ޔުނައިޓެޑްގެ ކުރީގެ ކޯޗު މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ
04 މާޗް 2019 - 11:08
މެންޗެސްޓާ (މާޗް 4) - ވަގުތީ ކޯޗެއްގެ މަގާމުގައި ހުރެ އޮލެ ގުނަ ސޯލްޝެއާ މެންޗެސްޓާ ޔުނައިޓެޑާ އެކު ހޯދަމުން އަންނަ ކާމިޔާބީ ދިގު މުއްދަތަކަށް ދެމެހެއްޓިދާނެ ކަމާ މެދު ޔުނައިޓެޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ސުވާލު އުފައްދައިފި އެވެ.
މޮރީނިއޯ މަގާމުން ވަކިކޮށް ސޯލްޝެއާއާ މިދިޔަ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަން ހަވާލުކުރީ މި ސީޒަނުގެ ނިޔަލަށެވެ. ޔުނައިޓެޑާ ހަވާލުވެ ސޯލްޝެއާ ވަނީ އެ ޓީމުގެ ނަތީޖާތައް ވަރަށް ރަނގަޅުކޮށްފަ އެވެ. މިހާތަނަށް ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން ކުޅުނު 16 މެޗުގެ ތެރެއިން ބަލިވީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން އެކަންޏެވެ.
ޔުނައިޓެޑްގައި މޮރީނިއޯ އަށް މި ސީޒަނުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ޓީމުގެ މެނޭޖްމަންޓާއި ބައެއް ކުޅުންތެރިންނާއި ޖެހުނު މައްސަލަތަކެވެ. އަދި ޔުނައިޓެޑުން ވަކިވުމަށް ފަހު މޮރީނިއޯ ވަނީ ދެން އޭނާ ހަވާލުވާ ކްލަބެއްގައި ހުންނަން ޖެހޭނީ ހުރިހާ ކަމެއް އޮންނަ އުސޫލުގެ ތެރެއިން ހަމަޖެހިފައި ކަމަށް ބުނެފަ އެވެ.
ޔުނައިޓެޑްގައި ސޯލްޝެއާ ހޯދަމުން އަންނަ ކާމިޔާބީތަކަކީ ޕްރެޝަރެއް ނެތި އޭނާ ހާސިލްކުރަމުން އަންނަ ކަމެއް ކަމަށާއި ވަކި ޓާގެޓްތަކެއް ދީގެން ސީޒަނެއް ފަށާއިރު އޮންނާނީ ތަފާތު ހާލަތެއް ކަމަށް މޮރީނިއޯ ބުންޏެވެ.
"ފުޓްބޯޅައިގައި މިސާލަކަށް ބަލާނަމަ އަހަރެންގެ ކުރީގެ ކްލަބް (ޔުނައިޓެޑް). ބަދަލު ފެންނާނެ ވަރަށް އަވަހަށް. ހަަމަ ވަރަށް ރަނގަޅު ބަދަލަކަށް ވެދާނެ. އެކަމަކު އަހަންނެއް ގަބޫލެއް ނުކުރަން މިއީ ދިގު މުއްދަތަކަށް ވެދާނެ ކަމެއް ކަމަށް. އެއީ ދިގު މުއްދަތަށް ޖެހޭނެ ޓާގެޓްތަކެއް އޮންނަން. ކްލަބްގެ ހިންގުން ހަރުދަނާވާން. ވަގުތީ ގޮތުން އަންނަ ނަތީޖާތަކަށް ވުރެން ކްލަބެއް ވިސްނަންވީ ދިގު މުއްދަތަކަށް،" ބެއިން ސްޕޯޓްސްގެ ޝޯއެއްގައި ސޯލްޝެއާ އަށް އިޝާރާތްކޮށް މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ މި ގޮތަށް ބުނެފައިވަނީ ޔުނައިޓެޑްގެ ބައެއް ބޯޑު މެމްބަރުން ސޯލްޝެއާ އަށް ދާއިމީ އެއްބަސްވުމެއް ދޭން ބޭނުންވާ ކަމަށް މީޑިއާގައި ބުނެފައިވަނިކޮށެވެ.
ފުލަމް އިން ވަނީ މި ސީޒަނުގައި އެ ޓީމަށް ގެނައި ކާމިޔާބު ކޯޗު ކްލައުޑިއޯ ރަނިއޭރީ މަގާމުން ދުރުކޮށްފަ އެވެ. އަދި ސީޒަނުގެ ބާކީބައިގައި ފުލަމް އަށް ކޯޗުކޮށްދޭނީ ކުރިން އެ ޓީމަށް ކުޅުނު މިޑްފީލްޑަރު ސްކޮޓް ޕާކާ އެވެ. މޮރީނިއޯ ބުނީ ޕާކާ އަށް ސޯލްޝެއާގެ ކިބައިން މިސާލު ނެގޭނެ ކަމަށާއި އެކަމަކު އެއީ ހައްލެއް ނޫން ކަމަށެވެ.
"ފުލަމް އަށް ރަނިއޭރީ އަށް ވުރެ މޮޅު ކޯޗެއް ލިބޭނެތަ؟ އަހަންނަށް ހިއެއްނުވޭ. ރަނިއޭރީ އާއި ޕާކާގެ ތަޖުރިބާތަކާ އަޅާކިޔޭނެތަ؟ އެވެސް ނުވާނެ ކަމެއް. އެކަމަކު ސޯލްޝެއާ ކިބައިން ހިތްވަރު ހޯދައި ވަގުތީ ގޮތުން ޕާކާ އަށް ވެސް ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ. އެކަމަކު އެއީ ކްލަބަކަށް ހައްލެއް ނޫން،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ ކޮންމެ ކްލަބަކަށް ވެސް އެންމެ ރަނގަޅަށް ކުރިއަށް ދެވޭނީ ރަނގަޅު ބިންގަލެއްގެ މަތީގައި މަގާމުތަކުގައި އެއް ވިސްނުމެއް ހިއްސާކުރާ ބަޔަކު ތިބެގެން ކަމަށެވެ. ތަފާތު ހިޔާލުތަކެއްގެ މައްޗަށް ތިބެގެން ކްލަބަކަށް ދުރު މުސްތަގުބަލެއްގައި ކާމިޔާބު ހޯދަން އުނދަގޫވާނެ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮރީނިއޯ
05 March 2019
ކަލޯ ކަޑަވަނީދޯ
ލޭޑީ ބޯއީ
05 March 2019
މޮރިީނިއޯ ހަނދާން އެބަހުރިތަ މެންޗެސްޓާރ ޔުނައިޓެޑް މި ސީޒަނުގަ ޓޮޕް 4 އަށް އެރުމަކީވެސް މިރެކްލް އަކަށް ވާނޭ! މޮރީނީއޯގެ ބަސްމަގު މިހާރު އެއްބަސް ވެވޭކަށް ނެތް!!!
އިއްޔެ
05 March 2019
ތިޔައީ އާކަމެއްނޫން. ޖެލަސްވާތީ ދައްކާ ވާހަކަތިޔައީ މޮރީނިއޯ. އޯލޭއަށް މާ ޕްރެޝާރ ބޮޑުވާނެ ފުރަތަމަ ހަވާލުވާއިރުވެސް. އެއީ ފުރަތަމަ ކަމަކީ ގަދަ ހަތަރެއްގައި ހިފެހެއްޓުން. އެއަށް މަސައްކަތް ކުރުމަކީ ކުޑަޕްރެޝަރަކަށް ވާނެތަ އިނގިރޭސި ކްލަބުތަކުގެ ފެންވަރަށް ބަލާއިރު. ދެން ބަހަނާ ނުދައްކާ ބަލި ގަބޫލްކުރޭ.
ހެހެ
04 March 2019
މޮރީނިޢޯ ކޮންމެ އެއްޗެކޭ ކިޔަސް އޮލޭ އަށް ޔުނައިޓެޑް އިނގޭވަރަކަށް މޮރީނިއޯ އަކަށް ނޭނގޭނެ. އޮލޭ އަކީ ޔުނައިޓެޑް އަށް އެތައް އަހަރެއް ވަންދެން ކުޅުނު ލެޖެންޑެއް އޭނާ ބެނޗުގައި ހުރެ މެޗްގެ ޓެކްޓިކްސް ތައް ނަގައިގަނެގެން ކުޅެން އަރާ އޭގެ ބޭނުން ރަނގަޅައް ހިފައިގެން ކުޅުނު ކުޅުންތެރިއެއް. މިހާރު މުޅި ކޯޗިންގ ސްޓާފް އަކީވެސް ޔުނައިޓެއޑް އަށް ކުޅުނު އަދީ ފާގަސަން އާއެއްކޮށް މަސައްކަތް ކުރި މީހުން. އެހެންވީމަ އޮލޭއަށް މާ ރީއްޗަށްވެސް ވާނެ.
ވަޑިއަބޯ
04 March 2019
މޮރީނިއޯގެވާހަކަ ރަނގަޅުހެންވެސް އެބަހީވޭ ދެން އެނގިދާނެތާ ދޯ...
ހައި
04 March 2019
މިދެން އަބަދު ރަދީފް ވުން ދޯ މިއޮންނަނީ.
ޜޯނުައެދުރު
04 March 2019
ހަޖަމުނުވީދޯ
އިއްލި
04 March 2019
ބެއިން ސްޕޯޓްސް އެއް ނޫން ބީން ސްޕޯޓްސް ކިޔާނީ.
ޗެލްސީ
04 March 2019
ޖުމްލަކޮން މޮރީނިއޯގެ ވާހަކަ ރަނގަޅު.. އެކަމަކު މޮރީނިއޯ އަކީ ވ.ޒާތީ މީހެއް.. ހަސަދަވެރިކަން ބޮޑު ފިތުނަ އުފެއްދުމުގެ މާހިރެއް.. ދެ މީހަކު ހަމަޖެހިގެން އުޅޭނަމަ މޮރީނިއޯ ބޭނުންވާނެ އެބަޔަކު މައްސަލަޖެހެން.. އެއީ މޮރީނިއޯއަށް ލިބޭ އުފަލެއް.. އެއީ އަސްލު ގައިން ގަޔަށްނާރާ ބައްޔެއް....
ރަދީފް
04 March 2019
މޮރީން އެއީ ވަރަށް މޮޅު ކޯޗެއް.ކޯޗްގެ ގޮނޑިގެ ހޫނުކަން އެންމެ ރަނގަޅަށް އިނގޭނެ އެކަކަށް މޮރީން ވާނެ.އެހެންވީމަ ތަޖްރިބާއާއިއެކު މޮރީން ބުނާއެއްޗެއް އެއީ ދޮގަކަށް ނުވާނެ.ނަމަވެސް އަބަދު އެއްގޮތަކަށް ކަންކަން ވާކަށް ނުވެސް ޖެހޭ.ހަމަ ދާއިމީ ކޯޗެއްގެ ގޮތުގަ ވެސް ސޯލްޝެއާއަށް ޔުނައިޓެޑްގަ ރަނގަޅު ކާމިޔާބީތަކެއް ހޯދިދާނެ.މޮރީނިއޯގެ ވިސްނުން ބަދަލުކުރަން ވެސް މިޗެލެންޖް ނަގައިގެން ސޯލްޝެއާއަށް ކާމިޔާބީއަށް އެދެން.
މަންސޫރު
04 March 2019
ތިޔަ ކޮމެންޓު ކިއުއްވުމަށްފަހު މޮރީނިއޯ އިންނެވީ ކޯފާ އިސްކުރައްވާފައި. ނުތަނަވަސް ހާލަތްފުޅެއްގައި.
ސޯލްޝެއާ
04 March 2019
ވަރަށް އުފާވެއްޖެ. ތޭންކް ޔޫ. މި ޗެލެންޖް މިނަގަނީ މޮރީނިއޯގެ ވިސްނުން ބަދަލުކުރުމަށްވުރެ ރަދީފް ހިތްހަމަ ޖައްސައިދިނުމަށް.
ބަބުރުކަލޯ
04 March 2019
ހަބަރު ބަލާލީމަވެސް އިނގިއްޖެ ރަދީފުގެ ކޮމެންޓެއްކަން އޮންނާނީ.
ފަލަޑޭ
05 March 2019
ކަލޭމެނަ މިތަނަށް އަންނަނީ ޙަބަރު ކިޔާނަށްނޫން ކޮމެންޓް ކިޔަންދޯ