މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ޗީޓް އިންޑިއާ" ގެ މަންޒަރެއްގައި އިމްރާން.

14 ޑިސެމްބަރ 2018 - 10:07

އިންޑިއާގެ ތައުލީމީ ނިޒާމުގެ ތެރޭގައި ހުރި ދޯހަޅި ކަންތައްތަކަށް އަލިއަޅުވާލައިގެން ހަދާފައިވާ ފިލްމު "ޗީޓް އިންޑިއާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 25 ގައި ރިލީޒް ކުރާ މި ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ އިމްރާން ހާޝިމީ އާއި މީގެ ކުރިން ތެލުގޫ ބައެއް ފިލްމުތައް ކުޅެފައިވާ ބަތަލާ ޝްރެޔާ ދަންވަންތަރީ އެވެ. "ޗީޓް އިންޑިއާ" ގެ ޑައިރެކްޓަރަކީ 2014 ގައި މަދޫރީ ޑިކްސިޓާއި ޖޫހީ ޗާވްލާ ހިމަނައިގެން "ގުލާބް ގޭންގް" ގެނެސް ދިން ސޯމިކް ސެން އެވެ.

"ޗީޓް އިންޑިއާ" އަކީ އިމްރާންގެ ފިލްމު ކުންފުނި ވެސް ހިއްސާވާ ގޮތަށް ބުޝަން ކުމާރުގެ ޓީ ސީރީޒާއި އަތުލް ކަސްބޭކަރުގެ އެލިޕްސިސް އެންޓަޓައިންމަންޓުން ހަދާފައިވާ ފިލްމެކެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި ފިލްމު ރިލީޒް ކުރަން ތާވަލުކޮށްފައި އޮތް ތާރީހަކީ މަޝްހޫރު ދެ ތަރިއެއްގެ ބޮޑު އެހެން ދެ ފިލްމެއް ވެސް ރިލީޒް ކުރަން ނިންމާފައި އޮތް ތާރީހު ކަމެވެ. އެއީ ކަންގަނާ ރަނާވަތުގެ "މަނިކަރުނިކާ" އާއި ރިތިކް ރޯޝަންގެ "ސުޕަ 30" އެވެ.

"މަނިކަރުނިކާ" ގެ ޓްރެއިލާ މި މަހު 18 ގައި

ކަންގަނާގެ ތާރީހީ ފިލްމު "މަނިކަރުނިކާ" ތާވަލުކޮށްފައި އޮތް ތާރީހަށް ސިނަމާތަކަށް އައުމާ ދޭތެރޭ ސުވާލު އުފެދިފައި ވަނިކޮށް މި ފިލްމުގެ ޓްރެއިލާ މި މަހުގެ 18 ވަނަ ދުވަހު ދައްކައިލާ ގޮތަށް ނިންމައިފި އެވެ.

ޒީ ސްޓޫޑިއޯސްގެ ޓްވީޓެއް.

ކްރިޝް އާއި ކަންގަނާ ޑައިރެކްޓްކޮށްފައިވާ ފިލްމު ރިލީޒް ކުރަން ނިންމާފައި އޮތީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް ނުނިމި ބާކީ ހުރުމާ އެކު، ފިލްމު އެ ތާރީހުގައި ރިލީޒް ކުރެވިދާނެކަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް ބުނެ މީގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ބައެއް ތަރިން ވަނީ މީޑިއާތަކުގައި ވާހަކަ ދައްކައިފަ އެވެ.

ނަމަވެސް މި މަހުގެ 18 ގައި ޓްރެއިލާ ދައްކައިލަން ނިންމާފައިވާތީ ގިނަ ބަޔަކު މިހާރު އުންމީދުކޮށްގެން ތިބީ ހަމަ ކުރިން ނިންމި ތާރީހުގައި ފިލްމު ފެންނާނެ ކަމަށެވެ.

ޒީ ސްޓޫޑިއޯގެ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖިއްޝޫ ސެންގުޕްތާ، އަތުލް ކުލްކަރުނީ، ކަބީރު ބޭދީ، ޑެނީ ޑެންޒޯންގްޕާ، ޔާޝް ޓޮންކްގެ އިތުރުން ބޮލީވުޑަށް އަލަށް ތައާރަފުވާ ޓީވީ ބަތަލާ އަންކިތާ ލޯކަންދޭ ހިމެނެ އެވެ.

ކެޓްރީނާގެ "ހުސްނު ޕަރުޗަމް" ދައްކާލައިފި

މި މަހުގެ 21 ގައި ރިލީޒް ކުރާ ފިލްމު "ޒީރޯ" ގައި ހިމެނޭ "ހުސްނު ޕަރުޗަމް" ލަވަ ދައްކާލައިފި އެވެ.

"ހުސްނު ޕަރުޗަމް" ލަވަ.

ކެޓްރީނާ ކެއިފްގެ ފަރި ހަރަކާތްތައް ފެނިގެންދާ މި ލަވަ ކިޔާފައި ވަނީ ބޫމީ ތުރިވޭދީ އާއި ރާޖާ ކުމާރީ އެވެ. ލަވައިގެ ޅެން އިރުޝާދު ކާމިލް ހަދާފައިވާ އިރު، މި ފޯރި ގަދަ ލަވައިގެ މިއުިކް ހަދާފައި ވަނީ އަޖޭ-އަތުލް އެވެ. "ހުސްނު ޕަރުޗަމް" އިން ކެޓްރީނާގެ ނެށުމުގެ ހުނަރާ އެކު، އޭނާގެ ރީތިކަން ވެސް ވަރަށް ބޮޑަށް ދައްކައިލަ ދެ އެވެ.

އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ "ޒީރޯ" ގައި ކެޓްރީނާ ފެނިގެން ދާނީ ޝާހްރުކް ހާނާއި އަނުޝްކާ ޝަރުމާއާ އެކީގަ އެވެ.

"ދަ ސްކައި އިޒް ޕިންކް"

އަންނަ މަހު ބާއްވާ 76 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގެ ބެސްޓް މޯޝަން ޕިކްޗާ-މިއުޒިކަލް/ކޮމެޑީ އަށް ނޮމިނޭޓްވެފައިވާ ފިލްމު "ކްރޭޒީ ރިޗް އޭޝިއަންސް" ގެނެސް ދިން ކުންފުނި އިވަންހޯއީ ޕިކްޗާޒް އިން ޕްރިޔަންކާ ޗޯޕްޅާ މިހާރު ކުޅެމުން އަންނަ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އާ ހިއްސާވެއްޖެ އެވެ.

ރޯއި ކަޕޫރު ފިލްމްސްގެ ޓްވީޓެއް.

އެ ކުންފުނިން ވަނީ އެ ފިލްމު ހަދާ ސިދާތު ރޯއި ކަޕޫރުގެ ރޯއި ކަޕޫރު ފިލްމްސް އާއި ރޯނީ ސްކްރޫވާލާގެ އާރްއެސްވީޕީއާ ގުޅިި، ފިލްމުގެ ކޯ-ޕްރޮޑިއުސަރެއްގެ ޒިންމާ ނަގާ ގޮތަށް ނިންމައިފަ އެވެ.

ޝޮނާލީ ބޯސް ޑައިރެކްޓް ކުރާ "ދަ ސްކައި އިޒް ޕިންކް" ގައި ލީޑް ރޯލް ކުޅެނީ ޕްރިޔަންކާ އާއި ފަރުހާން އަހުތަރުގެ އިތުރުން ޒުވާން ބަތަލާ ޒާއިރާ ވަސީމެވެ.

މި ފިލްމަކީ އިންޑިއާގެ ކުރީގެ މޯޓިވޭޝަނަލް ސްޕީކާ އަދި ލިޔުންތެރިޔާ އައިޝާ ޗައުދަރީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަންނަ އަހަރު "ދަ ސްކައި އިޒް ޕިންކް" ސިނަމާތަކަށް ގެންނަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454