މިއަދު ބޭއްވި، މީޑިއާ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރެއްވި ނާއިފް (ކ) އަދި އޭނާއާ ވާދަކުރެއްވި ނައުޝާދު.---ފޮޓޯ: އަވަސް
02 މާޗް 2019 - 16:15
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރު ކަމަށް 'އަވަސް' އޮންލައިންގެ މެނޭޖިން އެޑިޓަރު އަހުމަދު ނާއިފް މިއަދު އިންތިޚާބުކޮށްފި އެވެ.
މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ގޮނޑި އަށް މެމްބަރަކު ހޮވުމަށް ހޯމް މިނިސްޓްރީގައި ބޭއްވި އިންތިޚާބުގައި ނާއިފް ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ކުރިން ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތްކުރި ނޫސްވެރިޔާ އިބްރާހިމް ނައުޝާދާ ވާދަކުރައްވައިގެންނެވެ.
ނާއިފަށް 63 މީހަކު ވޯޓު ދިން އިރު، ނައުޝާށް ލިބުނީ އެންމެ ނުވަ ވޯޓެވެ.
މީޑިއާ ކައުންސިލްގެ އެވޯޑު ވެސް ހޯދާފައިވާ ނައުޝާދު މި އިންތިޚާބުގައި ވާދަކުރީ ނ. އަތޮޅަށް ނިސްބަތްވާ ކޮމިއުނިޓީ ނޫހެއް ކަމަށް 'ނޫނު އިންފޯ' ގެ ފަރާތުންނެވެ. ސަން އޮންލައިނާއި ހަވީރު ގައި ވެސް ކުރިން މަސައްކަތް ކުރެއްވި ނާއިފް ވާދަކުރެއްވީ އަވަސް އޮންލައިންގެ ފަރާތުންނެވެ.
މީޑިއާ ކައުންސިލަށް އާ މެމްބަރަކު ހޮވުމުގެ އިންތިޚާބު ބޭއްވީ، އެ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަލީ ޔޫސުފްގެ މެމްބަރު ކަމުގެ ދައުރު ހަމަވުމުންނެވެ.
މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 15 އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
02 March 2019
ނާއިފް ރަނގަޅުވާނެ ކައުންސިލައް ހޮވަން، ނާއިންސާފުން ކަންކަންނުކުރާނެ ޔަގީން......... ފުރިހަމަ އިތުބާރު އެބައޮތް ނާއިފްގެ ގިނަކަންކަން ވަރަށް ގާތުން އެނގޭ!