ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ. --ފޮޓޯ:އޭއެފްޕީ
11 ޑިސެމްބަރ 2018 - 10:33
ބާސެލޯނާ (ޑިސެމްބަރު 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ހޯދަން ރަށުން ބޭރުގައި ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހުމުން ޖެހިލުންނުވާ ކަމަށް އެ ޓީމާ ދެކޮޅަށް މިރޭ ކުޅޭ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ނުކުންނައިރު، ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ބާސެލޯނާ ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައިވަނީ 13 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމާއި ތިން ވަނައިގައި އޮތް އިންޓަ މިލާނަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، މި ވަގުތު ހެޑް ޓު ހެޑް ގަވައިދުން ކުރި ލިބެނީ ޓޮޓެންހަމަށެވެ. ގްރޫޕްގެ ފުލުގައި އޮތް ޕީއެސްވީ އެއިންދޯވަންގެ އޮތީ އެންމެ ޕޮއިންޓެކެވެ.
ދެ ވަނަ ބުރަށް ކޮލިފައިވުމަށް އިންޓަ އާއި ޓޮޓެންހަމް މިރޭ މުހިއްމު މެޗުތަކަށް ނުކުންނައިރު ދެ ޓީމަށް ވެސް ވަނީ މޮޅުވުން މަޖުބޫރުވެފަ އެވެ.
"އަހަރެމެން އެންމެ ބޭނުންވި ގޮތަކީ ބާސެލޯނާއާ ދެކޮޅަށް ފަހު މެޗަށް ދިއުމުގެ ކުރިން ދެ ވަނަ ބުރު ޔަގީންކުރުން. އެކަމަކު އެ އަށް ވުރެން އުނދަގޫ ހާލަތެއް މި އޮތީ. އެކަމަކު މިހާލަތުގައި ވެސް އަހަރެމެން ޖެހިލުންވާން ޖެހޭ ސަބަބެއް ނެތް. ފުޓްބޯޅައިގައި ނަތީޖާ ނެރެވޭނީ ކެރިގެން ކުރިމަތިލައިގެން. އިދިކޮޅަށް ނުކުންނަ ޓީމަކަށް ވިސްނައިގެން ކުޅުމަށް ވުރެން އަމިއްލަ ބާރަށް ވިސްނަންވީ." މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޗެޓީނޯ ބުންޏެވެ.
ބާސެލޯނާގެ ވާދަވެރި އެސްޕަންޔޯލްގެ ކޯޗަކަށް ކުރިން ހުރި ޕޮޗެޓީނޯ ބުނީ މިހާތަނަށް ކުޅުނު ފަސް މެޗަށް ބަލާއިރު ޓޮޓެންހަމަށް ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށެވެ.
"މިސާލަކަށް ބަލަމާ އަހަރެމެން ބާސެލޯނާ އަތުން އަމިއްލަ ދަނޑުގައި 4-2 އިން ބަލިވި މެޗަށް ފަހު އަހަރެމެން ދެން ކުޅުނު މެޗުތަކުގައި ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް. އަހަރެމެންނަށް ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުން ހެދުނު ގޯސްތަކުން ފިލާވަޅުތަކެއް ލިބިއްޖެ. އެ ކަންތައްތައް ތަކުރާރުނުވާނެ ގޮތަކަށް އަހަރެމެން ތައްޔާރުވާނީ،" ޕޮޗެޓީނޯ ބުންޏެވެ.
މިރޭގެ މެޗުގައި ބާސެލޯނާ އިން ކުޅޭނީ ލުއިސް ސުއަރޭޒް ނުލަ އެވެ. އަދި ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ މި މެޗުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ވެސް ނުފެނިދާނެ ކަމަށް ބުނެފަ އެވެ.
"މެސީއާ މެދު ގޮތެއް ނިންމާނީ އެންމެ ފަހުން. އެއީ އަހަރެމެންނަށް ގްރޫޕް ސްޓޭޖުން ހާސިލްވާން ޖެހޭ ކަންތައްތައް ނިމިއްޖެ. ދެން ބޭނުމީ މި ޓީމުގެ މުހިއްމު ކުޅުންތެރިންނަށް ބޭނުންވާ އަރާމު ދޭން އިސްކަންދިނުމަށް. މިއީ މި މުބާރާތަށް އިހުތިރާމް ނުކުރުމެއް ނޫން. އަހަރެމެން ކުރިއަށް އޮތް ޗެލެންޖްތަކަށް ތައްޔާރުވުން،" ވަލްވޭޑޭ ބުންޏެވެ.
ބާސެލޯނާ އާއި ޓޮޓެންހަމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަނޑިން 1 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
11 December 2018
ޔޫރޯ ކްލަބް އިންޑެކްސް ބުނާގޮތުން މިރޭގެ މެޗުން ސްޕާސް މޮޅުވުމުގެ 43% ފުރުސަތު އެބައޮތް.އަދި ޔޫސީއެލްގެ މެޗްޑޭ 6 ގަ ދުވަހަކުވެސް ސްޕާސް ބަލިވެފައެއް ނެތް.އެހެންވީމަ ތާރީހް އަދި ސްޓެޓިސްޓިކްސް ބުރަވަނީ ސްޕާސް ކޮޅަށް.ނަމަވެސް މިރޭގެ 90 މިނިޓް އެއީ ވަރުގަދ ޗެެލެންޖެއް 02 ޓީމަށް ވެސް.އަހަރުމެން އެދެނީ ބާސާ މޮޅުވާން ، އަދި މިރޭ ބަލިވެގެން ޔޫސީއެލްގަ ބާސާއަށް ގެއްލޭނެ އެއްޗެއް ނެތް. #ވިސްކައެލްބާސާ #ވިސްކައެލްބާސާ. #ޕުތަސްޕާސް
މަޝްހޫދު
11 December 2018
ކުޅިވަރު ކުޅެން ކާކު ޖެހިލުން ވާނީ؟ ޖެހިލުން ވާނީ ބަލިވެދާނެތީ