03 ޑިސެމްބަރ 2018 - 11:05
ދީނީ ޗެނަލެއް ހަދަން ޒަކާތު ފަންޑުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އަށް ދިން ފައިސާއިން ބަޔަކަށް ވީނުވީއެއް ނޭނގިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ 2017 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ދީނީ ޗެނަލަށް އިކްއިޕްމެންޓް ގަތުމަށް ޕީއެސްއެމް އަށް ދިން ފައިސާގެ ތެރެއިން 1.4 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އަށް ވީ ގޮތެއް ނޭނގިފައިވާ ކަމަށެވެ. ރިޕޯޓްގައިވާ ގޮތުން ދީނީ ޗެނަލަށް އިކްއިޕްމެންޓް ގަތުމަށް 7.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދީފައިވެ އެވެ.
ނަމަވެސް އިކްއިޕްމެންޓް ގަތުމަށް ހަރަދުކޮށްފައި ވަނީ އޭގެ ތެރެއިން 1.6 މިލިޔަން ރުފިޔާ އެވެ. އެހެންވެ ޕީއެސްއެމް އިން އެ ފައިސާ ޖަމާ ކުރި އެކައުންޓްގައި ބާކީ 6.2 މިލިޔަން ރުފިޔާ ހުންނަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އެ އެކައުންޓްގައި ހުރީ 4.8 މިިލިޔަން ރުފިޔާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.
"... އެހެންކަމުން އިކްއިޕްމެންޓް ގަތުމަށް ދީފައިވާ ފައިސާގެ ތެރެއިން ބާކީ ހުންނަން ޖެހޭ އަދަދަށް ފައިސާ ނެތްކަން އެކައުންޓްގެ ސްޓޭޓްމަންޓުން ދައްކަ އެވެ،" ރިޕޯޓްގައި ވެ އެވެ.
ރިޕޯޓްގައިވާ ގޮތުން ޕީއެސްއެމް އަށް ދިން ފައިސާ އެ ކުންފުނިން ބޭނުންކޮށްފައިވާ ގޮތް ހޯދަން މިނިސްޓްރީން މަސައްކަތް ކޮށްފައެއް ނުވެ އެވެ.
ދީނީ ޗެނަލް ހަދަން ޕީއެސްއެމް އަށް 7.9 މިލިޔަން ރުފިޔާ ދިނީ އެ ފައިސާ ޒަކާތު ފަންޑުން ނަގައި ވަގުފް ފަންޑަށް ބަދަލުކުރުމަށް ފަހު އެ ފަންޑުންނެވެ. އެ ކުންފުންޏަށް އެއަދަދަށް ފައިސާ ދިނީ ޗެނަލް ހެދުމަށް ހުށަހެޅި ކޯޓޭޝަނަކަށް ބަލައިގެންނެވެ.
ދީނީ ޗެނަލް ހިންގަން ޕީއެސްއެމް އަށް ފައިސާ ދިނުމުން އެ ކުންފުނިން އަމަލުކޮށްފައިވާ ގޮތް ވެސް ރަނގަޅެއް ނޫނެވެ. އެގޮތުން ދީނީ ޓީވީ ޗެނަލް އުފެއްދީ ޕީއެސްއެމް އިން އެހައިތަނަށް ހިންގަމުން އައި ޗެނަލެއްގެ ނަން "މުންނާރު ޓީވީ" އަށް ބަަދަލުކޮށްގެންނެވެ. އަދި ރޭޑިއޯ ޗެނަލް އުފެއްދުމުގެ ނަމުގައި ކުރި ކަމަކީ ވެސް ކުރިން ހިންގަމުން ދިޔަ ޗެނަލެއްގެ ނަން ބަދަލުކުރުމެވެ. އެގޮތުން ކުރިން ގެނެސްދެމުން ދިޔަ "ދީނުގެ އަޑު" އެއީ ދީނީ ރޭޑިއޯ ޗެނަލް ކަމަށް ވަނީ ހަމަޖައްސާފަ އެވެ.
ޒަކާތު ފަންޑުން ހަރަދުކޮށްގެން އިސްލާމިކް މިނިސްޓްރީން ކުރި އެހެން ބައެއް ކަންތައްތަކުގައި ވެސް މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެ އެވެ. އެގޮތުން އެ ފަންޑުން މުސާރަ ދޭ ގޮތަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް ލީ މުވައްޒަފުންނަށް ސިވިލް ސާވަންޓުންގެ މުސާރަ އަށް ވުރެ ބޮޑުކޮށް މުސާރަ ދީފައިވާ ކަމަށް ރިޕޯޓްގައި ބުނެފައި ވެ އެވެ.
މި ހުރިހާ ކަމެއް ހިނގި އިރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޑރ. އަހްމަދު ޒިޔާދު ބާގިރު އެވެ. އަދި ޕީއެސްއެމްގެ މެނޭޖިން ޑައިރެކްޓަރަކީ އިބްރާހީމް ހަލީލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނދުން ހުސެއިން
04 December 2018
މިކަން މިމަގުން ކުރަންފެށުމުން އޭރުވެސް މި ދީނީ ޗެނަލް އޮންނަންވާނީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށް އަހަރެން ހަމަ މިނޫހަށް ކޮމެންޓެއް ފޮނުވީމެވެ.ކަންވެފައި މިއޮތީވެސް އަންދާސާ ކުރެވުނު ގޮތަށެވެ.މިނިސްޓްރީންވެސް ޓީ.ވީ.އިންވެސް އިހުމާލުވީ ޒަކާތު ފަންޑު ފައިސާއަށެވެ.އަދިވެސް މި ދީނީ ޗެނަލް ތައް މިނިސްޓްރީގެ ބާރު ދަށަށް ގެންނާށެވެ.
އިސްހާގު
03 December 2018
ނަޝީދުގެސަރުކާރުގެއޮޑިޓްރިޕޯޓްއަޅުގަމެންއަޑުއެހީމު
ޢަސްދޫނި ސައިކަލް
03 December 2018
ކަލޯގަޔާ ދާވާލައިފި ދޯ. އިނގޭތަ ކުޑަކުދިންގެ ޓީވީ ޗެނަލްއެއް ހެދިކަން. ޓީވީއެމް ޖޫނިއަރ ކިޔާނީ..އަޅެ ޚަލީލު އާއި އިކްރާމް އަދި އެޗްއޯޑީން މޮޅެއްނޫންތަ ޗެނަލް ހެދުމައް ކިހާވަރެއް ހޭދަކުރިބާ... ހާދަ މޮޅު އިންޖިނިއަރިންގް ޓީމެއް އޮވެގެންނޭ ދޯ މިކަހަލަ ބޮޑެތިކަންކަން ނިންމާލެވޭނީ..
ޓީވީއެމްކުރީގެ ސްޓާފެއް
03 December 2018
ބޮޑުވަރުދޯ އެބުނަނީ އެއްޗެނަލް ހަދާފައި ދެނަމެއް ދެގަޑީގައި ބޭނުންކުރަމުން ދާވާހަކަ. މަޖިލިސް ޗެނަލް ހެދުމައް ކިހާފައިސާއެއްނެގިބާ ޕީއެސްއެމް އިން. އަހަރެން އެތާ އުޅެނިކޮއް މަޖްލިސް ގެ ޖަލްސާތައް ރެކޯރޑް ކުރުމައް ކެމެރާ ބެހެއްޓީ އެތަނުގައި ހުރި ކެމެރާ ނޫން ދެން މަޖިލިސް ގެ އިދާރާ އަށް ދިނީ ބާތަކެތި. ޢަލައްގެނައި ހުރިހާ އިކްވިޕްމެންޓް ޓީވީއެމް އިންޖިނިއަރިންގްއިން ބެހެއްޓީ މަޖިލިސް އިދާރައަށް ނުދީ
އައިމޮން
03 December 2018
ދީނުގަ އޮންނަނީ ކަނާތުން ކުރާކަމެއް ވައަތަށްވެސް ނޭނގޭގޮތަށް ކުރަން! އެމަގުން ދިޔައީތޯއްޗެއް ފައިސާތައް! ޝުކުރިއްޔާ ގަައުމު! “މަގޭދީނާ ނުކުޅޭތި!”
ާައަޙުމަދު.
03 December 2018
ކީއްކުރާނީ. ބޮޑެތި ވަގުން ވީމަ ވާނެގޮތް
ސިވިލް
03 December 2018
ޒަކާތް ދައްކަނީ މިބަޔަކު ޓީވީ ޗެނަލް ހަދަންތަ؟ މަށަށް އޮޅިއްޖެ.
ނާޝިދު ޓީވީއެމް
03 December 2018
މިހާރު ތިޔަނުގައި އެޗްއޯޑީ އިން ގޮތުގައި ތިބިމީހުންވެސް ޒިންމާ އުފުލަންޖެހޭނެކމައް ދެކެން. އެތެރޭގެ ހަބަރުތައް އިނގޭމީހަކުބުނި ގޮތުގައި ދާދިފަހުންވަނީ އެތަނުގެ ވަޒީފާ އަދާ ކުރާމުވައްޒިފުންގެ %90 ޕަސެންޓް މީހުނައް ވަޒީފާގެ ކުރިއެރުން ދީފައި.. ކުރިނއެރުން ދިނުމުގައި އުސޫލެއްހަމއެއްވެސް ނެތްކަމައްވަނީ .. މުވައްޒަފުން މެދުގައި އެޗްއޯޑީ އިން ވަރައްތަފާތުކުރުން ގޭންގުޅޭކަމއްވަނީ
ބެރިންމަދޫ ކުޑޭ
03 December 2018
ދީނީ ޗެނަލް ހަދަން ގަތީ ކިހާ އިކްވިޕްމެންޓެއްބާ؟ ދީނީ ޗެނަލް އަދި މަޖިލސް ޗެނަލް ގެ ހަގީގަތްވަނީ ފޮރުވިފައި . ހަގީގަތަކީ މަޖިލސް ޗެނަލް އަދި ދީނީ ޗެނަލް އެއްޗެނަލް އެއް .. މަޖިލިސް ނޯންނަ ދުވަސްތަކާ ގަޑިތަކުގަ އި އެއީ މުންނާރު ޗެނަލް ކަމައް ޕީއެސްއެމް ގެ މުވައްޒަފަކުބުނި. މަސައްކަތްކުރީ ކޮންޓިޓީ އިތުރުކުރަން އެއިން ޗެނަލަކުން އާ ޕޮރޮގޮރާމް ގަޑެއްވެސް ނުދައްކާކަމައް ވަނީ ..
ސީއޯއޯ
03 December 2018
ހަލީލް މަސައްކަތްކުރީ އޭނަގެ އަމިއްލަ ޖާހް މަތިވެރިކުރަން. އެމްޑީކަން ކުރިއިރު ކޮމާޝަލީ ބޮޑު ފެއިލިއަރ އެއް. ކުންފުނީގައި އޮތީ ބޮޑު ދަރަންޏެއް. ސަރުކާރު ދަރަނި އުފައްދާ މެޝިން ހަވާލުކޮށްފައި އޮތީ ހަލީލްއާއޭވެސް ހީވޭ. ސީއޯއޯ، ސީއެފްއޯގެ ގޮތުގައިވެސް ތިބީ އާދެ ލައްބަ ކިޔާ ޖަރީމާގެ ބައިވެރިން. ޕީއެސްއެމްގެ ސީއެފްއޯއަށް ޔާމީން ސަރުކާރުގައި ތިން މަގާމް. ޕީއެސްއެމް ކޮރަޕްޓްގެ ޖަރީމާ ހިންގި ޗީފުންނާއި ޑިރެކްޓަރުން އަދިވެސް ތިބީ ހަމައެމަގާމްތަކުގަ.