ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޓީރެކްސްގެ ޒަކަރިއްޔާ ބޯޅަ ހިފައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 ޑިސެމްބަރ 2018 - 10:57
ތިން ދުވަހުގެ ތެރޭ ދެ ވަނަ ފަހަރަށް ކިންގްސް ބާސްކެޓްބޯލް ކްލަބް ބަލިކޮށް ޓީރެކްސް ބާސްކެޓްބޯލް ކްލަބުން 37 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަަމަ ޖާގަ ރޭ ހޯދައިފި އެވެ.
މިދިޔަ ބުދަ ދުވަހުގެރޭ ޓީރެކްސް އިން ވަނީ ކިންގްސް ބަލިކޮށް ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުން ކިންގްސް އިން ވަނީ ޓީރެކްސް ބަލިކޮށްފަ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ފޯރިގަދަ ކުޅުމަކަށް ފަހު ކިންގްސްގެ މައްޗަށް ޓީރެކްސް އިން ކުރިހޯދީ 81-80 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިންގްސްގެ އެމެރިކާ ކުޅުންތެރިއާ މައިކް ފޭ އެވެ. މި މެޗުގައި ޓީރެކްސް އަށް އެންމެ މޮޅު ކުޅުމެއް ދައްކައިދިނީ ޒަކަރިއްޔާ އަބްދުއްލަތީފާއި އަހުމަދު އަފްޝަން ރަޝާދު އެވެ.
މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ރެޕްޓާސް ބާސްކެޓްބޯލް ކްލަބާ ވާދަކޮށް ސްޓިންގާސް ބާސްކެޓްބޯލް ކްލަބް ވަނީ 55-77 އިން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސްޓިންގާސްގެ ސްލޮވާކިއާ ކުޅުންތެރިއާ ރިލްވާން ބަކާރޭ އެވެ.
އަންނަ އަންގާރަ ދުވަހު ކުޅޭ ފައިނަލުގައި ޓީރެކްސްއާ ދެކޮޅަށް ނުކުންނާނީ މާދަމާރޭ ކުޅޭ ތިން ވަނަ ސެމީން މޮޅުވާ ޓީމެކެވެ. ތިން ވަނަ ސެމީގައި ނުކުންނާނީ ފުރަތަމަ މެޗުން މޮޅުވި ސްޓިންގާސް އާއި ދެ ވަނަ މެޗުން ބަލިވި ކިންގްސް އެވެ.
މިދިޔަ އަހަރުގެ ގައުމީ ތަށި ޓީރެކްސް އިން އުފުލާލީ ކިންގްސް ބަލިކުރުމަށް ފަހު އެވެ. ޓީރެކްސް ވަނީ މި އަހަރު މިހާތަނަށް ބޭއްވި ދެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. ގައުމީ ތަށި ޓީރެކްސް އަށް ލިބިއްޖެނަމަ އެ ޓީމުން ސީޒަން ނިންމާލާނީ ފުރިހަމަ ކާމިޔާބީއަކާ އެކު އެވެ.
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގައި މިއަދު އޮންނާނީ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗެވެ. މެޗުގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަން ސައިކްލޯން ބާސްކެޓްބޯލް ކްލަބާއި ޖިބިއްލީ ސްޕޯޓްސް ކްލަބް އެވެ. މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީހޫން
16 December 2018
ކުޅިވަރު ގެ ވަޒީރައް ދަންނަވާލަން އޮތީ ދިވެހި ބާސްކެޓް ދަނީ އެންމެ ރަނގަޅަކައް ނޫން ، ސްޕުން ކިޔާ މީހަކު ބަހައްޓާ އިގެން ހިތުހުރި ގޮތަކައް ކަންތައް ކުރަނީ ބައްލަވާ ދެއްވުން އެދެން
މީހޫން
15 December 2018
ޓީރެކްސް ފައިނަލައް ވެސް ދާނެ ދޯ . އެސޯސިއޭސަނުން ހަރަދު ކުރާ ޓީމެއް