ލައިފްސްޓައިލް / ބަރުދަން ލުއިކުރުން

ހިކެން މަސައްކަތްކުރާ ނަމަ ސަމާލުވާންޖެހޭ ތިން ކަމެއް

ހިކެން ކުރާ މަސައްކަތް ވަރަށް އާދައިގެ ގޯސްތަކާ ހެދި ނާކާމިޔާބުވޭ

21 އޯގަސްޓް 2016 - 06:46

ކަސްރަތާއި ޑައެޓަކީ ހަށިގަނޑު ލޫޅާފަތިކޮށް ބެހެއްޓުމަށް އެންމެ މުހިންމު ދެ ކަންތަކެވެ. ގިނަ ބަޔަކު އެންމެ ބޮޑަށް ސަމާލުވަނީ ކެއުން ކޮންޓްރޯލް ކުރުމަށެވެ. އެކަމަކު ނަތީޖާއެއް ނުފެނި ގިނަ ދުވަސްވާން ފެށުމުން އުންމީދު ގެއްލި ކުރީގެ އާދަތަކަށް ރުޖޫއަވަނީ އެވެ.

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ނުވަތަ ހިކުމަށް މަސައްކަތްކުރާއިރު ހެދޭ ވަރަށް އާދައިގެ ގޯހަކުން ވެސް ނަތީޖާއާ ހިސާބަށް ދިއުމަށް ހުރަސް އަޅަ އެވެ. މިއީ ޕާސަނަލް ޓްރެއިނާއެއް ކަމަށްވާ ވަހްދަނީ ވާހިދް އަލް އަރަބިއްޔާ އަށް މިކަމާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުމެއްގެ ޚުލާސާ ތަރުޖަމާއެކެވެ.

ހެނދުނުގެ ނާސްތާ

ނިދާފައި އޮންނަ ވަގުތަކީ އެއްވެސް ކާއެއްޗެއް ހަށިގަނޑަށް އެތެރެވާ ވަގުތަކަށް ނުވާތީ، ހެނދުނު މި ހޭލެވެނީ ނުކައި ހުންނަތާ ވަރަށް ގިނައިރުކޮށްފައިކަން ހަނދާންކުރާށެވެ. އެހެންވެ، ހެނދުނު ނާސްތާ ނުކޮށް މާގިނައިރު ހުރެފި ނަމަ، ހަށިގަނޑުން މަދުވެފައިވާ ހަކަތަ ހަށިގަނޑުން އަމިއްލަ އަށް ހޯދަން މަސައްކަތް ފަށާނެ އެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ކޮންމެވެސް ވަގުތެއްގެ ކެއުން ދޫކޮށްލުމުން ހިކެން ފަސޭހަވާނެ ކަމަށެވެ. އެކަމަކު ދިމާވަނީ މީގެ އިދިކޮޅެވެ.

ނުކައި ގިނައިރު ވުމުން ހަށިގަނޑުގެ މަސްލް ޓިޝޫތަކުން ހަކަތަ އުފައްދަން ފަށަ އެވެ. މިކަމުގެ ސަބަބުން މެޓަބޮލިޒަމް ދަށްވާނެ އެވެ. އަދި އިންސިއުލިން މަތިވާނެ އެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު އިތުރުވެ ބަނޑުގައި މަސް ޖެހުމަށް މެދުވެރިވާ ކަމެކެވެ.

ހިކެން މަސައްކަތްކުރާ ނަމަ ހެނދުނުގެ ނާސްތާ ވަރަށް މުހިންމެވެ.

ކެއުމާއި ކަސްރަތު ތަރުތީބުކުރުން

އެކި ވަގުތުތަކުގައި ކާނެ އެއްޗިއްސާއި ކަސްރަތުކުރާނެ ވަގުތު ވީހާވެސް ކުރިން ރާވާލާފައި ބާއްވާށެވެ. ބާޒާރުކުރަން ދާއިރު ވެސް ހަށިގަނޑަށް ފައިދާހުރި ކާނާގެ ތެރެއިން ގަންނަންވީ އެއްޗެހި ކުރިން ކަނޑައަޅާށެވެ. ކޮންމެ ވަގުތެއްގެ ނާސްތާ ވެސް ކުރިން ތައްޔާރުކޮށްލާށެވެ. އޭރުން، ސިއްހަތަށް ގެއްލުން ހުރި ކާނާ ގަތުމާއި ބަނޑުހައިވެގެން އެފަހަރަކު ޖެހުނު އެއްޗެއް ކާލުމަށް އޮންނަ ފުރުސަތު ކުޑަވެގެން ދާނެ އެވެ.

ކެއުމުގައި، 80 ޕަސެންޓް ފަހަރަކީ ސިއްހަތަށް ފައިދާހުރި ކާނާ އަށް ހަދާށެވެ. އަދި އަނެއް 20 ޕަސެންޓަކީ ހިތް އެދޭ އެއްޗެއް ކާލައި، ކެއުމުގެ އުފާވެރިކަން ލިބިގަންނަ ވަގުތަކަށް ހަދާށެވެ. މި "80/20 ޕަސެންޓް ރޫލް" އިން ނަތީޖާ ނެރެވޭ ކަމަށް ގަބޫލުކުރެވެ އެވެ.

ވެއިޓް-ޓްރެއިނިން ހަދަނީ

ވެއިޓް-ޓްރެއިނިން

ބަރު އުފުއްލައިގެން ކުރާ ކަސްރަތު ނުވަތަ ވެއިޓް-ޓްރެއިނިންގެ ފައިދާ އޮތީ ހަމައެކަނި ފިރިހެނުންނަކަށް ނޫނެވެ. އަންހެނުންނަށް ވެސް މިކަމުން ފައިދާކުރެ އެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ އަންހެނުން ވެއިޓް-ޓްރެއިނިން ހެދުމުން ހަށިގަނޑުގެ މަސްތައް ވަރުގަދަވެ ފިރިހެނެއްގެ ސިފަޔަށް ބައްޓަން ވެދާނެ ކަމަށެވެ.

އަންހެނުންގެ ހަށިގަނޑުގައި ޓެސްޓޮސްޓެރޯން ހޯމޯން ހުންނާނީ ވަރަށް މަދުންނެވެ. މިއީ މަސްތައް ވަރުގަދަކުރަން ބޭނުންވާ ހޯމޯންއެކެވެ. އެހެންވެ ވެއިޓް-ޓެރެއިނިން ހެދިޔަސް އަންހެނުންގެ ހަށިގަނޑު ފިރިހެނުންގެ ހަށިގަނޑާ އެއްގޮތަށް މަހެއް ނުޖަހާނެ އެވެ.

މިގޮތަށް ކުރާ ކަސްރަތުން މަސްގަނޑުގެ ސިއްހަތު ރަނގަޅުވެ މެޓަބޮލިކް ރޭޓް އިތުރުވާނެ އެވެ. މެޓަބޮލިކް ރޭޓް އިތުރުވުމުން ކެލަރީސް އަނދައިގެންދާ ވަރު އިތުރުވެ އެވެ. ހަށިގަނޑުގައި ޖަހާފައި ހުންނަ މަސްތައް ހަރުވެ، ގަދަވެފައި ހުރުމުން ހަށިގަނޑުން ފެޓް ނައްތާލެވޭ މިންވަރު އިތުރުވާނެ އެވެ. އެއީ ތިމާގެ ހަރަކާތްތެރިކަން ކުޑަ ނުވަތަ ނެތް ވަގުތުގައި ވެސް މަސްތަކުގެ މަސައްކަތް ހިނގާތީ އެވެ.

އެހެންވެ، މަސްތައް ވަރުގަދަކޮށް ރީއްޗަށް ހުންނާނެ ކަހަލަ ކަސްރަތެއް ކުރުމަށް އާދަކުރާށެވެ.

ހިކެން މަސައްކަތްކުރާއިރު، ތިމާއާ އެކަށީގެންވާ ބަރުދަނެއްގައި ހުންނަން މަސައްކަތް ކުރާށެވެ. ހައްދުފަހަނަޅައި ނުދާށެވެ.

0 ކޮމެންޓް, 116 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 7%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454