ފްލެޓް ލިބުނު ކަމުގެ ލިއުން ހޯދަން ހައުސިން މިނިސްޓްރީގެ ބޭރުގައި ބަޔަކު ކިޔޫ ޖެހިގެން: ތިން މަޝްރޫއަކުން ފްލެޓް ދިން ގޮތް ބަލަން ކޮމެޓީއެއް ވަނީ އެކުލަވާލާފައި. --ފޮޓޯ/މިހާރު
23 ޖެނުއަރީ 2019 - 15:42
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވާލި ދެ މަޝްރޫއުގައި ފްލެޓް ދޫކުރި ގޮތުގެ ލިއުންތަކާ، ކޮމެޓީން ހަވާލުވެއްޖެ އެވެ.
"ހިޔާ" އާއި "ގެދޮރުވެރިކުރުމުގެ" އިތުރުން ގުޅީފަޅު މަޝްރޫއުގައި ފްލެޓް ދޫކުރި ގޮތް ބަލަން މި ސަރުކާރުން ވަނީ ކޮމެޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމެޓީއާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުކުރެއްވީ، އެ ތިން މަޝްރޫއާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާތައް ބަލައި، ފްލެޓް ދޫކުރީ އެންމެ ހައްގުވެރިންނަށްތޯ ޔަގީން ކުރުމަށެވެ.
ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގައި ކުރީގެ ސަރުކާރުން ދޫކުރީ 700 ފްލެޓެވެ. ދެ ވަނަ މަޝްރޫއުގައި ހުޅުވާލީ 7،000 ފްލެޓަށެވެ. އެ ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވި ބައެއް މީހުންނަށް ލިއުން ހަވާލުކުރި އެވެ. އަނެއް ބަޔަކަށް ލިއުން ހަވާލެއް ނުކުރެ އެވެ.
މި މަޝްރޫއުތަކަށް ހުޅުވާލީ، ޕޮއިންޓް ދޭނެ އުސޫލް އާއްމުކޮށްފަ އެވެ. އެ މަޝްރޫއުތަކުގައި ފްލެޓް ލިބުނު މީހުންގެ ފޯމު ނަމްބަރު ހިމެނޭ ލިސްޓުތައް ވެސް ގެޒެޓްކުރި އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން މިއަދު ވިދާޅުވީ މި ސަރުކާރުން ހަވާލުވިއިރު، ފްލެޓްތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ހުރީ ވަކި ކޮޓަރިއެއްގައި ކަމަށެވެ. މި ސަރުކާރުން ހަވާލުވެ، އެ ކޮޓަރީގައި ތަޅުލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ލިއުމެއް މިހާރު ހުރީ ކޮމެޓީގެ ބެލުމުގެ ދަށުގައި. އެ ތަނުގެ ތަޅުދަނޑި ވަނީ ކޮމެޓީއާ ހަވާލުކޮށްފައި،" ޝާމިން ވިދާޅުވި އެވެ.
ފްލެޓްތަކާ ގުޅޭ ޝަކުވާތަކުގައި އިންސާފުވެރި ހައްލެއް ހޯދޭނީ ކޮމެޓީިގެ މަސައްކަތްތައް ނިމުމުން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ މިނިސްޓްރީގެ އެއްވެސް ދައުރެއް އެ ކޮމެޓީގައި ނޯވެ އެވެ.
ކޮމެޓީގައި ތިއްބަވަނީ، ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާނާއި ފާތިމަތު ސާއިރާ އާއި ގ. ދާސްތާން، ނުޒުހާ އަލީމާއި މއ. އަންޑާޕޫލްއާގެ، އަހްމަދު ތަލާލްގެ އިތުރުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލް އަލީ ޝުހައިލެވެ.
ފްލެޓު ދިން މީހުންގެ ޝަރުތު ހަމަވޭތޯ އާއި ހުށަހެޅި މައުލޫމާތުތައް ސައްހަތޯ އަދި ޕޮއިންޓް ދީފައި ވަނީ އުސޫލާ އެއްގޮތަށްތޯ އެ ކޮމެޓީން ބަލާނެ އެވެ. އަދި ކޮރަޕްޝަނަށްވާ ގޮތަށް ފްލެޓް ދޫކޮށްފައިވާ ނަމަ އެ މައްސަލަތައް ބެލުން ވެސް ހަވާލުކޮށްފައި އޮތީ އެ ކޮމެޓީއާ އެވެ.
ބޭއިންސާފުން ވަކި ބަޔަކަށް ފްލެޓް ބެހި ކަމަށް ކުރާ ތުހުމަތު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވަ އެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި ބޭއިންސާފުން އެއްވެސް މީހަކަށް ފްލެޓް ދީފައެއް ނޯންނާނެ އެވެ. ގެދޮރުވެރިކަމުގެ މަޝްރޫއުން ޝަރުތު ހަމަވެ ފްލެޓް ލިބުނު މީހުންގެ އަތުން ފްލެޓް އަތުލަން ނިންމައިފި ނަމަ، އެއީ ވަރަށް ބޮޑު ބޭއިންސާފަކަށް ވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުންހުނި
24 January 2019
ކުންފުނިތަކުން ހިންގާ ހިޔާ ގެ ޖަރީމާތައްވެސް ބަލަންވާނެ
އާނަ
24 January 2019
2017 ނިމެނިކޮށް ދޫކުރި ފުލެޓްތަކުަގެ ލިސްޓްގައިވާ މިނިސްޓަރ އަދި މެޑަމް ލިސްޓް ޗެކްކުރައްވައިފިނަމަ އެނގިވަޑައިގަންނަވާނެ އެއީ ޙައްޤުވާ ފަރާތްތައްތޯ ނުވަތަ ނޫންތޯ ޗެކްކުރައްވާ. އޭރު ހައުސިންގ އަށް އާއްމުރައްޔިތުން ލާފައިވާ ފޯމްތަކަށް ދީފައިވާ ޕޮއިންޓްތަކުގެ ތެރެއިން 90 އަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތައްތޯ. ފުރަތަމަ މިކަންކަންނޭގެ ބައްލަވަންވީ
ަހާޖީ
24 January 2019
ތިކޮމިސަނުގަތިބީމަތިންފޭބިބަޔެއްތަ. ތިމިހުންނަކަށްވެސްވަކިރަގަޅަކަށްތިކަމެއްނުކުރެވޭނެ.
ސައި
24 January 2019
ފުލެޓުދެނީ އެއްވެސް އިރެއްގަ އިންސާފަކުންނޫން މިހެންމިބުނީ މާލޭގެ ރައްވެހިން ކުޑަތަންކޮޅެއްގަ އުޅެމުންދާއިރު މާލެ އައިސް އަހަރުނުވަނީސް ފުލެޓުދީފައެބަހުރި އަދި މާލޭގަ ދިރިއުޅޭތާ 30އަހަރުވެފަތިބިމީހުންގެ ދަރިންނެތުމުގެ ސަބަބުން ^އެމީހާ ބޯހިޔާވަހިކަމުން ވަނީ މަހުރޫމުވެފަ ތިޔަކޮމެޓީންވެސް އިންސާފުވެރިވާނެނަމަ ރަގަޅު
ހައްގުމީހާ އަދިވެސް މަގުމަތިވެފަ
23 January 2019
މަށައް 97 ޕޮއިންޓް ލިބުނު، އަދިވެސް އިންސާފު ނުލިބިފަ، ކީއްތޯ ވާނީ އަޅުގަނޑުމެން އިންސާފު ނުލިބުނު މީހުންނައް ހުޅުމާލެއިން ބިންކޮޅެއް ދިނިއްޔާ، ނުވަތަ ސަރުކާރު ހިއްސާވާ ކޮންޕެނީ ތަކުން އަޅާނިމިފަ ހުރި ފުލެޓް އިން ދިނިއްޔާ، އިންސާފު ހޯދަން ދާނެ މުއައްސަސާއެއްވެސް ނޭގެ، މިހާތަނައް ލީ ސިޓީތަކުން އެއްތަނުން އަނެއްތަނައް ސިޓީފޮނުވަން އެންގީ، އެއްވެސް ކުރިއެރުމެއް ނުލިބޭ ވަރަށް ދެރަވޭ! ޥަރަށް ހާލުގަ މިއުޅެނީ! މުޅިއުމުރު ކުލިދެއްކުމުގަ،
ރުޅި
23 January 2019
މަދުވަހަކުވެސް ހަނދާންނުނެތޭނެ އެމްޑީޕީން މާލޭމީހުންނަށް އެކަނި އަގަކާނުލައި ހުޅުމާލޭން ގޯތި ދިންދިނުން އެއީ ތަފާތުކޮށް ވަކިބަޔަކު މުއްސަދިކޮށްދިނުން.
މުހައްމާ
23 January 2019
އަމިއްލަ ގެދޮރުވެރިކަން ނެތް މީހުންނަށް ލިބިފައިހުރި ފުލެޓަކުން އެމީހަކު ނެރުމަކީ އެމީހަކަށް ދެވޭ އެންމެ ނިކަމެތިކަން. މިފަދަ މީހާ ފުލެޓުން ނެރެފިނަމަ އެމަގުމަތިވީ. މިއީ ގަބޫލުކުރެވޭނެކަމެއްނޫން. ގޮތެއް ނިންމަވާއިރު އިންސާނިޔަތާހިލާފު ނިކަމެތިކަން ދިވެހިދަރިންނަށް ދީގެންނުވާނެ.
މުވާޒް
23 January 2019
100 ޕޮއިންޓް ލިބިފަ ފުލެޓް ނުލިބި 50 އަށް ވުރެ ދަށުން ފުލެޓް ލިބުނު ގޮތްވެސް ބަލާތި ސުލިޕްތަށް މިހިރީ އަތުގަ ގޮވާލާއިރަށް ކާރިކޮށްލާނަން. އަވަސްކުރޭ ދެން.
ބަނާނާ ޕީސް
23 January 2019
ސުރުހީގަ ލިޔަންކުރާކަމެތީ. ވެރިކަމަށް އަންނަންވީވައުދަކީ އެއްމަސްތެރޭގަ ފްލެޓްތަކުގެ ހައްގުވެރިންހޯދާ ނުހައްގުން ފްލެޓްލިބުނުމީހުން އަތުންއަތުލާނެ ވާހަކަ. ދެންކޮންސަކަރާތެ ތިޖަހަނީ. ލިސްޓްފެނިއްޖެ ލިސްޓްހަވާލުކޮއްފި ލިސްޓްގަހިފައިފި ލިސްޓްހިއިގެން އިށީދެއްޖެ ލިސްޓްބަލައިފި. މިފަސްއަހަރު މިނޫންވަރެނުވާނެ. ޖަޒީރާގަ ފްލެޓެ ނުހުންނާނެ އެހެންވީމަ ގޯތިދީބަލަ ގާނޫނުގަ ބުނާގޮތަށް އެމީހަކު ބޭނުންތަނެއްގަ ވަޒަންވެރިވެވޭނެ ވީމާ ގޯތިދީބަލަ ހުޅުމާލެއިން.
ޖިޒްމާން
23 January 2019
މިނިސްޓަރ ލިސްޓާއި މެޑަމް ލިސްޓް ޗެކްކުރާތި
ގައުމީ ލޯބީގާ
23 January 2019
މިނިސްޓަރު ލިސްޓާއި މެޑަމް ލިސްޓުބަލައިފިނަމަ ހައްގު ވެރިންނައް ލިބުނުކަމަށް ނިއްމާނީ .