28 ޖެނުއަރީ 2019 - 17:58
އެފްއޭއެމުން ސަސްޕެންޑްކޮށްފައިވުމުން ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާ ނިއު ރޭޑިއަންޓުގެ 21 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން އެހެން ޓީމުތަކަށް ބަދަލުވާން ފުރުސަތު ދިނުމުގެ ގޮތުން އެފްއޭއެމުން މުބާރާތުގެ ރަޖިސްޓްރޭޝަން އަލުން ހުޅުވާލައިފި އެވެ.
އެފްއޭއެމުން ހޮނިހިރު ދުވަހު ނިއު ސަސްޕެންޑްކުރީ ސީނިއާ ޓީމުގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެކަމަކު ކުއްލި ގޮތަކަށް ނިއު ސަސްޕެންޑްކުރަން ނިންމީ އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކްލަބުން ހުށަހަޅަން އުޅޭތީ ޒާތީކޮށް އެކަން ނަގައިގެން ކަމަށް ކްލަބުން ބުނެ އެވެ.
އެ ސަސްޕެންޝަނާ ގުޅިގެން މިވަގުތު އެންމެ ބޮޑު އަސަރެއްކުރީ ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރަން މީގެ މަހެއްހާ ދުވަސް ކުރީއްސުރެ ތައްޔާރުވަމުން އައި 21 އަހަރުން ދަށުގެ ޓީމަށެވެ.
އެފްއޭއެމްގެ އޮފިޝަލަކު ބުނީ އަލުން ރަޖިސްޓްރޭޝަން ހުޅުވާލައި ބުދަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށާއި ބޭނުމަކީ ނިއުގެ ކުޅުންތެރިންނަށް އެހެން ޓީމުތަކަށް ދިއުމުގެ ފުރުސަތު ދިނުން ކަމަށެވެ.
މުބާރާތުގެ ގުރުނެގުން މިއަދު ވަނީ ބާއްވައިފަ އެވެ. ގްރޫޕް އޭ ގައި ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބް، ފޯކައިދޫ، ވިކްޓްރީ ސްޕޯޓްސް ކްލަބް، ދަ ގޭންގެވެ. އަނެއް ގްރޫޕުގައި އޮތީ މާޒިޔާ، ގްރީންސްޓްރީޓްސް، އޭދަފުށި އަދި އީގަލްސް އެވެ. އަންނަ މަހުގެ 4 ވަނަ ދުވަހު މުބާރާތް ހުޅުވައިދޭނީ ޓީސީ އާއި ފޯކައިދޫ އެވެ.
އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީއާ ހަވާލާދީ ނިއު އިން ބުނެފައިވާ ގޮތުގައި ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވައި އެހެން ހުރިހާ ކްލަބެއްގެ މުސާރަ މައްސަލަ ވަނީ އެތަނަށް ހުށަހެޅިފަ އެވެ. އޭގެ ތެރޭގައި ނިއު އަށް ވުރެ އެ މައްސަލައިގައި ގިނަ ދުވަސްވީ، އަދި ގިނަ ކުޅުންތެރިންގެ މުސާރައިގެ މައްސަލަ ހުރި ކްލަބްތައް ވެސް ހިމެނޭ ކަމަށް ވެސް ބުނެ އެވެ. އޭގެ ތެރެއިން ޓީމުތައް ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރާނެ އެވެ.
އަނެއްކޮޅުން ނިއުގެ ސީނިއާ ޓީމުގެ މައްސަލައަކާ ގުޅިގެން، އެ ކްލަބުގެ ޔޫތު ޓީމަށް އޭގެ އަސަރުކުރުމުން ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް، ކްލަބްތަކުގެ މައްސަލަތަކުގައި ފުރަތަމަ ދޭ އަދަބަކީ އެ ކްލަބެއްގެ، އެކަމާ ގުޅުން ހުރި ޓީމެއް ކުޅޭ މުބާރާތަކުން ޕޮއިންޓް އުނިކުރުން، ވަކިކުރުން ނުވަތަ ޑިވިޝަނުން ރެލިގޭޓްކުރުމެވެ.
ރާއްޖޭގައި ވެސް އެފަދަ މައްސަލަތައް ބަލަން އޮންނަނީ އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީ މެދުވެރިކޮށެވެ. އެ ކޮމިޓީގެ ނިންމުމަށް އަމަލުނުކޮށްފި ނަމަ ފިޔަވަޅު އަޅާނީ ޑިސިޕްލިނަރީ ކޮމިޓީންނެވެ. އެކަމަކު ނިއު ސަސްޕެންޑްކުރީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިދޭ ބާރެއްގެ ދަށުން އެ ކޮމިޓީންނެވެ. އެ ބާރުގެ ބޭނުންކޮށް ނިއު، ކްލަބެއްގެ ގޮތުގައި ސަސްޕެންޑްކުރުމުން، އެކަމާ ސީދާ ގުޅުން ނެތް އެ ކްލަބުގެ ޔޫތު ޓީމަށް ވެސް އަސަރުކުރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކަރޭ
30 January 2019
ބައްސާމް އިސްތިއުފާ ދިނުން މާ ރަނގަޅު، ދިވެހި ފުޓުބޯޅަ ހަލާކު ނުކޮށް!
ކައުންސެލަރު
30 January 2019
މުޅި ފުޓްބޯޅައާއިލާ އެކައްޗެއްކިޔާފަ ތިޔަމުބާރާތް އެންމެންވެގެން ބޮއިކޮޓް ކޮށްބަލަ. އޭރުން އޮންނާނީ ބައްސާމަށް ފުޓުބޯޅަ ފެނިފަ.
ފުޓްބޯލް ފޭން
29 January 2019
ފުޓުބޯޅައަކީ ކޯޗެއްކަން ނޭނގޭ ބަޔަކާތަ ތިތަން ހިންގަން ހަވާލުކޮށްގެން ތިއުޅެނީ. ނިއުގެ ޔޫތު ކުޅުންތެރިންނަށް އެހެން ޓީމުތަކުން ފުރުސަތު ދިނީމަ އެމީހުން ފާއިތުވެ ދިޔަ މަސްދުވަހު ކުރި ޕްރެކްޓިސްއަށް ދެންހަދަނީ ކިހިނެއް? އެމީހުން ބިލްޑުކޮށްފަހުރި ކޮމްބިނޭޝަން ޕްލޭތަކާ ޓީމްވޯކްއާ ބޭކާރުވީދޯމުޅިން. އެފް. އޭ. އެމްގެ ވެރިން ހޮވުމަށް ވޯޓުލީބަޔަކަށް ހަމަ ސާބަސް
ހުށޭނު
29 January 2019
ބައްސާމު ކަލޭ ރާއްޖޭގެ ފުޓުބޯޅަ ހަލާކު ނުކޮށް ރީތިކޯސް ދާނީތަ ނޫނީ ބާލަންވީތަ؟
ވިލްސް
28 January 2019
ނިއުރޭޑިއަންޓް ފުނޑާލަން ހިންގާ ނާތަހުޒީބު ފިނޑި އަމަލެއް ތީ. ކަލޭމެން ނިއު ދެކެ ކިތައްމެ ރުޅިއަޔަސް ދިވެހި ފުޓްބޯޅައިގެ ތާރީޙުގައި ނިއުގެ ނަން ނުފޮހެވޭނެ. އަދި ދިވެހިން އެ ޓީމައް ކުރާ ލޯބިވެސް ކުޑަ ނުކުރެވޭނެ. ނިއު އަށް ޓަކާ ދިވެހިން ފަޙުރުވެރިވޭ. އެ ބަދަލެއް ނުކުރެވޭނެ
ޢަހްމަދު
28 January 2019
#ބައްސާމުއައުޓް
އާރީ
28 January 2019
ޔޫތުމިނިސްޓުރީން ނިއުއަށް ބައިވެރި ނުވެވޭގޮތަށް ގަލޮޅު ދަނޑް މުބާރާތް ކުޅެއް އެފްއޭއެމަށް ދޫކޮށްގެން ނުވާނެ. ނިއުވީ ގުރުބާނީގެ އަގު ޔޫތުމިނިސްޓުރީންވެސް ބަލއި އެޅެންއޮތް ފިޔަވަޅެއް އަޅަށްވާނެ. މި އުޅެނީ އަކީ އެއްގޮތަކަށްވެސް މުސާރަ ނުދީގެންނެއް ނޫން. ނިއު އަށް ވުރެ މާގިނައިން މުސާރަ ނުދޭ ޓީމްތައް އެބަހުރި. ޒާތީގޮތުން ނިއުއާއި ޖަންސާލައިގެން އެފްއޭއެމުގަ އުޅޭ ވަކިބަޔަކު އަބަދުވެސް އުޅޭ. ބަންސާމް އެއީ ލީޑަރ.
އިއްބެ
28 January 2019
ހުރިހާ ނުބައެއް ހަދަނި ސާންތި އަޑީގަ ހުރެގެން. ޓެކުނިކަލު ކޯޗެއް އިގިގެންބާ މީނަ މިއުޅެނި.
ބޭފުޅާ
28 January 2019
ނިއު އާއި އެެއްކޮޅަށް ބަހެއް ބުނެލަށް ކެރޭ ޓީމެއް ކޯޗެއް ވެސް ނެތް. ހުރިހާ އެއްމެން މި ތިބެނި ކީއްވެފަތަ. ބަންސާމް ކުރާ ކަންތަން ރަގަޅީތަ?
މުލޭ
28 January 2019
ތިކުޅުންތެރިން އެހެން ޓީމުތަކުގައި ރަޖިސްޓްރީ ކުރީމަ އެޓީމުތަކުން ކިތައްކުޅުމްތެރިންގެ ފުރުސަތު ގެއްލޭނެ. ޓީމެއްގައި 15 ކުޅުންތެރިން ކުޅޭގޮތަށްވެސް ހައްދަވައިދެއްވާ. އޭރުން އެކުޅުންތެރިންނަށްވެސް ފުރުސަތު ލިބޭނެ.