ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ފަހު ވަގުތު ޔުނައިޓެޑް ވިކްޓަރީން ޓީސީ ބަލިކޮށްފި

ޔުނައިޓެޑް ވިކްޓަރީގެ ރަފީނިއާ (ކ) ކައިިރިން ޓީސީގެ ނާއިޒު ހަސަން (ދާދު) މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ހުސެއިން ޝިމާޒް (ކޮކީ) ޖެހި ލަނޑާ އެކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން ޔުނައިޓެޑް ވިކްޓަރީ މޮޅުވެއްޖެ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓަރީ ވަނީ އަލުން ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 14 މެޗުން ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. މި މެޗުން ބަލިވުމުން ޓީސީ އަށް ވަނީ ލީގުގެ ދެ ވަނައިގައި އޮތް އީގަލްސްއާ ޕޮއިންޓުގެ ގޮތުން ހަމަކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ޓީސީ ތިން ވަނައިގައި އޮތީ 14 މެޗުން ލިބުނު 24 ޕޮއިންޓާ އެކު އެވެ.

ރަސްމީ ބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ވިއްސާރަވުމުގެ ސަބަބުން ދެ ޓީމަަށް ވެސް ކުޅެން އުނދަގޫވި އެވެ. މި މެޗުގައި ގިނަ ފުރުސަތު ތަނަވަސްކުރީ ޓީސީންނެވެ.

މެޗުގެ 14 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީ އޭރިއާ ތެރެއިން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީ ކީޕަރު މުހައްމަދު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ ބޭރުވުމުގެ ކުރިން ޓީސީގެ އަހުމަދު އަބްދުﷲ (ލިލީ) ގޯލް ކުރި މައްޗަށް ހުރަސް ކުރިއިރު އަލީ ނާފިއު (ކަޅޭ) ބޮލުން ޖެހުމުން ކީޕަރު ދެ ވަނަ ފަހަރަށް މަތަކުރި އެވެ. އޭގެ ހަ މިނިޓް ފަހުން ޓީސީގެ ނާއިޒު ހަސަން (ދާދު) ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ.

މި ހާފްގައި ޔުނައިޓެޑް ވިކްޓަރީގެ ކެޕްޓަން ކޮކީ ޓީސީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ޓީސީ ކީޕަރު މުހައްމަދު އިމްރާން ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގައި ވެސް ޓީސީން ވަނީ ޔުނައިޓެޑް ވިކްޓަރީ ގޯލަށް ނުރައްކާ ކޮށްފަ އެވެ. މެޗުގެ 57 ވަނަ މިނިޓްގައި ޝަމްވީލް ގާސިމް (ބޮންޑާ) އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ތިން މިނިޓް ފަހުން ލިލީ ނަގައިދިން ހުރަހަކުން ސެންޓޭ ފޮނުވާލި ބާރު ހަމަލާ ވެސް ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ލީޑު ނަގަން ޔުނައިޓެޑް ވިކްޓަރީ އަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އެ ޓީމަށް ކުޅޭ ބްރެޒިލް މިޑްފީލްޑަރު ރަފީނިއާ އަށެވެ. މެޗުގެ 82 ވަނަ މިނިޓްގައި ޓީސީގެ އޭރިއާ ތެރެއިން އެ ޓީމުގެ ކުޑޫސް ކެލާނީ ޔުނައިޓެޑް ވިކްޓަރީގެ އަހުސަން ނައީމަށް ހުރަސް އެޅުމުން ރެފްރީ ވަނީ ޕެނަލްޓީ އެއް ދީފަ އެވެ. އަދި ކުޑޫސް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ރަފީނިއާ ފޮނުވާލި ޕެނަލްޓީ ޓީސީގެ ކީޕަރު އިމްރާން ވަނީ މަތަކޮށްފަ އެވެ.

ޓީސީގެ އެއް ކުޅުންތެރިއަކު މަދުވިނަމަވެސް އެ ޓީމުން ވަނީ ކުރިއަށް ޖެހިގެން ލަނޑެއް ޖަހަން މަސައްކަތްކޮށްފަ އެވެ. ޔުނައިޓެޑް ވިކްޓަރީން ލަނޑު ޖެހީ އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި މެދުތެރެއިން ގެއްލުނު ބޯޅައެއް ޓީސީ ހާފްގެ ތެރެއިން ލިބުމުން ކޮކީ ވަނީ އެ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ލީގުގައި މިރޭ ކުޅޭނީ ދެ ވަނަ ބުރުގެ ފަހު މެޗެވެ. ބައްދަލުކުރާނީ ލީގުގެ އެއް ވަނަ މާޒިޔާ އާއި ދެ ވަނައިގައި އޮތް އީގަލްސް އެވެ.

0 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 8%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454