ކޯޗު ހޯސޭ މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ
20 ޑިސެމްބަރ 2018 - 09:57
މެންޗެސްޓާ (ޑިސެމްބަރު 20) - މެންޗެސްޓާ ޔުނައިޓެޑަށް އޭނާ އަބަދުވެސް އިހުތިރާމްކުރާނެ ކަމަށް އެ ޓީމުގެ ކޯޗުކަމުން ދާދި ފަހުން ވަކިކުރި ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މީގެ ދެ އަހަރާއި ބައި ކުރިން އެ ޓީމާ ހަވާލުވި މޮރީނިއޯ ވަކިކުރީ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވުމުންނެވެ. އަދި ޓީމުގެ ބައެއް ކުޅުންތެރިންނާއި އިސްވެރިންނާ މޮރީނިއޯ ވަނީ މައްސަލަ ޖެހިފައި ކަމަށް ވެސް މީޑިއާގައި ވާހަކަ ދެކެވެ އެވެ. މޮރީނިއޯ މަގާމުން ވަކިކުރިއިރު، މިއީ 1990 ވަނަ އަހަރަށް ފަހު ޔުނައިޓެޑުން އެންމެ ދަށްކޮށް ލީގު ފެށި އަހަރެވެ.
ޔުނައިޓެޑުން ވަކިކުރި ފަހުން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ އޭނާ އަކީ އެއްވެސް އިރެއްގައި ކުރިން އިރުޝާދުދިން ޓީމުތަކާ ބެހޭގޮތުން ގޯސްކޮށް ވާހަކަ ދައްކާ މީހެއް ނޫން ކަމަށެވެ.
"ޔުނައިޓެޑަށް އައި ފުރަތަމަ ދުވަހު ފެށިގެން އަހަރެން ވަރަށް ފަހުވެރިވި އެ ޓީމުގެ ބެޖް ޖަހައިގެން ހުންނަން. އަހަރެން ގަބޫލުކުރާގޮތް އޮތީ ސަޕޯޓަރުން އެކަން ބަލައިގަންނާނެކަމަށް. ކޮންމެ ފަހަރަކު ނިންމުމަކާ އެކު ޗެޕްޓަރެއް ބަންދުވާނެ. އަހަރެން ބޭނުމީ ފުރިހަމަ އިހުތިރާމާ އެކު ކުރީގެ ޓީމުގެ ވާހަކަތައް ނުދައްކައި ހުންނަން،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ މަގާމުން ދުުރުކޮށް ޔުނައިޓެޑުން ވަގުތީ ކޯޗަކަށް ގެނައީ އެ ޓީމަށް ކުރިން ކުޅުނު ނޯވޭގެ ފޯވާޑް އޮލެ ގުނަ ސޯލްޝެއާ އެވެ. މޮރީނިއޯ މިހާރު ދިރިއުޅެމުން ދަނީ ލަންޑަނުގަ އެވެ. އޭނާ ވަނީ ފުޓްބޯޅަ އަށް އޭނާ އެނބުރި އަަންނަން ދެން އޭނާ އަށް އެކަނި ވަގުތުތަކެއް ހޭދަކުރުމަށް ފުރުސަތު ދޭން އެދިފަ އެވެ.
"އަހަރެން އެއްވެސް އިރަކު ގަބޫލުކުރާ އުސޫލެއް ނޫން ކްލަބަކުން ވަކިވުމަށް ފަހު ބަޔަކު ބޮލުގައި ޒިންމާ އަޅުވާގޮތަށް ވާހަކަ ދެއްކުމަކީ. އެ ގޮތަށް ކަންތައް ކުރާ ކޯޗުން އަހަރެން ބަލައެއް ނުގަންނަން. އަހަރެން ބޭނުންވާނަމަ ވާހަކަ ދައްކަންވީ. އެކަމަކު އެއީ ރަނގަޅު ގޮތެއް ނޫން،" ކުރިން ރެއާލް މެޑްރިޑާއި ޗެލްސީ އަދި އިންޓަ މިލާނަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.
"އަހަރެން އެނބުރި ފުޓްބޯޅަ އަށް އަންނަން ދެން އަހަންނަށް ވެސް ލިބިގެންވާ ހައްގެއް އެއީ އާދައިގެ ދިރިއުޅުމެއް އުޅުން. ޔުނައިޓެޑަށް ވެސް އެބައޮތް މުސްތަގުބަލެއް. އަހަންނަށް ވެސް ޔުނައިޓެޑް ނުލައި އެބައޮތް މުސްތަގުބަލެއް."
މި އަހަރު ޖެނުއަރީ މަހު ޔުނައިޓެޑްގެ ކޯޗުގެ ގޮތުގައި އިތުރު އެއް އަހަރު ހުންނަން މޮރީނިއޯ ވަނީ 2020 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން އާ ކޮށްފަ އެެވެ. އެކަމަކު އޭގެ ފަހުން ޔުނައިޓެޑްގެ ވެރިންނާއި މޮރީނިއޯއާ ދެމެދު އޮތް ގުޅުން ކުނޑަވާން ފެށި އެވެ. މައްސަލަ ބޮޑަށް ގޯސްވީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މޮރީނިއޯ ބޭނުންވާ ކުޅުންތެރިން ހޯދައިދޭން ޔުނައިޓެޑްގެ ބޯޑުންނާއި ވައިސް ޗެއާމަން އެޑް ވުޑްވާޑް ދެކޮޅު ހެދުމުންނެވެ.
މޮރީނިއޯއާ އެންމެ ބޮޑަށް މައްސަލަ ގޯސްވި ކުޅުންތެރިއަކީ 2016 ވަނަ އަހަރު އޭނާ ދުނިޔޭގެ ރެކޯޑް އަގަކަށް ގަތް ފްރާންސްގެ ތަރި ޕައުލް ޕޮގްބާ އެވެ. ޕޮގްބާ އާއި މޮރީނިއޯ މީޑިއާގައި ނުސީދާ ގޮތަކަށް ބަހުގެ ހަމަލާތައް ބަދަލުކުރި އެވެ. މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ޕޮގްބާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބެނީ މަދުންނެވެ.
ޔުނައިޓެޑްގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރުމުން އޭނާ އަށް ޝުކުރުއަދާކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރީ ޔުނައިޓެޑްގެ މަދު ކުޅުންތެރިންތަކެކެވެ. އޭގެ ތެރޭގައި ޖެސޭ ލިންގާޑާއި އެރިކް ބެއިލީ އަދި މި ސީޒަނުގައި ޔުނައިޓެޑާ ގުޅުނު ޑިއޯގޯ ޑަލޮޓް އެވެ. މޮރީނިއޯ މަގާމުން ދުރުކުރިތާ އިިރުކޮޅެއްގެ ތެރޭގައި ޕޮގްބާ ވަނީ އިންސްޓަގްރާމަށް ހެވިފައި ހުރި ފޮޓޯ އެއް އަޕްލޯޑްކޮށްފަ އެވެ. ފަހުން އެ ފޮޓޯ ޑިލީޓްކުރި ނަމަވެސް ގިނަ ބަޔެއްގެ ފާޑިކިޔުން އެ ކަމަށް އަމާޒުވި އެވެ.
ޔުނައިޓެޑް މި ވަގުތު ލީގުގެ ހަ ވަނައިގައި އޮތްއިރު ގަދަ ހަތަރަކާ އެ ޓީމާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަދި ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ޔުނައިޓެޑާ ދެމެދު 19 ޕޮއިންޓުގެ ތަފާތެއް އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންޓޭބެ
20 December 2018
ޗެލްސީން ވަކިކުރީމަވެސް ތިހެންކީ. އެކަމު ކަންކުރީ އިނދިކޮޅަށް.
ރަދީފް
20 December 2018
އެއްވެސް މީހަކަށްވުރެން ކްލަބެއް ކުޑައެއް ނުވާނެ.އެހެންވީމަ މެންޗެސްޓާފަދަ މުއްސަންދި ތާރީހެއް އޮތް ކްލަބަކާއި ދެކޮޅަށް ބަސްބުނުމުގެ ހައްގެއް ވެސް ފުރުސަތެއް އެއްވެސް މީހަކަށް ނޯންނާނެ.މޮރީނިއޯގެ ސްޓޭންޑަށް މަރުހަބާ.ޓަޗްލައިންގަ ވެސް ތިފަދަ އަޙްލާގެއް ގެންގުޅޭނަމަ ވަރަށް ފުރިހަމަ ވާނެ.ކޯޗިންގެ ދާއިރާއިން އަވަހަށް ފެންނާނެ ކަމަށް އުއްމީދުކުރަން.ގުޑް ލަކް މޮރީނިއޯ.ވ.ވެދުން .~އާސެނަލް ފޭން~