ބްރެޒިލްގެ ފަރިތަކުރުންތަކުގެ ތެރެއިން ނޭމާ (ކ) އާއި ކުޓީނިއޯ.-- ފޮޓޯ: ގެޓީއިމޭޖަސް
07 ފެބުރުއަރީ 2019 - 12:41
ޕެރިސް (ފެބްރުއަރީ 7) - ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށް ހިނގައްޖެ ނަމަ ޓާގެޓްކުރާނީ ބާސެލޯނާ އަށް ކުޅޭ ފިލިއްޕޭ ކުޓީނިއޯ އަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ނޭމާއާ ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލްއާ ދެމެދު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. އެހެންވެ، މި ސީޒަނަށް ފަހު ނޭމާ ވަނީ ޕީއެސްޖީ ދޫކޮށް އެެހެން ކްލަބަކަށް ދިއުމުގެ ފުރުސަތެއް ލިބިއްޖެނަމަ އޭގެ ބޭނުން ހިފާށެވެ. ނޭމާ އެންމެ ބޮޑަށް ހިތްހަމަ ނުޖެހެނީ އޭނާ އަށް ވުރެން ޓީމުގެ އިސް ރޯލެއް ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އަށް ދޭތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނޭމާ ހޯދަން ރެއާލް މެޑްރިޑާއި މަޝްހޫރު އެހެން ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭނާގެ އޭޖެންޓް ނޭމާ ސީނިއާއާ ހަވާލާދީ ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ނަން ހާމަނުކުރަން ޝަރުތުކޮށް ބޮޑެތި ކްލަބްތަކުން ވަނީ ނޭމާ ގެންދަން ޝައުގުވެރިވާކަން ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ ހިމެނޭ ކަމަށް އިނގިރޭސި މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ނޭމާ ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ރިޕޯޓްތައް ބުނާގޮތުން އޭރު ހެދި އެއްބަސްވުމުގައިވާ ގޮތުން ފުރަތަމަ ދެ އަހަރު ނިމޭއިރު ނޭމާ ބޭނުންވާ ވަކި ކަންތައްތަކެއް ހާސިލްނުވެއްޖެނަމަ 150 މިލިއަން ޔޫރޯ އަށް ނޭމާ އަށް ކްލަބް ބަދަލުކުރުމުގެ އިހުތިޔާރު ލިބިދެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީގެ ވިސްނުން ހުރީ ނޭމާ ވިއްކާލައިގެން ލިބޭ ފައިސާ ކުޓީނިއޯ ގަންނަން ހޭދަކުރާށެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ކުޓީނިއޯ އަށް މި ސީޒަނުގައި އެންމެ ރަނގަޅަށް ކުޅުމުގެ ފުރުސަތު ނުލިބެ އެވެ. ފަހަކަށް އައިސް މީޑިއާގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކަ އަކީ ކުޓީނިއޯ ބާސެލޯނާ ދޫކޮށްލަން އުޅޭ ވާހަކަ ތަކެވެ. ކުޓީނިއޯ ހޯދުމުގެ ރޭހުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ވެސް ހިމެނެ އެވެ. މި ސީޒަނަށް ފަހު ޗެލްސީގެ ތަރި އެޑެން ހަޒާޑް އެ ޓީމު ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، ހަޒާޑް ނެތްތަނަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ގެންނަން ބޭނުންވާ އެއް ކުޅުންތެރިއަކީ ކުޓީނިއޯ އެވެ.
ދާދި ފަހުން ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ކުޓީނިއޯ ވިއްކާލަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެކަމަކު އެންމެ ފަހުގެ ގޮތް ނިންމާނީ ކުޅުންތެރިޔާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީގްވޮޗް
07 February 2019
ނުލިބޭނެ،ނުދޭނަން.މަަހަށް ދޭބަލަ.މެންޔޫ އަތުން ވެސް ފުނޑޭނެ.
ނޭމާ
09 February 2019
ރަދީފް ހަމަޖެހިބަލަ