އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ. --ފޮޓޯ:އީޕީއޭ
13 މާޗް 2019 - 17:41
ނިއު ދިއްލީ (މާޗް 12) - އިންޑިއާގައި އަންނަ މަހު ބާއްވާ އާއްމު އިންތިޚާބުގައި ވީހާ ވެސް ގިނަ ބަޔަކު ވޯޓުލާން ނެރުމަށް އާއްމުން ހޭލުންތެރި ކުރުމަށް އެ ގައުމުގެ މަޝްހޫރު ތަރިންގެ ކިބައިން ބޮޑު ވަޒީރު ނަރެންދުރަ މޯދީ ޓްވިޓާ މެދުވެރި ކުރައްވައި އެދިވަޑައިގެންފި އެވެ.
މޯދީގެ ޓްވީޓްގައި ޓެގްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ބޮލީވުޑް ތަރިންނާއި ކްރިކެޓް ކުޅުންތެރިންނާއި ސިޔާސީ ވާދަވެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ކްރިކެޓް ކުޅުންތެރިން ކަމަށްވާ ވިރާތު ކޯލީ އާއި މަހެންދުރަ ސިންގް ދޯނީ އަދި ބޮލީވުޑުގެ ބަތަލުން ކަމަށްވާ ރަންވީރް ސިންގާއި ވިކީ ކައުޝަލް ހިމެނެ އެވެ. ސިޔާސީ ވާދަވެރިޔާ ރާހުލް ގާނދީ ވެސް މޯދީ ވަނީ ޓެގް ކުރައްވައިފަ އެވެ.
މޯދީ ވަނީ މި އެންމެންގެ ކިބައިން ވެސް އިންޑިއާގެ 1.3 ބިލިއަން މީހުންގެ ބިޔަ އާބާދީގެ ތެރޭން ވޯޓުލާން ވީހާ ވެސް ގިނަ ބަޔަކު ނެރެ ރެކޯޑެއް ހެދުމަށް އެދިވަޑައިގެންފަ އެވެ. އިންޑިއާގައި އެޕްރީލް 11- މެއި 19 އަށް ބާއްވާ އިންތިޚާބުގައި 900 މިލިއަން މީހުން ވޯޓުލާނެ އެވެ. އިންތިޚާބުގެ ނަތީޖާ އިއުލާން ކުރާނީ މެއި 23 ގަ އެވެ.
މޯދީ، 68، ގެ ބީޖޭޕީ 2014 ވަނަ އަހަރު ވެރިކަމަށް އައީ އެތައް ވައުދަކާ އެކު އެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ވައުދުވި ގޮތަށް ބީޖޭޕީ އަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ނުކޮށްދެވުނު ކަމަށެވެ.
މޯދީގެ ޓްވިޓާ 46.3 މިލިއަން މީހުން ފޮލޯ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުﷲ އިބްރާހިމް
15 March 2019
މިމީހާގެ ކިބައިން އިންޑިއާގެ މުސްލިމުން ސަލާމަތް ކުރައްވާންދޭވެ.