އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ. --ފޮޓޯ:ޕީއޭ
28 ޑިސެމްބަރ 2018 - 16:42
ވޮޝިންޓަން (ޑިސެމްބަރު 28) - އެމެރިކާ މީހުން އެންމެ ގަޔާވާ އަންހެނަކަށް ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ ވެއްޖެ އެވެ.
މިޝޭލް އަށް މި މަގާމު ލިބުމާ އެކު ކުރީގެ ފަސްޓް ލޭޑީ އަދި ކުރީގެ ޚާރިޖީ ވަޒީރުގެ އިތުރުން އެންމެ ފަހުގެ އިންތިޚާބުގެ ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަން ވޭތުވެދިޔަ 17 އަހަރު ދަމަހައްޓަވަމުން ގެންދެވި މަގާމު ވަނީ ނިމުމަކަށް އައިސްފަ އެވެ. ގެލަޕް ޕޯލުން އެކަމަނާ ތިން ވަނަ އަށް ދިޔަ އިރު ދެ ވަނަ ލިބިފައި ވަނީ ޓޯކް-ޝޯގެ ހުށަހެޅުންތެރިޔާ އޯޕްރާ ވިންފްރީ އެވެ. އިނގިރޭސި ރާނީ ވަނީ ގަދަ 10 ގެ ތެރޭގައި 50 ވަނަ ފަހަރަށް ހިމެނިވަޑައިގެންފަ އެވެ. ހިލަރީ ވަނީ އެމެރިކާ މީހުން އެންމެ ގަޔާވާ އަންހެނާގެ މަގާމު 22 ފަހަރު ހޯއްދަވައިފަ އެވެ.
އެމެރިކާ މީހުން އެންމެ ގަޔާވާ ފިރިހެނަކަށް ހޮވިފައި ވަނީ ކުރީގެ ރައީސް ބަރަކް އޮބާމާ އެވެ. މިއީ އެމަނިކުފާނަށް އެ މަގާމު ޖެހިޖެހިގެން ލިބިވަޑައިގެންނެވި 11 ވަނަ ފަހަރެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެ ވަނަ މަގާމު މި ފަހަރު ވެސް ދިފާއު ކުރައްވައިފަ އެވެ. ޓްރަމްޕް ވަނީ ޖެހިޖެހިގެން ދެ ވަނަ މަގާމު ހަތަރު ވަނަ ފަހަރަށް ހޯއްދަވައިފަ އެވެ. ނަމަވެސް ޓްރަމްޕަކީ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ލިސްޓުގެ އެއް ވަނަ ލިބިވަޑައިނުގެންނެވި ދެ ރައީސުންގެ ތެރޭން އެއް ބޭފުޅާ އެވެ. އަނެއް ބޭފުޅަކީ ޖެރަލްޑް ފޯޑެވެ. އޮބާމާ އަށް އަންނަ އަހަރު މި މަގާމު ލިބިއްޖެ އެ މަގާމު އެންމެ ގިނައިން ހޯއްދަވާފައިވާ ކުރީގެ ރައީސް ޑްވައިޓް އައިޒަންހޯވާއާ އެއްވަރު ކުރެވޭނެ އެވެ.
މިއީ 1946 ވަނަ އަހަރުން ފެށިގެން 1976 ވަނަ އަހަރު ފިޔަވައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޕޯލެކެވެ. ޑިސެމްބަރު 3-12 އަށް ކުރިއަށް ގެންދިޔަ ސާވޭގައި ސުވާލު ކުރި 1،025 މީހުން ގާތު އަހައިފައި ވަނީ އެ މީހުންނަށް އެންމެ ކަމުދާ، ދުނިޔޭގެ ކޮންމެ ހިސާބަކުން ވިޔަސް، އަަންހެނަކާއި ފިރިހެނެއްގެ ނަން ބުނެދޭށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޭކު
28 December 2018
ގަބޫލެއް ނުކުރެވޭ. އެންމެ 1000 މީހުން ކައިރި އެހީމާ ކޯޗެއް އިނގޭނީ. ؟؟؟؟
މާރަނގާ - އައްޑޫ ސިޓީ
28 December 2018
ދިޔާނާ ސައީދާއި އީވާ އަބުދުﷲ އަށްފަހު ރޮޒޭނާ އާދަމް އަތުގައި އޮތް މަޤާމް މިހާރު އައިޝަތު ނަހުލާއަށް ލިބިވަޑައިގަތުމާއި އެކު ދިވެހިންގެ މެދުގައި އެންމެ މަޤުބޫލު ކަނބަލަކީ ސޭޓްގެ ފިރިމީހާގެ އަންހެނުން.