ލައިފްސްޓައިލް / ކުޅިވަރު

ފުޓްބޯޅަ މެޗެއްގައި ތޫނު ތިލަައަކުން ކުޅުންތެރިން ޒަހަމްކުރި މައްސަލައެއް ބަލަނީ

ސަކަރަސްޕޯ އާއި އެމެޑްސްޕޯ ކުޅުނު މެޗްގެ ތެރެއިން.

މިދިޔަ ހަފުތާގެ ތެރޭގައި ތުރުކީގެ ދެވަނަ ޑިވިޝަންގެ ފުޓްބޯޅަ މެޗެއްގައި އިދިކޮޅު ޓީމްގެ ކުޅުންތެރިންނަށް އަނިޔާ ކުރަން، ތޫނު ތިލައެއް ގެންގުޅުނު ކުޅުންތެރިއެއްގެ މައްސަލަ ފެންމަތިވެ، އޭނާ ހައްޔަރުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

ތުރުކީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސެކަރިސްޕޯ ކްލަބާއި އެމެޑްސްޕޯ ކުލަބާ ދެމެދު ކުޅުނު މެޗްގައި ސެކަރިސްޕޯގެ ކުޅުންތެރިންއެއް ކަމަށްވާ މަންސޫރު ކަލާރް، 33، ވަނީ ރޭޒަރު ކަހަލަ ތޫނު ތިލައެއް މެޗްގެ ތެރޭގައި ގެންގުޅެ، އިދިކޮޅު ޓީމްގެ ކުޅުންތެރިންގެ ގައިގެ އެތަން މިތަނުގައި ތިލަ އަޅައިފަ އެވެ.

އެގޮތުން ކުޅުންތެރިންގެ އަތާއި ކަނދުރާ އާއި ބުރަކަށި ފަދަން ތަންތަނުގައި ތިލަ ޖެއްސެމުން ލޭކޮށިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ބައެއް ކުޅުންތެރިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. މި ހާދިސާއާ ގުޅިގެން ބައެއް ކުޅުންތެރިންނަށް ހޮސްޕިޓަލުން ފަރުވާދޭން ޖެހުނެވެ.

މެޗް ކުޅެމުން ދިޔަ ވަގުތު އިދިކޮޅު ކުޅުންތެރިއެއްގެ ފަރާތުން އެމެޑްސްޕޯގެ ކުޅުންތެރިންނަށް ކުރިމަތިވި "ތޫނު ހަމަލާ" ފާހަގަ ނުކުރެވުނު ނަމަވެސް ކުޅުންތެރިންނަށް އެކަކު އަނެކެއްގެ ގައިގައި ހުރި ޒަމްހަތައް ޗޭންޖިން ރޫމްގައި ފެނި، އެއީ މެޗްގެ ތެރޭގައި ހިނގާފައިވާ ކަމެއް ކަމަށް ގަބޫލު ކުރެވުނެވެ.

އަދި ޒަހަމްތައް ގިނަ ކުޅުންތެރިންގެ ގައިގައި ހުރުމުން އެއީ އިދިކޮޅު ޓީމުން ރާވައިގެން ދީފައިވާ ހަމަލާއެއްގެ ގޮތުގައި ސިފަކޮށް ސެކަރިސްޕޯރް އިން ބަޔާނެއް ވެސް ނެރެފައި އެވެ. އޭގައި ބުނީ ކުޅުންތެރިންގެ ހަށިގަނޑުން ފެނުނު ޒަހަމްތަކުން އެއީ ގަސްތުގައި ރާވައިގެން އެ ޓީމާ ދެކޮޅަށް ހިންގާފައިވާ ޖަރީމާއެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަދި މެޗްގެ ތެރޭގައި މަންސޫރުގެ އަމަލުތައް ހުރި ގޮތާ ދޭތެރޭ ޝައްކުތަކެއް ހުރި ކަމަށާއި އޭނާގެ ވާތުގެ އިނގިލި ދޭތެރޭގައި ތިލައެއް ލައްވައިގެން އުޅުނު ތަން ވެސް ބައެއް ކުޅުންތެރިންނަށް ފެނިފައިވާ ކަމަށް ބުނާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އެގޮތުން މެޗް ފެށުމުގެ ކުރިން ސަލާން ކުރި އިރު، މަންސޫރު ތިލައެއް ގެންގުޅުނު ކަމަށް ޝައްކު ކުރެވުނު ކަމަށް އެމެޑްސްޕޯގެ ކުޅުންތެރިން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އޭނާ ހައްޔަރުކޮށް، މައްސަލައިގެ ތަހުގީގު ނިމެންދެން މިހާރު ހުރީ ފުލުހުންގެ ބަންދުގައި ކަމަށް ތުރުކީގެ ނޫސް އެޖެންސީ އެނަޓޯލިއާ އިން ބުންޏެވެ.

ނަމަވެސް މަންސޫރު ބުނީ އޭނާގެ 11 އަހަރުވީ ކެރިއަރުގައި މިހާތަނަށް ދަނޑުމަތީގައި ކުޅެފައިވާނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށާއި މިހާތަނަށް ދުވަހަކު ވެސް ރަތް ކާޑަކާ ވެސް ކުރިމަތިލާން ނުޖެހޭ ކަމަށެވެ. އެހެންވެ މެޗްގެ ތެރޭގައި ތިލައެއް ގެންގުޅުނު ކަމަށް ބުނާ ވާހަކައަކީ ކަނޑައެެޅިގެން ދޮގެއް ކަމަށް ބުންޏެވެ.

މި މައްސަލާގައި މަންސޫރުގެ އިތުރުން ޓީމްގެ ހަތަރު ކުޅުންތެރިޔަކު އޭނާ އަށް އެހީތެރިވެ ދިން ކަމަށް ތުހުމަތުކޮށް އެ މީހުންގެ މައްސަލަ ވެސް އަންނަނީ ބަލަމުންނެވެ.

ނަމަވެސް ސެކަރިސްޕޯ އިން ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

"އެއީ ސީދާ ކަނޑައެޅިގެން ހަގީގަތާ ހިިލާފު ތުހުމަތެއް. އިދިކޮޅު ޓީމްގެ ކުޅުންތެރިންތަކަކަށް އަހަރެމެންގެ ޓީމްގެ ކުޅުންތެރިންއެއްގެ ފަރާތުން އާދަޔާހިލާފު ހަރަކާތްތަކެއްކޮށް އެެ މީހުން ޒަހަމް ކުރާ ކަމަށް ހީކުރެވޭ ނަމަ ކީއްވެ އެ މައްސަލަ މެޗްގެ ތެރޭގައި ރެފްރީ އަށް ނޭންގީ؟" ސެކަރިސްޕޯރްގެ ވެރިޔާ އަލީ ގަރާ ކާޝް ސުވާލު އުފައްދަމުން ބުންޏެވެ. "މެޗްގެ ނުވަދިހަ މިނިޓްގެ ތެރޭގައި ދަނޑުމަތީގައި ހިނގަން ނުޖެހޭ ކަހަލަ ކަމެއް ހިނގާ ނަމަ އެކަން ރެފްރީގެ ސަމާލު ކަމަށް ގެންނަން ޖެހޭނެ. އެކަމަކު އެކަން ނުކޮށް، މިހާރު އަހަރެމެންގެ ޓީމާއި ކުޅުންތެރިންތަކެއްގެ މައްޗަށް ކުރާ ތުހުމަތުތައް ބަލައެއް ނުގަނެވޭނެ."

ސެކަރިސްޕޯ އާއި އެމެޑްސްޕޯ މެޗް ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

2 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 31%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެހެހެ

09 March 2019

ކުޅުންތެރިންނަށް އެވަރުވެފަ ތިބިއިރު ތަދުނުވަނީބާ؟ރެފުރީއަށް ނޭނގީ ކީއްވެބާ؟

The name is already taken The name is available. Register?

އިޙްސާސް

10 March 2019

ތަދުނުވާ އިންޖެކްޝަން ޖަހައިގެން ތޯއްޗެ ކުޅެން އަރާއެތިބީ... އެހެންވެ އެވަގުތު އިހުސާސްވެސް ނުވީކަންނޭގެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454