ސެމީ ފައިނަލް މެޗު ކާމިޔާބުކުރުމަށް ފަހު މެލޭޝިއާގެ ލީ އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
20 އޯގަސްޓް 2016 - 08:36
ރިއޯ ޑި ޖެނީރޯ (އޮގަސްޓް 20) - ބޮޑު ވާދަވެރިޔާ އަދި މިދިޔަ ދެ އޮލިމްޕިކްސް އިން ރަން މެޑަލް ހޯދާފައިވާ ޗައިނާގެ ލިން ޑެން ބަލިކޮށް އޮލިމްޕިކްސްގެ ބެޑްމިންޓަން ފިރިހެން ސިންގަލްސް ފައިނަލަށް މެލޭޝިއާގެ ލީ ޗޮން ވެއި ދަތުރުކޮށްފި އެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މި ދެ ކުޅުންތެރިންގެ ވާދަވެރިން އިންތިހާއަށް ބޮޑުވެފައިވާއިރު، މިދިޔަ ދެ އޮލިމްޕިކްސްގެ ފައިނަލުގައި ޑެން ވަނީ ލީގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ހަތްދިހަ ނުވަ މިނެޓަށް ދިގު ދެމިގެންދިޔަ ސެމީ ފައިނަލުގެ ކުރިމަތިލުން ލީ ކާމިޔާބުކުރީ 15-21، 21-11، 22-20 އިންނެވެ. މި ފަހަރުގެ ފައިނަލުގައި ލީ ވާދަކުރާނީ ޗައިނާގެ ޗެން ލޯންއާ އެވެ. ފައިނަލް މެޗު ކާމިޔާބުކޮށްފި ނަމަ ލީ ވެގެންދާނީ އޮލިމްޕިކްސް ރަން މެޑަލެއް ހާސިލްކުރާ މެލޭޝިއާގެ ފުރަތަމަ އެތުލީޓަށެވެ.
"މިއީ އަހަރެންގެ ފަހު އޮލިމްޕިކްސް އެކަމަކު މިހާތަނަށް ނެތް ރަން މެޑަލެއް ހޯދިފައެއް. އެހެންކަމުން މިއީ ރަނގަޅު ފުރުސަތެއް. އަހަރެން ރިޓަޔާކުރަން ރަނގަޅު ވަގުތު މިއީ،" އޭޝިއަން ޗެމްޕިއަންޝިޕާއި ކޮމަންވެލްތު ގޭމްސް އަދި ސީ ގޭމްސް އިން ރަން މެޑަލް ހޯދާފައިވާ ލީ ބުންޏެވެ.
އޮލިމްޕިކްސްގެ އިތުރުން ވޯލްޑް ޗެމްޕިއަންޝިޕުގެ ދެ ފައިނަލެއްގައި ވެސް ލީ ގެ މައްޗަށް ޑެން ވަނީ ކުރި ހޯދައިފަ އެވެ. ދުނިޔޭގެ ބެޑްމިންޓަން މިދިޔަ އަށެއްކަ އަހަރު މި ދެ ކުޅުންތެރިން ޑޮމިނޭޓްކުރިއިރު، ޑެން ވަނީ ލީ ގެ މައްޗަށް ޖުމްލަ 25 ފަހަރު ކުރި ހޯދައިފަ އެވެ. ލީ މޮޅުވެފައިވަނީ 11 ފަހަރެވެ.
"މެޗު ނިމިއްޖެ އެހެންވެ ހަމަޖެހުން ލިބިއްޖެ،" ޑެން ބުންޏެވެ. "މިއަދުގެ އެންމެ ރަނގަޅު ނަތީޖާއަކީ މެޗު ބެލި މީހުން. މިތަނުގައި ވެސް އަދި ޓީވީން ވިޔަސް ބެލި މީހުންނަށް އެންމެ މަތީ ފެންވަރުގެ މެޗެއް ފެނިއްޖެ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy