ހދ. ކުޅުދުއްފުށި: އޮގަސްޓް 16، 2016 - މިނިވަން ފުޓްބޯޅަ މުބާރާތުގެ ހދ. އަތޮޅު ފައިނަލުގައި ކުޅުދުއްފުށްޓާއި ހަނިމާދޫ ކުޅުނު މެޗުގައި ކުޅުދުއްފުށި ޓީމުގެ ސަޕޯޓަރުން ތަރުހީބު ދެނީ: މި މެޗު 9-0 އިން ކާމިޔާބުކުރީ ހަނިމާދޫ. --ފޮޓޯ: ޓީމް ކުޅުދުއްފުށި
27 އޯގަސްޓް 2016 - 14:32
ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ރާއްޖޭގެ ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމު ހޯމަ ދުވަހުގެރޭ ކުޅޭ ހާއްސަ މެޗުގައި ސަޕޯޓްކުރަން މާލެ އަންނަން ހދ. ކުޅުދުއްފުށީ ރައްޔިތުން އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
މި މަހުގެ 29 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅޭ މެޗަށް ކުޅުދުއްފުށި ޓީމުގެ ސަޕޯޓަރުން މާލެ އައުމަށް ދައުވަތު ދިނީ އެފްއޭއެމްގެ ރައީސް އަދި 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިޔާ އަހުމަދު ތޯރިގް (ޓޮމް) އެވެ. އެއީ މިނިވަން ފުޓްބޯޅަ މުބާރާތުގައި އެ ރަށުގެ ރައްޔިތުންގެ ފަރާތުން ފެނުނު އާދާޔާހިލާފު ސަޕޯޓުގެ ސަބަބުންނެވެ. ކުޅުދުއްފުށީ ސަޕޯޓަރުންގެ ގްރޫޕުގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ އިބްރާހިމް އާސިފް ބުނީ މާލެ ދިއުމަށް 250 މީހުން ނަން ނޯޓްކޮށްފައިވާ ކަމަށާއި އަދި އެއަށް ވުރެ އިތުރުވާނެ ކަމަށެވެ.
"މާލޭގައި ތިބި މިރަށުގެ މީހުންނާއި ރިޒޯޓްތަކުގައި މަސައްކަތްކުރާ މިރަށުގެ ޒުވާނުން ވެސް އަޅުގަނޑުމެންނާ މާލެއިން ގުޅޭނެ،" އާސިފް ބުންޏެވެ.
އޭނާ ބުނީ ބޮލުގައި އޮޅާ ފޮއްޗާއި ސްކާފާއި ދިދަ ހެދުމުގެ މަސައްކަތް ވަރަށް ފޯރިއާ އެކު ކުރަމުން އަންނަ ކަމަށާއި ކުޅުދުއްފުށީ ސަޕޯޓަރުން ތިބޭނީ އެ ޓީމުގެ ޖާޒީގައި ނުވަތަ ރަތް ހެދުމެއްގައި ކަމަށެވެ.
"ވަރަށް ފޯރިއާ އެކު އަޅުގަނޑުމެން މި އަންނަނީ ތައްޔާރުވަމުން،" އޭނާ ބުންޏެވެ. "ވަރަށް ފުރިހަމަ ސަޕޯޓެއް އަޅުގަނޑުމެންގެ ފަރާތުން ލިބޭނެ."
ކުޅުދުއްފުށީ ސަޕޯޓަރުން މާލެ ފުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ބާދުޝާހު ބޯޓް ޗާޓަރުކޮށްގެން، މާދަމާ ހަވީރެވެ. ބޯޓު މާލެއަށް ލެފުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ހެނދުނެވެ. އަދި އެނބުރި ކުޅުދުއްފުށްޓަށް ދިއުމަށް ފުރާނީ އަންގާރަ ދުވަހެވެ.
މިއީ ގަލޮޅު ދަނޑުގައި ކުޅޭ މެޗެއް ބެލުމަށް އެހެން ރަށަކުން މިގޮތަށް އެންމެ ގިނަ ސަޕޯޓަރުން އަންނަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒާހީ
29 August 2016
މިގެ ކުރިން މުޅިހުރާ ރައްޔިތުން އެއްކޮށް މާލެ އައިސްފައިވޭ ހުރާ ކުލުނު ފައިނަލް މެޗް ބަލަން.
އަހްމަދު
28 August 2016
ގަދައިގޭ ތިމީހުން
އާމިނަތު
28 August 2016
މީހުން މާލެ ނުގެންނާށޭ! ނޭވާ ނުލެވޭ މިހާރު! ތިމެޗުތައް ރާއްޖޭގެ އެހެން ރަށްރަށުގަ ބާއްވަބަލަ! ހެޔޮނުވާނެ!
ޙައްވަ
28 August 2016
ކުރާ ކޮންމެ ކަމަކީ މީހެއްގެ ކެމްޕޭނެއް ކަމަށް ހީވާ ކޮށިވިސްނުމާ ދެކޮޅު!!!
އެލިޒަބަތު
27 August 2016
ވަކި މީހެއްގެ ކެމްޕެއިނަށް ރައްޔިތުން ގުނބޯ ހެއްދުމާ ދެކޮޅު