ކުޅިވަރު / ސައުތު އޭޝިއަން ގޭމްސް

ސައުތު އޭޝިއަން ގޭމްސް ޑިސެމްބަރަށް ފަސްކޮށްފި

2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފެތުންތެރިޔާ ސަޖަން ވާދަކުރަނީ: އޭނާ ލޯ މެޑެއްޔެއް ހާސިލްކުރި.

ފަސްކޮށްފައިވާ ސައުތު އޭޝިއަން ގޭމްސް މި އަހަރުގެ ޑިސެމްބަރު މަހު ބާއްވަން ނޭޕާލުން ހުށަހަޅައިފި އެވެ.

މި ގޭމްސް ބާއްވަން އެންމެ ފުރަތަމަ ޝެޑިއުލްކުރީ މި މަހުގަ އެވެ. އެކަމަކު ނޭޕާލަށް ސްޓޭޑިއަމްތަކުގެ މަސައްކަތް ނިންމާނުލެވުމުން ސެޕްޓެމްބަރަށް ފަސްކުރީ އެވެ. އަދި މި މަހުގެ 1 ވަނަ ދުވަހު ބޭއްވި ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) ބައްދަލުވުމުގައި އޮތީ، ސެޕްޓެމްބަރުގައި ގޭމްސް ބާއްވާނެ ތާރީހެއް ނިންމާ ގޮތަށެވެ.

އެކަމަކު އެ ބައްދަލުވުމުގައި ނިމުނީ ޑިސެމްބަރު 1 އިން 10 އަށް ބާއްވާ ގޮތަށެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ވިދާޅުވީ އެ ތާރީހަށް ސަރަހައްދުގެ ގައުމުތަކުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށާއި ތާރީހު އެއްކޮށް ފައިނަލް ކުރާނީ ދެން އޮންނަ ބައްދަލުވުމެއްގައި ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޑިސެމްބަރުގައި ގޭމްސް ނުބޭއްވިއްޖެ ނަމަ ނޭޕާލުގެ އަތުން މުބާރާތް ބޭއްވުމުގެ ފުރުސަތު އަތުލާނެ އެވެ. އެކަމަކު ނޭޕާލުން ވަނީ ގޭމްސް ބާއްވަން ތައްޔާރުކަމަށާއި ސަރުކާރުން ވެސް އެކަމަށް ވަރަށް ބޭނުންވާ ކަމަށް ބުނެފަ އެވެ.

އެ ދުވަސްވަރު ކަތުމަންޑޫ އާއި ޕޮކާރާ އާދަޔާހިލާފަށް ފިނިވާނެތީ ބައެއް ގައުމުތަކުން އެ ވާހަކަ ހިއްސާކުރި އެވެ. އެކަމަކު 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އިންޑިއާގައި ގޭމްސް ބޭއްވި އިރު ވެސް ފިނިހޫނުމިން ހުރީ ދަށުގައި ކަމަށް ވުމުން، އެއީ މައްސަލަ އަކަށް ނުވާނެ ކަމަށްވެ އެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ގޭމްސް ބާއްވަން އިތުރު އުނދަގޫތަކާ ކުރިމަތިވެދާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. މި އަހަރުގެ ކްރިކެޓް ވޯލްޑް ކަޕުގައި ޕާކިސްތާނާ ދެކޮޅަށް ކުޅެން އޮތް މެޗު ބޮއިކޮޓް ކުރަން އިންޑިއާގެ ބައެއް ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ. ކަޝްމީރުގެ މަސްރަހު ހޫނުވެ އިންޑިއާ އާއި ޕާކިސްތާނުން އެއް އަނެއް ގައުމަށް ވައިގެ ހަމަލާތައް ދޭން ވަނީ ފަށައިފަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތަކީ ރާއްޖޭން ވެސް އެންމެ ބޮޑަށް ތައްޔާރުވާ އެއް ގޭމްސް އެވެ. ސެޕްޓެމްބަރު މަހަށް ގޭމްސް ފަސްވުމަކީ އެއްގޮތުން ބަލާއިރު ރާއްޖެ އަށް ލިބުނު ފައިދާއެއް ކަމަށް ބައެއް ފަރާތްތަކުން އޭރު ބުންޏެވެ. އެއީ ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ވާ ތައްޔާރީތަކާއި ލިބޭ ކާމިޔާބީއާ އެކު ސައުތު އޭޝިއަން ގޭމްސް އަށް ތާޒާކަންމަތީ ދިއުމުގެ ފުރުސަތު ލިބޭނެތީ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން 15 މެޑަލް ހޯދަން އަމާޒުކޮށް ރާއްޖޭން ވަނީ ތައްޔާރީތައް ފަށައިފަ އެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ވާދަކުރާނީ ފުޓްބޯޅަ، އެތުލެޓިކްސް، ވޮލީބޯޅަ ބެޑްމިންޓަން، ހޭންޑްބޯޅަ، ޝޫޓިން، ސްވިމިން، ޓެނިސް، ޓޭބަލް ޓެނިސް އަދި ކްރިކެޓާއި ބާސްކެޓްބޯޅަ އެވެ.

އިންޑިއާގައި 2016 ވަނަ އަހަރު ބޭއްވި، އެންމެ ފަހުގެ ގޭމްސްގައި ރާއްޖޭގެ ދުވުންތެރިޔާ ހަސަން ސާއިދު ވަނީ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. އަދި ފެތުންތެރިޔާ އައިމިނަތު ސަޖަން ވަނީ ލޯ މެޑެއްޔެއް ހާސިލްކުރި އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454