޭއިރު މައިންބަފައިން އެކަނި ގޭގައި ބޭއްވުމަށް ވުރެ ރަނގަޅު ހިދުމަތް ލިބޭ ތަނަކަށް ދުވަސްވީ މީހުން ގެންދިއުން،" ޝިހާބު ވިދާޅުވި އެވެ.

އެމީހެއްގެ މައިންބަފައިން ބަލާނީ އެމީހެކޭ ބުނެގެން މި ޒަމާނުގައި ތިބެވޭކަށް ނެތެވެ. މީހުން ބިޒީވެ، ގޭގައި މަޑުކުރަން ދެވޭ ވަގުތު ވަނީ މަދުވެފަ އެވެ. އެހެންކަމުން މައިންބަފައިން ބެލުމުގެ ޒިންމާ ނަގާނެ ގޮތްތައް ވެސް ދަނީ ބަދަލުވަމުންނެވެ. އެއީ މިއަދުގެ ހަގީގަތެވެ. އެހެންކަމުން ދުވަސްވީ މީހުންނަށް ޚާއްސަ މަރުކަޒެއް ހަދަން ސަރުކާރުން އިސްނެގުމަކީ ރަނގަޅު ނިންމުމެއް ކަމަށް، އެތައް ބަޔަކު ދެކެ އެވެ.

30 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 72%
icon sad icon sad 4%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަޝާރު

26 November 2018

1) ދަރިން މައިންބަފައިންނަށް އަޅާނުލާކަށް ނޫން. އެންމެ ފުރިހަމަ ގޮތް ހޯދައިދިނުމަށް. ކޮންމެ ގެޔެއްގައި ކިހިނެއްތޯ ބޭސްފަރުވާކުއްލިއަކަށް ކުރެވޭނެ ގޮތްގޮތް ތަނަވަސްކުރެވޭނީ. 2) ދުވަސްވީ މީހުންނަށް ފުރުސަތުދިނުން. މިހާރު ގެއެއްގެ ކޮޓަރިއެއްގައި ތިބެ ނިމިދިޔުމަށްވުރެ ރަނގަޅުވާނެ އެއްއުމުރުފުރާގެ މީހުންނާ ވާހަކަދައްކާލެވި ކަންކަންކުރެވެންޏާ. 3)ދީނުގައިނެތް ގައުމު އާރާސްތުކުރަން ޓެކްސް ނަގާވާހަކައެއް. ކޮބާތޯ ތަފާތަކީ؟ ގޯސްކަމެއްތޯ؟ ފުރުސަތު ދިނުން؟

The name is already taken The name is available. Register?

ބީކައިންޑް

26 November 2018

ބޭނުންވާ އަޅާލުން ފުރިހަމައަށް ދެވޭ ތަނަކުން ޚިދުމަތް ހޯދައިދިނުމަކީވެސް އަޅާލުން ނޫންތޯ؟ ބަލި މަންމައެއް ގޮވައިގެން ފިރިހެން ދަރިންނަށް އަދި ބަލި ބައްޕައެއް ގޮވައިގެން އަންހެން ދަރިން އުޅުމަކީ ފަސޭހަކަމެއް ނޫން. ސާފުކޮށްދޭންވެސްޖެހޭނެ. އުޅެން މިޖެހެނީ އެއްކޮޓަރީގަ އެންމެން. މުޅި ދުވާލު އެއްކޮށް ވަޒީފާގަ. ލިބޭ ފައިސާއިން ދެކޮޅެއް ނުޖެހޭ. ބޭނުންވިޔަސް އޮންނަނީ ނުބެލިފަ. އެހެންވީމަ މި އޮޕްޝަން ޚިޔާރުކުރުމަކީ އެންމެ އޯގާތެރި ގޮތް ނޫންތޯ؟

The name is already taken The name is available. Register?

ޑޮނާޑު

26 November 2018

ތިކަމައް އެންމެ ރަގަޅީ ދަރުމަވަންތަ ހޮސްޕިޓަލް އަވަހައް ނަން ބަދަލުކޮއްފަ ފައްޓަވަންވީ؛

The name is already taken The name is available. Register?

ކޮކީ

25 November 2018

ކޮމެންޓުތަކަށް ބަލާލީމަ ހީވަނީ ނަރސިންގ ހޯމްގެ މައްސަލައަކީ ވަރަށް ޚިޔާލު ތަފާތު މައްސަލައެއްހެން. އެއްވެސް މީހެއްގެ ހިޔާލު ގޯހެއް ނޫން. އެކަމަކު މައިންބަފައިން މުސްކުޅިވެ ގައިބާރުދޫވެ އަހަރެމެންގެ އެހީތެރިކަމަށް ބޭނުންވާ ދުވަހު ގެންގޮސް ނަރސިންގ ހޯމްއެއްގައި ބޭތިއްބުން އެއީ އަހަންނަށް އެހާ ކަމުދާ ގޮތެއް ނޫން. އެއީ ވަރަށް އެކަނިވެރި ހިތްދަތި ދިރިއުޅުމެއް.

The name is already taken The name is available. Register?

އަރޫ

25 November 2018

ތިމާގެ އަމިއްލަ ބަނޑުއަޅާ ވިހޭ ދަރީން ތިމާއަށް ނުވީ އޯގާތެރިއެއް، މުސާރަޔަށް މަސައްކަތްކުރާ ދުރުހިލޭ ބަޔަކު ވެދާނެހެން ހަމަ ހިޔެއްނުވޭ

The name is already taken The name is available. Register?

ވާލުސޮރު

25 November 2018

ޢިބްރަތްތެރި ވާހަކައެއްގައި ކިޔައެވެ. ޒުވާނަކު އޭނާގެ ބައްޕަ ބަލިވެ ހިރިނުލެވިފަ ގޭގަ އޮވެގެން ރޭނގަޑު ކެއްސާ ވަރުން ނުނިދިގެން ޖެހިގެން އައިދުވަހު ފަތިހު ބައްޕަ ނަގާ ކޮނޑަށްލައިގެން ފަރުބަދަ މައްޗަށް އަރަންފެށުމުން ބައްޕަ އަށް ދަރިފުޅު ކުރަން އެއުޅޭ ކަންތައް ވިސްނިގެން ބުންޏެވެ. ބައްޕަ ފަރުބަދަ މަތިން ވައްޓާ މަރާލަންޏާ އެއޮއްދިމާލަށް ވައްޓާލާށެވެ. ބައްޕަގެ ބައްޕަ (ދަރިފުޅުގެ ކާފަ) ވެސް ހަމަ ތިގޮތަށް ބައްޕަގެ އަތުން އެއްލާލީ އެތަނަށެވެ.

The name is already taken The name is available. Register?

އަލީބަލީ

25 November 2018

ނާސިންގް ހޯމްއެއް ވަރަށް ބޮޑަށް ބޭނުން. ދުވަސް މީހުންގެ ތެއިން އަމިއްލަ ގޭގައި ކަންކަން ކުރެވެން ނެތް މިހުންނަށް ޚިދުމަތް ލިބޭނެ މަގެއް އޮންނަންޖެހޭ. މިއީ ދުނިޔޭގެ އެހެންތަންތާވެސް ދޭ ޚިދުމަތެއް.

The name is already taken The name is available. Register?

ފޮސްކަލޯ

25 November 2018

ހެޑިން ރީތި އެކަމަކު ވިލާތު ވިސްނުން...ޒުވާނުން ހެޕީ ކޮރަކަލ ސައިކަލްތަކުގައި ކޮފީ މޭޒުތަކުގައި ވިސްނުމެއްނެތި ގިނަވަގުތު ހޭދަކުރެވޭނެ

The name is already taken The name is available. Register?

ސަފިއްޔާ

25 November 2018

ކީރިތި ޤުރްއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މައިންބަފައިންނަށްހެޔޮކޮށް ހިތުމަށް ކުރައްވާފައިވާ އަމުރަށް ކިޔަމަން ނުވާހާ ހިނދަކު ކިތަންމެ ގިނަ ނަރސިންގ ހޯމް ހެދި ކަމުގައި ވިޔަސް މައްސަލައަށް ހައްލެއް ނުލިބޭނެ. އޮތް ހާ ވެސް ކަމަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުން. މަންހަޖުގައި މި މައުޟޫއު ހިމަނަން ވީ. ރަނގަޅަށް ކިޔަވައި ދޭންވީ. ހޭލުންތެރި ކުރަންވީ.

The name is already taken The name is available. Register?

ޑިމޮކްރަސީ

25 November 2018

ތިކަމަކީ ބޭނުންކަމެއް ދުވަސްވީ މީހުންނަށް އެދޭ 5000 ރުފިޔާ އެފަދަ މަރްކަޒްތަކަށް ދީގެން އެމީހުން ދުޅަހެޔޮ ޞިއްޙަތެއްގަ މަރުދުވަހަށް ރަގަޅު ގޮތަކަށް ބެލެހެއްޓޭނެ ގޮތަށް ހަދަންޖެހޭ ޢާޢިލާއާއި އެކު އުޅުމުގެ ފުރުޞަތުވެސް ލިބޭ ގޮތަށް ނަރސިންގ ހޯމްތަކެއް ހަދައި ދުވަސްވީ މީހުން ބެލެހެއްޓޭނެ އިންތިޒާމްތަކެއް އަވަސްގޮތެއްގައި ހަމަޖައްސަންޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454