މިފްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު
09 ޑިސެމްބަރ 2018 - 12:12
މިފްކޯ ދޫކޮށްލެވޭނީ އެ ކުންފުނިން ފައިދާވާން ފެށުމުން ކަމަށާއި އެއީ ދުވަސް ބޭނުންވާ ކަމެއް ކަމަށް އެސްޓީއޯގެ އާ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަމްރު ވިދާޅުވީ މިފްކޯ ވަކިން ހިންގުމުގެ ވިސްނުން އާ ސަރުކާރުން ގެންގުޅުނު ނަމަވެސް އެކަން ކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. މިފްކޯ އެސްޓީއޯ އިން ދޫކޮށްލެވޭނީ އެ ކުންފުނީގެ ހިންގުން ރަނގަޅުކޮށް، އެތެރޭގެ ގިނަ މައްސަލަތައް ހައްލުކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަން ޖެހޭ. ރީސްޓްރަކްޗާ ކޮށްފައި. ބޭނުންވާ އިތުރު އިންވެސްޓްމެންޓް ގެނެސްފައި. އެކަން ކުރުމަށް ވަގުތު ބޭނުންވޭ. ވަގުތު ކޮޅުގައި ވެސް އެބަ ޖެހޭ ހިފަހައްޓަން،" އަމްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް ބޭންކަކުން މިފްކޯއަކަށް ލޯނު ނުދޭ ކަމަށާއި އެހެންކަމުން މިފްކޯއަށް ބޭނުންވާ ފައިސާ ހޯދަނީ އެސްޓީއޯ އިން ލޯނު ނަގައިގެން ކަމަށެވެ.
އަމްރު ވިދާޅުވި ގޮތުގައި މަސްވެރިންގެ އަތުން މަސް ގަނެފައި ދޭން ޖެހޭ ފައިސާ ދެވެނީ ވެސް ވަރަށް އުނދަގުލުންނެވެ. އެހެންކަމުން މިފްކޯއަށް ރަނގަޅު އިންވެސްޓްމެންޓްތަކެއް ގެންނަން ޖެހޭ ކަމަށާއި އެ ކުންފުނި ދޫކޮށްލެވެން އޮތީ ހާލަތު ރަނގަޅުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސްޓީއޯ އިން މިފްކޯ ދޫކޮށްލާއިރު އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހަދަން ޖެހޭ،" އަމުރު ވިދާޅުވި އެވެ.
މިފްކޯ އިން މަސްވެރިންނަށް ދޭން ޖެހޭ 38 މިލިއަން ރުފިޔާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދީފަ އެވެ. އެއީ ގާތްގަނޑަކަށް ދެ ހަފްތާގެ ފައިސާ އެވެ.
އެހާ ބޮޑު އަދަދެއް މަސްވެރިންނަށް ދޭން ޖެހޭ އިރު މަސް ވިއްކައިގެން މިފްކޯއަށް އެ ވަރުގެ އާމްދަނީއެއް ނުލިބޭ ކަމަށް އަމްރު ވިދާޅުވި އެވެ. އެހެންކަމުން އޭނާ ވިދާޅުވީ މަސް ގަންނަ އަގުތަކަށް ގެނެވިދާނެ ބަދަލުތައް ދެނެގަންނަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އޮތީ ދަޅުގައި މަސް ބަންދުކުރުމުން ވިއްކާ އަގު ރަނގަޅުވެއޭ. އެ ފެސިލިޓީ އެބަ ޖެހޭ އެއަށް ވުރެ ރަނގަޅު ކުރަން،" އަމްރު ވިދާޅުވި އެވެ.
"މިހާރު ހުރި ފެސިލިޓީ އަޕްގްރޭޑްކޮށް އެކްސްޕޭންޑް ކޮށްގެން އެކަން ކުރެވެން އޮތީ. އެހެން ނޫނީ ޖެހެނީ މަސްވެރިންގެ އަތުން ގަންނަ މަސް އައިސްކޮށްފައި އެ ވިއްކަން. އެގޮތަށް ވިއްކުމުން ލިބެންވާ އަގެއް ނުލިބޭ."
އަމްރު ވިދާޅުވީ މަސް ވިއްކުމަކީ ހަގީގަތުގައި ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އެކަން ރަނގަޅަށް ކުރެވޭ ނަމަ މަސް ވިއްކުމުގައި ދުނިޔޭގައި ފާހަގަކޮށްލެވޭ ގައުމަކަށް ވެސް ރާއްޖެ ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް މިފްކޯ އިން 800 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ބުނެ އެވެ.
ކުރީގެ ސަރުކާރުން އެސްޓީއޯގެ ދަށަށް މިފްކޯގެ ބަދަލުކުރީ ދަރަނި ބޮޑުވެ، ކުންފުނި ބަނގުރޫޓުވުމުން 2016 ވަނަ އަހަރު އެވެ.
މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރަން މިދިޔަ ފަސް އަހަރުގެ ތެރޭގައި އޭރުގެ ސަރުކާރުން 621.4 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެމެލް
09 December 2018
ސަރުކާރުގެ ވިޔަފާރި ކުންފުނިތައް ސިޔާސީވެގެން ފައިދާ ނުވަނީ! ކޮންމެ ސަރުކާރަކުންވެސް ކޮންމެވެސް ރީސްޓްރަކްޗާއެކޭ ކިޔާފައި ގޭސްގަނޑެއް އަނބުރާފައިދަނީ! ވޭތުވެދިޔަ 5 އަހަރުވެސް 620 މިލިއަންރުފިޔާ ކުންފުންޏަށް ދީފި! ރަނގަޅުކުރެވޭނެ ދިވެއްސަކު ނެތިއްޔާ ބޭރުން މީހުންގެނެސް ގެން ރަނގަޅުކުރަން ވެއްޖެ! ސަރުކާރުން ކުންފުނީގެ މެނޭޖްމަންޓް އާއި ނުބެހި ފައިދާނުނެރެވޭ މެނޭޖްމެންޓްއެއް ކަމަށްވަންޏާ، ބަލަދުއަރާފައި ތިބޭ ބައެއްހެން ނުބައިތިއްބާ، ބަދަލު ކުރޭ!
ފަޅުވެރިން
09 December 2018
މިފްކޯ އަކަށް ދުވަހަކުވެސް ފައިދާއެއް ނުވާނެ! ސަބަބަކީ ރާއްޖޭގައި މަހުގެ އަގަކީ އެމްޑީޕީ އިން ސިޔާސީ ކަމަކަށް ހަދާފައިވާތީ! ދުނިޔޭގެ ބާޒާރުގައި ދެހާސް ޑޮލަރަށް މަސް ޓަނެއްގެ އަގު ހުއްޓަސް، އަދި އެއްހާސް ޑޮލަރަށް ހުއްޓަސް ރާއްޖޭގެ މަސްވެރިންނަށް ހަމަ އެއްއަގެއް ދޭން މަޖްބޫރުވާތީވެ! އެހެންވީމާ ތިކަންވެސް އަބަދުވެސް އޮންނާނީ ސީދާކޮށް ވިޔަސް، ނުސީދާކޮށް ވިޔަސް ސަރުކާރުން ސަބްސިޑީ ދޭންޖެހޭ ކަމެއްގެ ގޮތުގައި!!
ހޮޅިވާހަކަ
09 December 2018
ތީ އެސް.ޓީ.އޯ އާއި މިފްކޯގަތިބި ކަރަޕްވެރިންބޭނުންވާގޮތް. މެނިފެސްޓޯހަދައިގެން އެޕްރޮމޯޓް ކުރިމީހާއަށްވެސް އޮޅުވާލައިފި. މަސްވެރިންމިޖެހުނީ ކުރިންވެސްތިބި ހާލުުގަ ތިބެން. ވެރިކަންހޯދަންދެއްކި ހުރިހާވާހަކައެއް ހޮޅިވީ. މިޕްކޯއަށް އިތުރައްފައިސާނުދީ މަސްގަނެ އޮސްޕޯޓްކުރެވޭނެ ފުރުސަތު އަމިއްލަ ވިޔަފާރިތަކަށް ދޫކޮއްލަންވީ.
ޓްއަރ ގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް
09 December 2018
މަސް ގަނެގެން ގޮސް ރިޖެޓް މަހޭ ކިޔާފަ ވިއްކާލައިގެން އެފައިސާ އެސް ޓީ އޯގެ ވެރިންނާއި ނިމިގެން ދިޔަ ސަރުކާރު ޕާޓީ ހިންވުމަށާއި ކެމްޕޭނަން ޚަރަދު ކުރޭމަ ފައިދާއެން ނުފެންނާނެ! ގެއްލުމުގަ ހިންގުމުގެ ބަދުގައި މިސަރުކާރުން ބޭނުންވާގޮތަށް ކުންފުނި ސަރުކާރާއި ހަވާލުކުރަން އެއްބަސް ނުވެވިގެން ތިއުޅެނީ ވައްކަން ކުރަން ފުރުސަތު ނުލިބިދާނެތީދޯ؟
ހިސާނު
09 December 2018
އެމްޓީސީސީން ފައިދާ ހޯދާދިންގޮތަށް ދޯ؟ ހިއްސާދާރުންނަށް އެއްޗެއްނުލިބި ހުރިހާއެއްޗެއް ބަނޑުއަޅާލާގޮތަށް. މިމީހުންގެ ލަދުގެ ކަންފުޅެއްވެސް ނެތޭ.
މުހަންމާ
09 December 2018
ޚަރަދު ކުރިވަރު އެގިއްޖެ. ލިބުނީ ކިހާ ވަރެއްތޯ ވިދާޅުވެ ދެއްވިނަމަ؟ ދެން ފައިދާ ނުވީ ކީއްވެތޯއާއި.
ނޫސަންގު
09 December 2018
އަމްރު ދައްކަނީ ކޮސް ވާހަކަ. ލިސްޓެޑް ކުންފުންޏެއްގެ ސީއީއޯ އަކު ދައްކާ ކަހަލަ ވާހަކަ އެއް ނުން. ވިޔަފާރީގެ ތަޖްރިބާ އަދި ކުންފުނީގެ ތަޖްރިބާ ނެތްކަން ފާހަގަ ކުރެވޭ
ނަން
09 December 2018
މިފްކޯ ދޫކޮށްނުލަން ތިއުޅެނީ މަސް ވިއްކައިގެން މިފްކޯއަށް ލިބޭ ޑޮލަރުގެ ބޭނުމުގަ. ޑޮލަރު ގޭސްގަނޑު އަނބުރަންވެގެން. އެހެން ނޫނަސް ކުންފުންޔެއް އަތްމަތިން ދޫކޮށްލާކަށް ބޭނުމެއްނުވާނެނު. މިފްކޯއަށް ބޭނުންވާ ލޯނު ސަރުކާރުން ގެރެންޓީ ދީގެން ލިބޭނެ.