ކަސްޓަމްސް ސާވިސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ނުއުމާން (މ) އަދި އެ ދެ ވެރިއަކު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
15 މާޗް 2019 - 01:29
ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑުން 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަސްޓަމްސް އަށް ދައްކަން އެންގީ، އެ ކުންފުނިން ބޮންޑެޑް ވެއާ ހައުސްގައި މުދާ ސްޓޮކްކޮށް، އަދި އެ ތަނުން ނެރެ ދާއިމީ އިމްޕޯޓަށް ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމުގެ އިސްލާހަށް އަމަލުކުރުމުގެ ސުން ގަޑި އަށް ނިމިފައި ނުވާތީ ކަމަށް ކަސްޓަމްސް އިން މިރޭ ބުނެފި އެވެ.
ސީޖީޓީ އަށް އަނބުރާ 22 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން މިދިއަ ހަފުތާގައި ކުރި ހުކުމުގެ ޚަބަރު މީޑިއާތަކުން ގެނައުމާ އެކު، ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުނީ މާޗް 2، 2017 ވަނަ ދުވަހުން ފެށިގެން ސިނގިރޭޓުގެ ބޮޑު ޑިއުޓީ އަށް ސަރުކާރުން އަމަލުކުރަން ފެށުމުން، ކަސްޓަމްސް އިން ކަންކުރާނެ ގޮތް, ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ ޑައިރެކްޓިވްއަކުން އޮތީ ކަނޑައަޅައިފައި ކަމަށެވެ.
އެ ޑައިރެކްޓިވްގެ އެއްވަނަ މާއްދާގައި ބުނަނީ "2017 މާޗް 02 ދުވަހުގެ 14:00 ގެ ކުރިން ރާއްޖެ އައިސް އިންވާޑް ކްލިއަރެންސް ނަގާފައިވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެ ވަގުތުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅާފައިވާ ނަމަ އެ ޑިކްލަރޭޝަން ނިންމައި ދިނުމުގައި މި އިސްލާހަށް ނުބެލުން" މިހެންނެވެ.
Press Release no: 03/2019 pic.twitter.com/gSHX13b4ex
— Maldives Customs (@CustomsMv) March 14, 2019
ކަސްޓަމްސްގެ ނޫސްބަޔާން
އެކަަމަކު، ސީޖީޓީން ބޮންޑެޑް ވެއާ ހައުސް އަށް ކޮންސައިންކޮށް، މާޗް 1 ގައި ރާއްޖެ ގެނައި ހަ ކޮންޓެއިނަރުގެ ސިނގިރޭޓް، ބޮންޑެޑް ވެއާ ހައުސް އިން ނެރެ ދާއިމީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ކްލިއާ ކުރިއިރު، ބޮޑުކުރި ޑިއުޓީ ނުވަތަ 22 މިލިއަން ރުފިޔާ ދައްކަން ކަސްޓަމްސް އިން އެންގި އެވެ. އެކަމަކު، އެ ފައިސާ ދެއްކި ނަމަވެސް އަނބުރާ ހޯދަން ސީޖީޓީން ކޯޓަށް ދިޔަ އެވެ.
ނަމަވެސް، މި ސަރުކާރު އައި ފަހުން އެ މައްސަލަ ބަލައި، އެ ފައިސާ އަނބުރާ ހޯދަން ސީޖީޓީން ކަސްޓަމްސްއާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާ އެ ކުންފުންޏާ އެއްކޮޅަށް މިދިޔަ ހަފުތާގެ ބުދަދުވަހު ވަނީ ނިންމައިފަ އެވެ. ހުކުމުގައި ވާ ގޮތުން ބުދަދުވަހުން ފެށިގެން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ކަސްޓަމްސް އިން ސީޖީޓީ އަށް ދައްކަން ޖެހެ އެވެ.
ފެން ކުންފުނީގެ ޗެއާމަން މައުސޫމް: އޭނާގެ ހިއްސާ އޮންނަ ސީޖީޓީ އަށް 22 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް ސިވިލް ކޯޓުން ވަނީ ކަސްޓަމްސް އަށް އަމުރުކޮށްފައި.
އެގޮތަށް ހުކުމް އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ބަންޑާރަ ނައިބުގެ އޮފީހުން ސިވިލް ކޯޓުގައި ނެގި ސްޓޭންޑް، މި ސަރުކާރުން ބަދަލުކުރުމުންނެވެ. ޑައިރެކްޓިވްގައި އޮތް ގޮތުން ނަމަ ބޮޑުވި ޑިއުޓީގެ ފައިސާ ސީޖީޓީއަށް އަނބުރާ ދޭން ޖެހޭ ކަމަށް ކޯޓުގައި ދައުލަތުން އިއުތިރާފުވި އެވެ.
މި މައްސަލަ ސިވިލް ކޯޓުގައި ނިންމި އިރު، ސީޖީޓީގެ ވަކީލުން ވެސް ވަނީ ބަދަލުކޮށްފަ އެވެ. މައްސަލަ ނިންމިއިރު ކޯޓުގައި އެ ކުންފުނި ތަމްސީލްކުރީ މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ހިއްސާ ކުރިން އޮތް ހިސާން ހުސެއިންގެ ލޯފާމުންނެވެ.
ސީޖީޓީގެ ޑިއުޓީގެ މައްސަލައިގައި ކުރީގެ ސަރުކާރުގެ ބަންޑާރަ ނައިބު އަނިލްގެ ސްޓޭންޑު ކުއްލި ގޮތަކަށް މި ސަރުކާރުގެ ބަންޑާރަ ނައިބު ރިފްއަތު ބަދަލުކުރުމުން، ކަސްޓަމްސްގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި ވަކީލު ވެސް ފަހުން ވަނީ ހިތްހަމަޖެހި ވަޑައިނުގެން މައްސަލައިން ތަނާޒުލް ވެފައި ކަމަށް އެނގިފައިވެ އެވެ. އަދި އެ މައްސަލަ ކަސްޓަމްސްގެ ސަމާލުކަމަށް ގެންނަވައި، ހިތްހަމަނުޖެހުމުގެ ސިޓީއެއް ވެސް ބަންޑާރަ ނައިބަށް ފޮނުއްވި ކަމަށް ވެ އެވެ.
ސީޖީޓީން މާޗް 2017 ގައި ރާއްޖެ އަށް ސިނގިރޭޓް ޝިޕްމެންޓް ގެނައިއިރު ބޮޑުކުރި ޑިއުޓީ އަށް އަމަލުކުރާކަށް ނުފަށަ އެވެ. ނަމަވެސް އެ ހަ ކޮއިންޓެއިނަރު ސިނގިރޭޓަކީ ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސްގައި ކޮންސައިން ކުރުމަށް ގެނައި މުދާ ކަމަށް ވުމުން، އެ މުދާ ނެރުނީ އާންމު އުސޫލުގެ މަތިން ބޮޑުކުރި ޑިއުޓީ ދެއްކުމުންނެވެ. އެކަމަކު އޭގެ ކުރިން ފެބްރުއަރީ 17، 2017 ގައި ސީޖީޓީން އޮތީ އެ ހަ ކޮންޓެއިނަރަށް ކުޑަ ޑިއުޓީ އަށް ވާ ފައިސާ ދައްކައިފަ އެވެ.
އެ ޝިޕްމެންޓަކީ ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސްގައި އެ ވަގުތު ބަހައްޓާ ގޮތަށް ގެނައި މުދަލެއް ކަމަށް ވުމުން، ސިނގިރޭޓް ޝިޕްމެންޓް ސީޖީޓީން ނެރުނުއިރު އޮތީ ބޮޑުކުރި ޑިއުޓީ އަށް އަމަލުކުރަން ފަށައިފަ އެވެ. އެހެންވެ ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އެ ސިނގިރޭޓް ޝިޕްމެންޓަށް ކަސްޓަމްސް އިން އެޕްލައި ކުރީ ބޮޑު ޑިއުޓީ އެވެ.
ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދު، ބޮންޑެޑް ވެއާ ހައުސްގައި ހުންނަ މުދަލެއް ނެރޭއިރު ނަގަނީ އެ ވަގުތަކު އެ މުދަލަކަށް ކަނޑައަޅާފައިވާ ޑިއުޓީ އެވެ. ބޮންޑެޑް ވެއާ ހައުސް އަށް ވައްދާއިރު ކަނޑައަޅާފައިވާ ޑިއުޓީއެއް އެ މުދަލަކަށް ނުނަގަ އެވެ.
އާ ސަރުކާރު ވެރިކަމާ ހަވާލުވެ، ސީޖީޓީގެ ޑިއުޓީގެ މައްސަލައިގައި ކުރީގެ ސަރުކާރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ސްޓޭންޑު ކުއްލި ގޮތަކަށް މި ސަރުކާރުގެ ބަންޑާރަ ނައިބު ރިފްއަތު ބަދަލުކުރުމުން، ކަސްޓަމްސްގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި ވަކީލު ވެސް ފަހުން ވަނީ ހިތްހަމަޖެހި ވަޑައިނުގެން މައްސަލައިން ތަނާޒުލް ވެފައި ކަމަށް އެނގިފައިވެ އެވެ. ކަސްޓަމްސް އިން އަނބުރާ 22 މިލިއަން ރުފިޔާ ސީޖީޓީ އަށް ދައްކަން ނުޖެހޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ގެންގުޅުއްވި ސްޓޭންޑް މިހާރުގެ ބަންޑާރަ ނައިބު ރިފްއަތު ބަދަލު ކުރެއްވުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން ކަސްޓަމްސްގެ ވަކީލު ސިޓީއެއް ފޮނުއްވި ކަމަށް ވެސް ވެ އެވެ.
އެމްއެމްޕީއާރުސީން ހިންގި 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގު ރިޕޯޓުގައިވާ ގޮތުން އެސްއޯއެފުން މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ އަށް 5.7 މިލިއަން ޑޮލަރު (88.5 މިލިއަން ރުފިޔާ) ޖަމާކޮށްފައިވެ އެވެ. އެ މައްސަލަ ބަލައި ނިމެންދެން މައުސޫމް ގޭގައި މަޑުކުރަން ސަރުކާރުން ވަނީ އަންގައިފަ އެވެ.
އޭސީސީގެ ރިޕޯޓުގައިވާ ގޮތުން، ސީޖީޓީގައި މައުސޫމްގެ އިތުރުން ހިއްސާ އޮންނަނީ، އަބްދުﷲ ރާފިއު، މއ. ޝޭޑީ ކެބިން އާއި އުމަރު ޖަމާލް، މއ. ތިނަދޫ އާއި އަހްމަދު ޒާހިރު، މާހީ، ސ. ހިތަދޫ، އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް ޝަރީފް
15 April 2019
މީގަ ސާފުނުވާ ކަމަކީ އެއްފަހަރު ޑިއުޓީ ދައްކާފަ ހުރި މުދަލަކަށް ދެވަނަފަހަރަށް ޑިއުޓީ ދައްކަން ޖެހުނު ގޮތެއް. މުދާ ސުންގަޑިއަށް ނުނެރެވިއްޖެ ނަމަ ދައްކަންޖެހޭނީ އެކަމުގެ ޖުރިމާނާ. ޑިޔުޓީ ޑަބަލްކޮށް ދައްކަން ޖެހުނީ ކީއްވެ.
މިއީ
16 March 2019
އެމްޑީޕީގެ ފުންނާބު އުސް ލޯޔަރުންގެ ފެންވަރު ހުރި ވަރު މި ފެންނަނީ. ދުވާލުގެ އިރުހާ ސާފުކޮށް ފެންނަން އޮތް ކަމެއްގައިވެސް އޮޅުވާލުން. އެހެންވީމަ ޓީވީ ކުރިމަތީ ގާޒީ ގެންގޮސްގެން އަދި ކުއްވެރިއެއްނުވާނެތާ..
އިކްރާމް އަބްދުއް ސައްތާރު
15 March 2019
މީވަރަށް ފައްކާ އޭޖީ އެއް.. އޭނާ ކުރީން މަސަތްކަތް ކުރަމުން އައި ހުރިހާ ކޭސްއެއް މިހާރު އޭނާ އަށް ވިންވަނީ..؟ އަރަތެއް ދޯ..؟ އޭރު ހުރީ ދައުލަތާއި ދެކޮޅަށް... އާންމުންގެ އަތުން ފައިސާނަގައި ކޭސްވިން ކުރަން މަސަތްކަތްކުރަން... މިހާރު ދައުލަތުންވެސް އެކޭސް ވިންކޮށްދިނުމަށް މަސަތްކަތް ކުރަން.. ކިހާ ފައްކާ ޑީލްތަކެއް ދޯ؟
ނަގޫރޯޅި
15 March 2019
މިދައުރުގަ ހުރިހާކަމެއްވެސް ނިމޭނީ ރީދޫކުދިން އެދޭގޮތައް. ބިގް ކުންފުއްޒައް 37 މިލިޔަން، މައުސޫމައް 22މިލިޔަން ހަމަ ކުރީ ފަހަރު ހެވީލޯޑައް ހޮދާދިން ފައިދާ ހަމަމިފަހަރުވެސް ދާނީ އެގޮތައް. ހިތްއެދޭގޮތައް ހުކުންނުކޮއްފިޔާ މިފަހަރު އެތައް އަބްލޯގާޒީއެއް ހައްޔަރުވާނެ. މމޕރސ އެކޭ މިގޮތައް ލާރިކެއުމެކޭ ހަމަވާނީ ވައްކަމައް.
ދައްކާލަބަލަ
15 March 2019
ބޮންޑެޑް ވެއަރ ހައުސް މަރުހަލާ ނިމުނީމަ ނޫންތޯ ވެއަރހައުސްއިން މުދާނެރުނުކަމަށް ލިޔެކިޔުމުން ފެންނަނީ. މީދޮގެއްތޯ ބަލަން ބޮންޑުން ނެރުނު ޑިކްލަރޭޝަން ފޯރމް ނޫހަށް ހާމަކޮށްލަބަލަ.
ކަނބިލި
15 March 2019
މިއީ ހަމަ ދައުލަތުގެ ފައިސާ ނުހައްގުން ޕާޓީ މީހުންނަށް ބެހުމުގެ އެޖެންޑާގެ ދަށުން ހިންގާ ކޮރަޕްޝަނުގެ ބޮޑު ޖަރީމާއެއް. ހިތާމައަކީ މިކަމާ އަޑުއުފުލާ ކުށްވެރިކުރާނެ މީހަކު ނެތް ކަން. ކޮންމެ ބަޔަކު ހިންގިޔަސް ކޮރަޕްޝަންވާނީ ކޮރަޕްޝަންއަށް
ކައްޕި
15 March 2019
މިމައްސަލައިގެ ނިންމުމާ ގުޅިގެން ދައުލަތުން ދައްކަންޖެހޭނީ ހަމައެކަނި ސީޖީޓީ އަށް 22 މިލިއަން ރުފިޔާއެއް ނޫން. މިހާލަތް ދިމާވި އެންމެންނަށް މިލިއަނުން މިލިއަނުން ބަދަލުދޭންޖެހޭނެ. މިއީ ވަރަށް ބޮޑު ފްލަޑްގޭޓް އޯޕަން ކުރާނެ ޑިޒިޝަނެއް.
ސްޓޭޓް ޢެޓާރނީ
15 March 2019
މީގެ ކުރީގެ އޭ.ޖީ. އިން އެމީހެއްގެ ޕްރައިވެޓް ޕްރެކްޓިސްގަ އުޅުނުއިރުގެ މައްސަލަތައް ނުވަތަ އޭނާގެ ލޯ ފާރމުގެ ދައުލަތާ ދެކޮޅަށް ހިންގާފައި ހުރި މައްސަލަތަކުގައި އޭ.ޖީ. އަކަށް އައިސް ބައިވެރިނުވެ ތަނާޒުލްވެފައިހުރީ. މިފަހަރު ރިފްޢަތު އޭ.ޖީ. ގެ ކިބައިން މިކަމެއް ނުފެނޭ. ދައުލަތުން ކުރީގައި ނަގާފަ އޮތް ސްޓޭޑާ އަދި ކަސްޓަމްސްގެ ބަހާ ދެކޮޅަށް މިމައްސަލާގައި ސްޓޭންޑް ބަދަލުކުރީ ހުދު އޭ.ޖީ. ރިފްއަތު.
އިކްރާމް އަބްދުއް ސައްތާރު
15 March 2019
ވަަރަށް އިންސާފުވެރި ދޯ.. މިސަރުކާރުގެ އޭޖީ.. އަމިއްލަ ފައިދާ އަށް ދައުލަތައް ގެއްލުން ދެނީ..؟
ސައީދު އަހުމަދު
15 March 2019
ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދު، ބޮންޑެޑް ވެއާ ހައުސްގައި ހުންނަ މުދަލެއް ނެރޭއިރު ނަގަނީ އެ ވަގުތަކު އެ މުދަލަކަށް ކަނޑައަޅާފައިވާ ޑިއުޓީ އެވެ. ބޮންޑެޑް ވެއާ ހައުސް އަށް ވައްދާއިރު ކަނޑައަޅާފައިވާ ޑިއުޓީއެއް އެ މުދަލަކަށް ނުނަގަ އެވެ.
މަޖޫރީ
15 March 2019
ކަލެއަށް ބޮންޑެޑް ގުޑްސް ކްލިއަރ ކުރުމާ ޑިޔުޓީ ދެއްކުމުގެ ޕްރޮސީޖަރ ނޭގި ފާޑުފާޑުގެ ކޮމެންޓްކުރެވޭތޯ އަދިވެސް ބަލާތި!
މޫސުމް
15 March 2019
މީކާކުބުނި ކޮންއެއްޗަކައް ދިންރައްދެއްކަމެއްނޭގޭ...