ޕާޓީގެ ބައްދަލުވުމެއްގައި ސިރިސޭނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
06 ޑިސެމްބަރ 2018 - 12:05
ކޮލަމްބޯ (ޑިސެމްބަރު 6) - ލަންކާގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަތައް ހަފުތާއެއްގެ ތެރޭގައި ހައްލު ކުރާނެ ކަމަށާއި އަބަދުވެސް އެންމެ އިސްކަން ދެނީ ގައުމަށް އެންމެ ފައިދާ ހުރި ގޮތުގައި ކަންކަން ނިންމުމަށް ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާ ފްރީޑަމް ޕާޓީގެ ބައްދަލުވުމުގައި ސިރިސޭނާ ވިދާޅުވީ ކޯޓު އަމުރަށް ތަބާވާނެ ކަމަށާއި އަދި މައްސަލަ ހައްލު ކުރުމުގައި ހުރިހާ ސިޔާސީ ޕާޓީއެއްގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.
"މިއީ ރަނިލް ވިކްރަމަސިންހައާ އެކު އޮތް ޒާތީ މައްސަލައެއް ނޫން. އެއީ މި ގައުމަށް އެކަށީގެން ނުވާ ސިޔާސީ މީހެއް،" ސިރިސޭނާ ވިދާޅުވި އެވެ.
ޕާލަމެންޓުގެ ހުރިހާ މެންބަރުންގެ ސޮޔާ އެކު ރަނިލް ބޮޑު ވަޒީރު ކަމަށް ގެންނަން ހުށަހެޅި ނަމަވެސް އެކަން ނުކުރައްވާނެ ކަމަށް ސިރިސޭނާ އަނެއްކާ ވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ.
ސިރިސޭނާ ވިދާޅުވީ ލަންކާގައި ސިޔާސީ މައްސަލަގަނޑު އުފެދިފައި ވަނީ ރަނިލްގެ ސަބަބުން ކަމަށާއި އޭނާ ގެންދަވަނީ ގައުމު ހަލާކުކޮށްލުމުގެ އިތުރުން ވެރިކަން ހިންގުމުގެ ރަނގަޅު އުސޫލު ވެސް މަރާލަމުން ކަމަށެވެ. އެހެންވެ ހުރިހާ ގެއްލުމެއްގެ ޒިންމާ އުފުލަން ޖެހޭނީ ރަނިލް އާއި ޔޫއެންޕީން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ސިރިސޭނާ ކުރިން ވަނީ އިއްޔެގެ ނިޔަލަށް މައްސަލަ ހައްލު ކުރާނެކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy