މިދިޔަ ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމައް މައުމޫން ފައުންޑޭޝަން އިން އިންތިޒާމް ކޮއްގެން އިސްލާމީ މަރުކަޒް ގައި ބޭއްވި ޖަލްސާގައި ޔުމްނާ (މ) ބައިވެރިވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން
16 އޯގަސްޓް 2016 - 17:52
ހެރިޓޭޖް ޑިޕާޓްމެންޓާ ހަވާލުވެވަޑައިގެން ހުންނެވި އެޑިއުކޭޝަން މިނިސްޓަރުގެ ކުރީގެ ނައިބު ޔުމްނާ މައުމޫން މިދިޔަ އެޕްރީލް މަހު އެ މަގާމުން އިސްތިއުފާ ދެއްވީ މާލޭގައި ހުރި ތާރީހީ ކަޅުވަކަރު މިސްކިތް އެތަނުން ނެގި މައްސަލާގައި ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
އިސްތިއުފާ ދެއްވިތާ ހަތަރު މަސް ފަހުން ޔުމްނާ ވަނީ، ކަޅުވަކަރު މިސްކިތް ރޫޅާލި މައްސަލާގައި ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށް ޓުވީޓްތަކެއް ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ކަޅުވަކަރު މިސްކިތް ފަދަ ތާރީީހީ މިސްކިތެއް ރޫޅާލައިގެން ނެގުމަކީ ދެރަ ކަމެއް ކަމަށެވެ. ރޫޅާލައިގެން ނެގީ ދީނާއި ސަގާފަތާއި މަސައްކަތްތެރިކަމާއި އަމިއްލަވަންތަކަމުގެ ރަމްޒެއް ނޫންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"200 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މާލޭ އާސާރީ މިސްކިތެއް އެހެން އަތޮޅަކަށް ގެންދިއުން ގަބޫލުކުރަން ދަތި،" ޔުމްނާ ވިދާޅުވި އެވެ. "އެކަމާ އަޅުގަނޑު ތާއީދުނުކުރާތީ އަޅުގަނޑު އިސްތިއުފާ ދިނީ."
އޭނާ ވިދާޅުވި ގޮތުގައި ދަރިންނަށް ދަސްކޮށްދޭންވީ ދިވެހިންގެ ތަރިކަ ހިމާޔަތްކުރުމަށެވެ.
Roolhaalaigen e negi Dhivehinge dheenaai, sagaafathaai, masahkaiytheri kamaai, amillavanthakamuge ramzeh noon tho?
— Yumna Maumoon (@yumna_maumoon) August 15, 2016
ކަޅުވަކަރު މިސްކިތް ރޫޅާލިި މައްސަލާގައި ހިތްހަމަޖެހިވަޑައިނުގެން ޔުމްނާ ކުރެއްވި ޓުވީޓެއް.
ކަޅުވަކަރު މިސްކިތް: މި މިސްކިތް މިހާރު ވަނީ ރޫޅާލާފައި.
ސަލްޓަންޕާކުގައި ހުރި އެ މިސްކިތް ފުރަތަމަ ބަދަލުކުރަން ވާހަކަ ދެއްކީ ހުޅުމާލެ އަށެވެ. އެކަމަކު ފަހުން ނިންމީ އެ މިސްކިތް ބަދަލުކުރާނީ ގދ. ތިނަދު އަށް ކަމަށެވެ. އެކަމަކު ތިނަދޫގައި އެ މިސްކިތް އަދި ނުބަހައްޓަ އެވެ.
މީގެ ކުރިން ވެސް އެ މިސްކިތް އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަން ފާހަގަކުރައްވައި ޔުމްނާ ވިދާޅުވީ އޭރު އެ މިސްކިތް އަލުން މާލެ އަށް ގެންނެނެވީ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށެވެ.
ކަޅުވަކަރު މިސްކިތް ބިނާކުރެއްވީ ރާއްޖޭގައި ރަސްކަން ކުރެއްވި ސުލްތޯން ހަސަން ނޫރައްދީން އެވެ. އެ މިސްކިތް ފުރަތަމަ ހުރީ ހިނާމާގޭ ޕާކިންއާ ޖެހިގެންނެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތް މާލެ އިން ބޭރަށް ގެންދިޔަ އެވެ. އެކަމަކު މައުމޫންގެ ވެރިކަމުގައި އެ މިސްކިތް އަލުން މާލެ ގެނަ އެވެ. އެ މިސްކިތް މަރާމާތުކޮށް އަލުން ހުޅުވީ 2009 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.
އިސްތިއުފާ ދެއްވި ސަބަބު ޔުމްނާ ހާމަކުރެއްވިއިރު، ބައްޕާފުޅު، މައުމޫނާއި ބޮޑުބޭބޭފުޅު، ރައީސް އަބްދުﷲ ޔާމީނާ ދެމެދު ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދި ވެރިކަން ކުރާ ޕީޕީއެމް ވަނީ ރޫޅިފަ އެވެ. ޕާޓީގެ މައްސަލަތަކަށް އެތެރެ އިން ހައްލު ހޯދުމުގެ ބަދަލުގައި ރައީސް ޔާމީނަށް ތާއީދުކުރާ މީހުން ވަނީ މައްސަލަ ކޯޓަށް ވައްދައިފަ އެވެ.
މި މައްސަލަ ކުރިމަތިވެފައި ވަނިކޮށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން އުޅޭ ގޮތާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކުގަ އެވެ. މި ދެ ބޭފުޅުންގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވެސް ގެންދަވަނީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ސަރުކާރުން ހުށަހަޅާ ބައެއް ބިލްތަކާ ދެކޮޅަށް ވޯޓު ދެއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭއޭ
19 November 2018
ކަޅުވަކަރު މިސްކިތް ހުންނަންވާނީ މާލޭގައި. ހީނާމާގޭގައި ޕާކަކާއިއެކު އެމިސްކިތް ބެހެއްޓުމައް ފެންނަނީ. އެޢީ އެމިސްކިތައް ވަރައް ރަގަޅު ލޮކޭޝަނެއް. މިހާރު ހީނާމާގެ ކައިރީގަ ހުންނަ މިސްކިތް އަބަދުހެން ފުރޭ. މަގުމަތީގައިވެސް ނަމާދު ކުރަންޖެހޭ. ވީމާ މިހާރު ހުރި މިސްކިތް ކައިރީގައި ހީނާމާގޭގެ ސަރަހައޮދުގއި އެމިސްކިތް ބެހެއްޓެވުމައް ދަންނަވަން.
ޢަލިބެ
18 August 2016
މިސްކިތް ކޮންމެތާކު ހުއްޓަސް މައްސަލައެއް ނެތް.. މައްސަލަ އަކީ ލާރި ނެތިގެން އުޅޭއިރު މިކަހަލަ ހަރަދު ކުރާތީ....ބޭކާރު ހަރަދި..
ގުލާނު
18 August 2016
ވިސްނަވިސްނާފަ ބުނާނެ އެއްޗެއް އަދި ކިރިޔާ ވިސްނުނީ.
ކަލިރަވަ
17 August 2016
ޜައިއްޔަތުންގެ ލާރި ބޭކާރު ކުރަނީ ހަބޭހަށް އެނޫން ކަމެއް އެބަ ކުރޭތަ؟
ނުޒޫ
17 August 2016
މިސަރުކާރުން މިނޫންކަމެއް ނުކުރޭ.... އެއްތަނުގައި ހުންނަ އެތި ކޮނެގެން އުފުރާލައިގެން ގެންގޮސް އަނެއްތަނުގައި ބެހެއްޓުން މުޅިންވެސް ބޭކާރު ކަންތައްތައް ރައްޔިތުންގެ ފައިސާ މިސަރުކާރުގެ ބޮޑެތިންނާއި އަދި މަޖިލިސް މެންބަރުންގެ ޖީބުތަކަށް ލުމަށްފަހު މުޅިންވެސް އިސްރާފު މިފަދަ ހުދުމުހުތާރު ސާރުކާރެއް ދުވަހަކުވެސް ދެން މިޤައުމުގެ ރައްޔިތުންނެއް ނުދެކޭނެ.... ޔާމީން ވެރިކަމަށް ގެންނަން މަސައްކަތްކުރި ހުރިހާ ފަރާތްތަކަށް ވަރަށް ސަލާން
ފާގަތި
17 August 2016
ޔުމްނާވެސް ހަމަޖެހޭ ވާހަކައެއް ވިދާޅުވިނަމަ ތާއީދު ކުރީމުސް. އެކަމަކާނޫން އިސްތިއުފާ ދެއްވީކީ. ތެދަށް ވިދާޅުވެބައްލަވަ. މިސްކިތް ކޮންމެތާކު ހުއްޓަސް އޭގެ އަގަކީ، ނަމާދު ކުރެވޭގޮތަށް. އަސްލަށް ބަދަލު ނައިސް ހުރުން. ފަޅުރަށަކަށް ބަދަލުކުރާނަމަ މައްސަލައެއް. އެމިސްކިތް އަދި ބަހައްޓާ ތަނެއް ނޭގެއެއްނު. ރާއްޖޭގެ އެހެން ސަރަޙައްދެއްގަ މިސްކިތް ހުއްޓަސް މަސައްކަތްތެރިކަމާ ތަރިކަ ރައްކާތެރި ކުރެވޭނެ. ކޮންމެހެން ބައްޕާފުޅު މާލެއަށް ގެންނެވީމާ ބަހައްޓަން މަޖުބޫރެއްނޫން. ރަނގަޅުވާނެ ތިނަދޫގަ ހުއްޓަސް. ބައިގިނަ ރަށެއް.
ސާރިފް
17 August 2016
ކޮންމެތާކު މިސްކިތް ހުއްޓަސް ނަމާދު ކުރެވެންޏާ އޯކޭ މިސްކިތް މަރާމާތު ކުރެވެންވާނެ ދީނާ ހިލާފް އެއްވެސް ކަމެއް މިސްކިތުގައި ކުރެވިގެން ނުވާނެ
ދޮންދީނާ
17 August 2016
އެންމެ ފުރަތަމަ ރާއްޖޭގައި އިސްމްދީން ޤަބޫލުކުރިކަމަށް ދިވެހި ތާރީޚުން އެގެން އޮތީ އައްޑު އަތޮޅު މީދޫ މީހުންނެވެ. އެހެން ވީމާ އިސްލާމީ މިރުކަޒު މިރަށަށ ގެންނަށް ފެނޭ!
ކްރިޓިކަލް ދޮންބެ
17 August 2016
މި މިސްކިތް އަސްލު ހުންނަންވާނީ މާާަަލޭގަ... މިއީ ރާއްޖޭގަ ހުރި ހަމައެކަނި ރޫޅާ ރޭވޭ މިސްކިތް... އެކަމަކު 200 އަހަރު ވެފަ ހުރި ތަނެއް ވީމަ، ރޫޅާ ކޮންމެ ފަހަރަކު ގެއްލުންތަކެއް ލިބޭނެ....
ވިސްނާ
17 August 2016
ރަގަޅު ވިސްނުމެއްގައި ތާރީހާއި ޝަގާފަތް ދިރުވައި ދިވެހި ވަންތަކަން ދަމަހައްޓަން މަަސައްކަތް ކުރާ ނަމަ އެމިސްކިތް އެތަނަކުން ނުނަގާނެއެވެ. އަދި ސަލްޓަން ޕާކު ތަރައްގީ ކުރާނީ މިހާރު އެތަން ތަރައްގީކުރަމުންދާ ވިސްނުަމަކުއެއްވެސް ނޫނެވެ. ސަލްޓަން ޕާކު ވާންޖެހޭނީ ރާއްޖޭގެ ތާރީޚާއި ޝަގާފަތް ރަމްޒުކޮށްދޭ ތީމް ޕާކަކަށެވެ. ރާއްޖޭގެ ރައްޔިތުންން ފަހުރުވެރިވާ ރާއްޖެއަށް ޒިޔާރައްކުރާ ފަތުވެރިގެންގެ މަންޒިލަކަށެވެ. ސަލްޓަން ޕާކުގައި ގައުމީ ދާރުލްއާޝާރު އެބަހުއްޓެވެ. އެތަނުގައި ގައުމީ ކުތުބުޚާނާ އެބަހުއްޓެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމު ތަކުގައި މިއީ ވަރަށް މުހިއްމު ތަންތަނެވެ. މިސާލަކަށް ބްރިޓީސް މިއުޒިއަމްއާއި ބްރިސް ލައިބްރަރީއަކީ ދުވާލަކު އެތައްހާސް ބަޔަކު ޒިޔާރަތްކުރާ ތަންުތަނެވެ. ރާއްޖޭގައި ސަލްޓަންޕާކު ޝަގާޕީ ތާރީޚީ ތަނެއްގެ ގޮތުގައި ތަރައްގީ ކުރާނަމަ އެތަނުގައި ހުރި ކުތުބުހާނާއާއި ދާރުލްއާސާރާއި ކަޅުވަރު މިސްކިތް ބޭނުންކޮށްގެން ރަގަޅު ކޮންސެޕްޓަކަށް ހެދުނީހެވެ.