ލައިފްސްޓައިލް / ދިރާސާ

ތިން އަހަރު ވަންދެން ދަރިފުޅު ނިންދަވަންވީ ކްރިބްގައި

މަޔަކު ދަރިފުޅު ކްރިބްގައި ނިންދަވަނީ.

30 ނޮވެމްބަރ 2018 - 09:38

އަހަރު ވެސް ނުވާ ތުއްތު ދަރިފުޅު އެމީހުންގެ ގާތުގައި ބާއްވައިގެން ނޫނީ ނިންދަވަން ބޭނުން ނުވާ މައިން އުޅެ އެވެ. އޭގެ ސަބަބުން ލިބޭ ފައިދާތަކެއް ވެސް އެބަ ހުއްޓެވެ. ފަހުގެ ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ހަމާއި ހަންޖެހޭ ގޮތަށް ދަރިފުޅު ނިންދެވުމަކީ މައިމީހާ އާއި ދަރިފުޅާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށްދޭން ބާރުއަޅާ ކަމެކެވެ.

ނަމަވެސް ތުއްތު ކުދިން ނިދުމާ ބެހޭ ގޮތުން ސްލީޕް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނަނީ އުމުރުން ތިން އަހަރު ވަންދެން ދަރިން ނިންދަވަން އެންމެ ރަނގަޅީ ކުދިންނަށް ހާއްސަކޮށްފައިވާ ކްރިބް ނުވަތަ ކުޑަ އެނދުގައި ކަމަށެވެ.

އެ ދިރާސާގައިި ބުނި ގޮތުގައި ތުއްތު ކުދިންނަށް ހާއްސަ އެނދުގައި ދަރިފުޅު ނިންދަވަން ފަސޭހަ އެވެ. އަދި އަވަހަށް ނިދުމާއި ނިދާ ގޮތަށް ހޭނުލެވި ރަނގަޅަށް ނިދައި، ނިދި ހަމަކުރާކަން ފާހަގަކުރެވޭ ކަމަށް ދިރާސާގައި ބުންޏެވެ.

އެމެރިކާގެ ފިލަޑެލްފިއާ ޗިލްޑްރެން ހޮސްޕިޓަލުން ހެދި ދިރާސާ އަށް ފަސް ގައުމެއްގެ 18-36 މަހާ ދެމެދުގެ 1،983 ތުއްތު ކުއްޖެއްގެ ނިދުމުގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތު އެއްކޮށްފައިވެ އެވެ. އެއީ އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެނެޑާ އަދި ނިއު ޒިލެންޑެވެ.

އެ ގައުމުތަކުގެ ނަތީޖާތަކަށް ބަލާ އިރު ފާހަގަކުރެވުނު މައިގަނޑު ކަމަކީ އުމުރުން ތިން އަހަރު ވަންދެން ކްރިބްގައި ނިންދަވާ ކުދިން ބަރާބަރަށް ނިދި ހަމަ ކުރާ ކަމެވެ. އަދި ނިދި ނުލިބިގެން ކުދިންނަށް ދިމާވާ ސިއްހީ މައްސަލަތައް ވެސް މަދުކަމެވެ.

ދިރާސާގައި ބުނި ގޮތުގައި މައިންބަފައިން ތުއްތު ދަރިފުޅު ކްރިބްގައި ނިންދަވާ އުމުރުފުރާތަކަށް ބަލާ އިރު، 63 މައިންނަކީ ދަރިންގެ އުމުރުންގެ އެއް އަހަރާއި ދެ އަހަރާ ދެމެދަށް އެޅެންދެން ކްރިބްގައި ނިންދަވާ މައިންނެވެ. އަދި 34 ޕަސަންޓް މީހުން ބުނެފައި ވަނީ އެ މީހުންގެ ދަރިން ކްރިބްގައި ދެ އަހަރާއި ދެ އަހަރު ބައި ވަންދެން ނިންދަވާ ކަމަށެވެ. މީގެ އިތުރުން 13 ޕަސަންޓް މީހުންނަކީ އެ މީހުންގެ ދަރިންގެ އުމުރުން 30 މަހާއި 36 މަހުގެ މުއްދަތަކަށް ކްރިބްގައި ނިންދަވާ މީހުންނެވެ.

"ދަރިފުޅު ކްރިބްގައި ނިންދެވުމުން ލިބޭ ފައިދާތަކުގެ އިތުރަށް އެއީ މައިމީހާގެ ނިދުމަށް ވެސް ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމެއް،" ދިރާސާ ޓީމުގައި ހިމެނޭ އެރިއެލް ވިލިއަމްސަން ވިދާޅުވި އެވެ.

"ގާތުގައި ދަރިފުޅު ބާއްވައިގެން ނިންދަވާ ނަމަ ދޭތެރެ ދޭތެރެ އިން ދަރިފުޅު ހޭލެވި، މައިމީހާގެ ނިދި ވެސް ހަރާބުކޮށްލާނެ. އެހެންވެ އެންމެ ރަނގަޅު ގޮތަކީ ތިން އަހަރު ވަންދެން ދަރިފުޅު ކްރިބްގައި ނިންދަވަން އާދަ ކުރުން."

މަޔަކު ދަރިފުޅު ކްރިބްގައި ނިންދަވަނީ.

ދަރިން ކްރިބްގައި ނިންދަވަން ފަސްޖެހޭ މައިންބަފައިންނާ ބެހޭ ގޮތުން ކުޑަކުދިންނާ ބެހޭ ސައިކޮލޮޖިސްޓް ލީޒާ މެލްޒާ ވިދާޅުވީ އެގޮތަށް ދިމާވަނީ "ކްރިބަކީ ކޮށްޓެއް" ގެ ގޮތުގައި ބައެއް މީހުންނަށް ސިފަކުރެވޭތީ ކަމަށެވެެ.

"އެކަމަކު ދަރިންނަށް އެކަން އިހުސާސް ކުރެވޭނީ އެގޮތަކަށް ނޫން. ތުއްތު ކުދިންނަކީ ހަގީގަތުގައި ކުޑަ ޖާގަތަކަށް ވަރަށް ލޯބި ކުރާ ބައެއް،" އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަހަރަށް ފާހަގަކުރެވޭނެ ތުއްތު ކުދިން ވަރަށް ގަޔާވާނެ މޭޒު ދަށުގަ އާއި ފޮށި ކަހަލަ އެއްޗެހީގެ ތެރެއަށް އެރިގެން ކުޅެން. އެކަހަލަ ކަމެއް ކްރިބްގައި ނިދުމަކީ ވެސް."

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 17%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454