ސީރިއާގެ ވެރިރަށުގެ އެއާޕޯޓަށް އިޒްރޭލުން މިސައިލް ހަމަލާ ދިން ކަމަށް ސީރިއާގެ ރަސްމީ ނޫސް އެޖެންސީން ވަނީ ބުނެފައި. --ފޮޓޯ:އޭއެފްޕީ
12 ޖެނުއަރީ 2019 - 17:56
ދިމިޝްގު (ޖެނުއަރީ 12) - ސީރިއާގެ ވެރިރަށް ދިމިޝްގުގެ އެއާޕޯޓަށް އަމާޒުކޮށް އިޒްރޭލުން ގިނަ އަދަދެއްގެ މިސައިލް ފޮނުވާލާފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.
އިޒްރޭލުގެ ގިނަ މިސައިލްތައް ވަނީ ސީރިއާގެ އެއާ ޑިފެންސް ނިޒާމުން ވައްޓާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ ސަނާ ނިއުސް އެޖެންސީން ބުނީ އިޒްރޭލުން މިސައިލް ހަމަލާ ދިން ނަމަވެސް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫނާރާ ކަމަށެވެ.
އިޒްރޭލުން މީގެ ކުރިން ވެސް ވަނީ ސީރިއާގެ ބައެއް ހިސާބުތަކަށް މިސައިލް ހަމަލާ ދީފަ އެވެ. އިޒްރޭލުން ބުނެފައި ވަނީ މިސައިލް ހަމަލާތަކުގެ އަމާޒަކީ ސީރިއާގައި ހަރަކާތްތެރިވާ އީރާން މީހުން ކަމަށެވެ. އީރާނުގެ ގިނަ މީހުން ގާއިމްވެ ތިބެނީ ދިމިޝްގުގެ ދެކުނުގަ އެވެ.
"އިޒްރޭލުގެ ހަމަލާތަކުގެ އަމާޒަކަށް ހަދާފައި ވަނީ އީރާން ސިފައިންގެ އަސްކަރީ ތަންތަނާއި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ތަންތަން،" މޮނިޓާރިން ގްރޫޕެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވެ އެވެ.
އިޒްރޭލުގެ އޮފިޝަލަކު ސެޕްޓެމްބަރު މަހު ބުނެފައި ވަނީ ސީރިއާގައިވާ އީރާނުގެ އަމާޒުތަކަށް ވޭތުވެދިޔަ ދެ އަހަރު ތެރޭ 200 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣަފޫރު
12 January 2019
ސީރިއާއިން ބަދަލުގައި ވެސް ހަމަލާއެއް ދީފިއްޔާ އެވީ ޓެރެރިސްޓް ހަމަލާއަކަށް.