ލައިފްސްޓައިލް / ކޮރަޕްޝަން

ހަދިޔާގެ ނަމުގައި ވިއަސް ރިޝްވަތު ހަރާމް ވާނެ

ހަދިޔާގެ ބަދަލުގައި ބާތިލު ކަމެއް ކުރަން ޖެހޭ ނަމަ އެއީ ހަދިޔާއެއް ނޫން.

ޑރ. ސަޢުދުﷲ ޢަލީ

22 މާޗް 2019 - 17:21

2 comments

އިސްލާމީ މުޖުތަމައުތަކުން މިއަދު ފެންނަ ނޭދެވޭ ކަންކަމުގެ ތެރެއިން އެއްކަމަކީ އިސްލާމްދީން އެކަމަކަށް ހިތްވަރުދޭ ރަނގަޅު ކަމެއް ކަމުގައިވާ ހަދިޔާ ދިނުމުގެ ނަމުގައި އިސްލާމްދީން ޙަރާމް ކުރައްވާފައިވާ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމެވެ. މިކަން މިގޮތަށް އާދަވެގެން ގޮސް މިއަދު ބައެއް މީހުންނަށް މި ދެކަމުގެ ފަރަގު ވެސް ނޭނގޭ ކަހަލަ އެވެ. އެހެންކަމުން ހަދިޔާ އާއި ރިޝްވަތާ ދެމެދު ހުރި ފަރަގު ދެނެގަތުމަކީ މުހިންމު ކަމެކެވެ.

އިހުގެ ފިޤުހު ފޮތްތަކުގައި ރިޝްވަތަކީ ކޮބައިކަން ބަޔާން ކުރައްވަމުން އިލްމުވެރިން ވިދާޅުވަނީ އެއީ ތިމާ ބޭނުންވާ ގޮތަށް ހުކުމެއް ކުރުމަށް ނުވަތަ ބޭނުންވާ ގޮތަށް މައްސަލައެއް އަނބުރާލުމަށް ހާކިމަށް ނުވަތަ އެނޫނަސް ބާރެއް ލިބިގެންވާ ފަރާތަކަށް ދެވޭ މުދަލެއް ކަމަށެވެ. މިތަނުގައި ރިޝްވަތު ގުޅުވާލާފައި އެވަނީ ހުކުމް ކުރުމުގައި ހާކިމަށް ނުވަތަ ޤާޟީ އަށް ދެވޭ އެއްޗެއްގެ ގޮތުގަ އެވެ. ސަބަބަކީ ރިޝްވަތުގެ ތެރެއިން އެންމެ ނުބައިކަން ބޮޑު ރިޝްވަތަކީ އެއީ ކަމުގައިވާތީ އެވެ. ނަމަވެސް ރިޝްވަތަކީ ހަމައެކަނި ފަނޑިޔާރުގެ ތަކުން ނިންމާ މައްސަލަތާ ގުޅުން ހުރި އެއްޗެއް އެކަންޏެއް ނޫނެވެ. ހައްގު ނޫން ކޮންމެ އެއްޗެއް ނުވަތަ ކަމެއް ހޯދައިގަތުމަށް ނުވަތަ ފަހުން ލިބެންޖެހޭ އެއްޗެއް ކުރިން ހޯދައިގަތުމަށް ބަދަލެއްގެ ގޮތުގައި ދެވޭ ކޮންމެ އެއްޗެއް ވެސް ވާނީ ރިޝްވަތަށެވެ. މިސާލަކަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ ބައެއްގެ ތެރެއިން ގާބިލުކަމާއި އަމާނާތްތެރިކަމުގެ ގޮތުން ބަލާއިރު މިއިން ޝަރުތެއް ފުރިހަމަ ނުވާ މީހަކަށް ނުވަތަ ޝަރުތު ފުރިހަމަ ވިއަސް އެންމެ ހައްގުކަން ބޮޑު ނޫން މީހަކަށް ވޯޓު ދިނުމަށްޓަކައި ދެވޭ އަގުހުރި ކޮންމެ އެއްޗެއް ވެގެން ދާނީ ރިޝްވަތު ކަމުގަ އެވެ. އެންމެ ހައްގު މީހާ އަށް ވޯޓު ހޯދަން ރިޝްވަތު ނުދީ ވާން ނެތިއްޖެ ހާލަތެއްގައި ޟަރޫރަތަށްޓަކައި ރިޝްވަތު ދިނުން ހުއްދަވާނެ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވިއަސް މި ހާލަތުގައި ވެސް ރިޝްވަތު ހިފާމީހާ އެކުރަނީ ހަމަ ހަރާމް ކަމެއްކަމަށް އެ ބޭކަލުން އެއްބަސްވެ ވަޑައިގަންނަވަ އެވެ. ވީމާ މިއިން އެނގެނީ މިފަދަ ހާލަތެއްގައި ވެސް ރިޝްވަތު ހިފައިގެން ނުވާނެ ކަމެވެ.

މިސާލަކަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ ބައެއްގެ ތެރެއިން ގާބިލުކަމާއި އަމާނާތްތެރިކަމުގެ ގޮތުން ބަލާއިރު މިއިން ޝަރުތެއް ފުރިހަމަ ނުވާ މީހަކަށް ނުވަތަ ޝަރުތު ފުރިހަމަ ވިއަސް އެންމެ ހައްގުކަން ބޮޑު ނޫން މީހަކަށް ވޯޓު ދިނުމަށްޓަކައި ދެވޭ އަގުހުރި ކޮންމެ އެއްޗެއް ވެގެން ދާނީ ރިޝްވަތު ކަމުގަ އެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ ﷲ ނަހީކުރައްވާފައިވާ ނުބައިކަން ބޮޑު ފާފައެކެވެ. މީސްތަކުންގެ މެދުގައި ބާތިލު ގޮތުގައި މުދާތައް ނުކެއުމަށް އަމުރުކުރެއްވުމަށް ފަހު ދެން އަންގަވަނީ ފާފަވެރިގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި ހާކިމުންނަށް އެމުދަލުން ބައެއް ނުދިނުމަށެވެ. (އަލްބަޤަރާ 188). ތަފްސީރު އިލްމުވެރިން ވިދާޅުވާ ގޮތުގައި މިއީ ރިޝްވަތުގެ ވާހަކަ އެވެ. އަނެއްކޮޅުން ބަލާއިރު ރިޝްވަތަކީ ހަރާމް ގޮތުގައި މުދާ ކެއުމެވެ. ޔަހޫދީންގެ ތެރެއިން މުނާފިގުންގެ ނުބައި އަމަލުތައް، އަލްމާއިދަތު ސޫރަތުގެ 62 ވަނަ އާޔަތުގައި، ބަޔާން ކުރައްވަމުން އޭގެ ތެރޭގައި "ސުޙުތު" ކެއުން ވެސް ބަޔާން ކުރައްވާފައިވެ އެވެ. ތަފްސީރު އިލްމުވެރިން ވިދާޅުވާ ގޮތުގައި ސުޙުތަކީ ރިޝްވަތެވެ. ނުވަތަ ރިޝްވަތަކީ ސުޙުތުގެ އެއް ބާވަތެކެވެ.

އިބްނު ޢުމަރު ރިވާކުރައްވާފައިވާ ހަދީސެއްގައިވާ ގޮތުން ސުޙުތު ކައިގެން ހަށިގަނޑުގައި ޖަހާފައިވާ މަހަށް އެންމެ އައުލާކަން ބޮޑުވެގެންވަނީ ނަރަކައިގެ އަލިފާނެވެ. ސުޙުތަކީ ކޮބައިތޯ ސުވާލު ކުރެވުމުން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރެއްވެވީ އެއީ ހުކުމް ކުރުމުގައި ރިޝްވަތު ކެއުން ކަމުގަ އެވެ. އެހެން ހަދީސެއްގައި އެކަލޭގެފާނު ބަޔާން ކުރައްވަނީ ރިޝްވަތު ދޭމީހާ އާއި ރިޝްވަތު ހިފާ މީހާ އާއި އެކަމުގައި މެދުވެރިއަކަށްވާ މީހާ އަށްވެސް ﷲ ލަޢުނަތް ލައްވާނެ ކަމަށެވެ. ޔަހޫދީންގެ އަތުން ޖިޒީ ނެންގެވުމަށް ޢަބްދުﷲ ބުނު ރަވާޙަތު ފޮނުވުނު ހިނދު ޔަހޫދީން ރަވާޙަތުގެ ފާނަށް ރިޝްވަތު ހުށަހެޅި އެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވީ "ތިޔަބައިމީހުން ތިޔަހުށަހަޅާ ރިޝްވަތަކީ ސުޙުތެވެ. ތިމަން ބޭކަލުން ސުޙުތު ކައި ނޫޅެމުއެވެ."

ސުޙުތަކީ ކޮބައިތޯ ސުވާލު ކުރެވުމުން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރެއްވެވީ އެއީ ހުކުމް ކުރުމުގައި ރިޝްވަތު ކެއުން ކަމުގަ އެވެ. އެހެން ހަދީސެއްގައި އެކަލޭގެފާނު ބަޔާން ކުރައްވަނީ ރިޝްވަތު ދޭމީހާ އާއި ރިޝްވަތު ހިފާ މީހާ އާއި އެކަމުގައި މެދުވެރިއަކަށްވާ މީހާ އަށްވެސް ﷲ ލަޢުނަތް ލައްވާނެ ކަމަށެވެ.

ރިޝްވަތަކީ މިފަދަ ބޮޑު ފާފައެއް ކަމުގައި އިސްލާމް ދީން ބަލަނީ މީގެ ސަބަބުން މުޖުތަމައު ފަސާދަވެގެން ދާތީ އެވެ. ދޮގުހެދުމާއި މަކަރު ހެދުމާއި އޮޅުވާލުން ފަދަ ކަންކަމަށް މަގުފަހިވާތީ އެވެ. އަދި އެއީ ވަކި ބަޔަކަށް ނުހައްގުން ކަންކަން ކޮށްދިނުމާއި އަދުލު އިންސާފު ނެތިދިއުމާއި މީސްތަކުންގެ ހައްގުތަކަށް އަރައިގަތުން އޭގައި އެކުލެވޭ ކަމަކަށް ވާތީ އެވެ. މިކަންކަމުގެ އިތުރުން އާންމު އަޚުލާގު ފާސިދުވެ މީސްތަކުންގެ ޟަމީރުތައް ޚަރާބުވާ ކަމަކަށް ވާތީ އެވެ.

ރިޝްވަތަކީ މިފަދަ ނުބައި ކަމަކަށް ވާއިރު ހަދިޔާގެ ނަމުގައި ރިޝްވަތު ދިނުމުން އޭގެ ނުބައިކަން ވަކިން ބޮޑުވެގެންދެ އެވެ. ސަބަބަކީ ހަދިޔާ އަކީ ހަލާލު އެއްޗެއް ކަމަށް ވުމެވެ. ހަދިޔާ އަކީ އެކުވެރިކަމާއި އެކަކު އަނެކަކަށް އޮންނަ ލޯތްބާއި ގާތްގުޅުން ދެމެހެއްޓުމަށްޓަކައި ދެވޭ އެއްޗެއް ކަމަށް ވުމެވެ. އޭގައި ހައްގު ނޫން ގޮތުގައި ހުކުމެއް ކުރުމެއް ނުވަތަ ހައްގު ނޫން ކަމެއް ކޮށްދިނުމެއް ނުވަތަ ފަސްކުރަންޖެހޭ ކަމެއް އިސްކުރުމެއް ނުވަތަ އިސްކުރަން ޖެހޭ ކަމެއް ފަސްކުރުމެއް ފަދަ އެއްވެސް ކަމެއް ބަދަލެއްގެ ގޮތުގައި ކޮށްދިނުމެއް ނޯންނާނެ އެވެ. ހަދިޔާ ދިނުމަކީ ކީރިތި ރަސޫލާ ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމެކެވެ. އެކަލޭގެފާނު ހަދީސް ކުރައްވަނީ އެއީ މީސްތަކުންގެ މެދުގައި ލޯބި އިތުރުވާނެ ކަމެއް ކަމަށެވެ. އަދި ހަދިޔާއެއްގެ ގޮތުގައި ކިތަންމެ އާދައިގެ އެއްޗެއް މީހަކު ދިން ނަމަވެސް އެ ރައްދު ނުކޮށް ހިފުމަށެވެ. އެހެންވެ އެކަލޭގެފާނު ވެސް ހަދިޔާ ގަބޫލުފުޅު ކުރެއްވެވި އެވެ. ހަދިޔާ އަކީ މީސްތަކުންގެ ހިތްތަކުން ހަސަދަ އާއި ރުޅިވެރިކަން ފިލުވާލާ އެއްޗެއް ވެސް މެއެވެ. ހަދިޔާ ދިނުމަކީ މިހާ ރަނގަޅު ކަމެއް ކަމުގައި ވިއަސް އެ ހަދިޔާގެ ބަދަލުގައި ބާތިލު ކަމެއް ކުރަން ޖެހޭ ނަމަ އެއީ ހަދިޔާއެއް ނޫނެވެ. އަދިކިއެއްތަ، ހަދިޔާއެއްގެ ބަދަލެއްގެ ގޮތުގައި ތިމާ އަދާ ކުރަން ޖެހޭ ވާޖިބެއް އަދާ ކުރަން ޖެހޭ ނަމަވެސް އެއީ ހަދިޔާއެއް ނޫނެވެ. އެވާނީ ރިޝްވަތަށެވެ. އެއަށް ހަދިޔާ އޭ ނުވަތަ ސަޔެކޭ ކިޔަސް ނުވަތަ އެހެން ކޮންމެ ނަމެއް ކިޔަސް އެވާނީ ހަމަ ރިޝްވަތަށެވެ.

ހަދިޔާގެ ބަދަލުގައި ބާތިލު ކަމެއް ކުރަން ޖެހޭ ނަމަ އެއީ ހަދިޔާއެއް ނޫނެވެ. އަދިކިއެއްތަ، ހަދިޔާއެއްގެ ބަދަލެއްގެ ގޮތުގައި ތިމާ އަދާ ކުރަން ޖެހޭ ވާޖިބެއް އަދާ ކުރަން ޖެހޭ ނަމަވެސް އެއީ ހަދިޔާއެއް ނޫނެވެ. އެވާނީ ރިޝްވަތަށެވެ. އެއަށް ހަދިޔާ އޭ ނުވަތަ ސަޔެކޭ ކިޔަސް ނުވަތަ އެހެން ކޮންމެ ނަމެއް ކިޔަސް އެވާނީ ހަމަ ރިޝްވަތަށެވެ.

ރިޝްވަތާއި ހަދިޔާގެ ފަރަގު ވަރަށް ސާފުކޮށް ކީރިތި ރަސޫލާގެ ހަދީސަކުން ދޭހަވެ އެވެ. އެއީ އަޒަދު ގަބީލާގެ މީހުން އަތުން ޒަކާތް ނަންގަވަން އެކަލޭގެފާނު ވެރިޔަކު ފޮނުއްވެވި ހިނދު އެބޭކަލަކު ޒަކާތް ޖަމާ ކުރައްވައި ގެންނެވި މުދަލުގެ ތެރެއިން "މިއީ ތިމަންނާ އަށް އެމީހުން ދިން އެއްޗެކޭ" ވިދާޅުވެ ބައެއް ނެންގެވުމުން ކޯފާވެ ވަޑައިގެން ވިދާޅުވި ބަސްފުޅެވެ. އެކަލޭގެފާނު ހަދީސް ކުރެއްވީ "އޭނާ އޭނާގެ މަންމަގެ ގޭގައި އިން ނަމަ އެ މީހުން އައިސް އޭނާ އަށް އެ ބައި ދޭނެ ހެއްޔޭ" އެވެ. މި ހަދީސްގެ މައްޗަށް ބިނާކޮށް އިމާމް ޣަޒާލީ ވިދާޅުވަނީ ހަދިޔާ އާއި ރިޝްވަތު ވަކި ކުރުމަށްޓަކައި ބަލާނީ ވެރިކަމެއް ނުވަތަ ހުކުމެއް ކުރުމުގެ ބާރެއް ލިބިފައިވާ މީހަކުގެ ކިބައިން އެބާރު ނެތިދާ ހިނދެއްގައި ވެސް ލިބެމުންދާ ނުވަތަ ލިބިދާނެ ހަދިޔާއެއް ކަމަށް ވޭތޯ އެވެ. އެހެން ކަމަށް ވާނަމަ އެއީ ހަދިޔާއެއް ކަމަށެވެ. އެހެން ނޫން ނަމަ އެއީ ރިޝްވަތު ކަމަށެވެ. މާނައަކީ އެ ހަދިޔާ އަކީ އެއްގޮތަކަށްވެސް ވެރިކަމެއްގެ ނުވަތަ ބާރެއްގެ ބޭނުން ހިފައިގެން ނާޖާއިޒު މަންފާއެއް ލިބިގަތުމަށް ދިން އެއްޗެއް ކަމުގައި ނުވާ ނަމަ އެއީ ހަދިޔާ އެކެވެ.

ރިޝްވަތަކަށް ނުވާނީ ވޯޓާ ގުޅުވުމެއް ނެތި ދާއިރާ އަށް ކުރިމަތި ލިޔަސް ނުލިޔަސް ވޯޓު ދިނަސް ނުދިނަސް ދާއިރާގެ ރައްޔިތުންނާ މެދު އޮންނަ އެކުވެރިކަމާއި ގާތްގުޅުން ކަށަވަރު ކުރުމަށްޓަކައި އަބަދުވެސް ހަދިޔާދޭ އުސޫލުން ދޭ ހަދިޔާއެއް ކަމަށް ވާނަމަ އެވެ.

މިމޭރުމުން ބަލާއިރު ކޮންމެ މީހަކަށްވެސް ހަދިޔާ ދެވިދާނެ އެވެ. އެހެން ނަމަވެސް ޤާޟީންނާއި ވެރިންނަށް ދޭ ހަދިޔާ އެއީ ރިޝްވަތު ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެ އެވެ. މިގޮތުން ޢުމަރުބުނު ޢަބްދުލް ޢަޒީޒަށް ހަދިޔާއެއް އެރުވުނު ހިނދު އެ ރައްދު ކުރެއްވުމުން އަރިހުގައި ތިއްބެވި ބޭފުޅުން ވިދާޅުވީ ކީރިތި ރަސޫލާ ވެސް ހަދިޔާ ގަބޫލު ކުރައްވާ ކަމަށެވެ. އެހިނދު ޢުމަރު ބުނު ޢަބްދުލްއަޒީޒު ވިދާޅުވީ ކީރިތި ރަސޫލާ އަށް އޭރު އެއީ ހަދިޔާއެއް ކަމަށެވެ. ނަމަވެސް ތިމަންނާ އަށް މިހާރު މިއީ ރިޝްވަތު ކަމަށެވެ. އިމާމް ޣަޒާލީ ވިދާޅުވާ ގޮތުގައި ވެރިންނާއި ޤާޟީންނަށް ދެވޭ ހަދިޔާގައި އެމީހުންގެ ކިބައިން އެބާރުތައް އަޒުލު ކުރެވޭ ހިނދެއްގައި އެ ހަދިޔާ ލިބޭނެތޯ ނުވަތަ ނޫންތޯ ޝައްކުވާ ހާލަތްތަކުގައި އެ ހަދިޔާ އަކީ ރިޝްވަތުގެ ޝުބުހާ އޮންނަ އެއްޗެކެވެ. އެހެންކަމުން އެއިން ދުރުހެލިވާން ޖެހޭނެ ކަމަށެވެ.

އިންތިޚާބު ތަކާ ގުޅުވައިގެން ހަދިޔާ ދިނުމަކީ ވަރަށް ގިނަބަޔަކު ގެންގުޅޭ އާދަ އެކެވެ. އެހެންނަމަވެސް އެ ހަދިޔާ ދެނީ އެ ހަދިޔާގެ ބަދަލެއްގެ ގޮތުގައި އެމީހަކަށް ވޯޓު ދޭން ކަމަށް ވާނަމަ (އެމީހަކީ ވޯޓު ލިބުން އެންމެ ހައްގު މީހާ ކަމުގައި ވިއަސް) އެ ހަދިޔާ އަކީ ރިޝްވަތެވެ. ރިޝްވަތަކަށް ނުވާނީ ވޯޓާ ގުޅުވުމެއް ނެތި ދާއިރާ އަށް ކުރިމަތި ލިޔަސް ނުލިޔަސް ވޯޓު ދިނަސް ނުދިނަސް ދާއިރާގެ ރައްޔިތުންނާ މެދު އޮންނަ އެކުވެރިކަމާއި ގާތްގުޅުން ކަށަވަރު ކުރުމަށްޓަކައި އަބަދުވެސް ހަދިޔާދޭ އުސޫލުން ދޭ ހަދިޔާއެއް ކަމަށް ވާނަމަ އެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރޭގައި މިކަން އޮޅުވާލައި ހަދިޔާގެ ނަމުގައި ރިޝްވަތު ދެމުން ދިއުމެވެ. ވީމާ ރިޝްވަތުގެ ނުބައި ފާފައިން އެންމެން ދުރުހެލިވުމަށްޓަކައި ރިޝްވަތާއި ހަދިޔާގެ ފަރަގު ކޮންމެހެން ދެނެގަންނަން ޖެހެ އެވެ. އަދި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުން ދުރުހެލިވެ ﷲ އަށް ބިރުވެތިވާން ޖެހެ އެވެ.

2 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންސާފް

23 March 2019

ތިމާގެ ބުއްދިއައް ވިސްނޭ ގޮތް ނޫން ގޮތަށް ވޯޓް ދިނުން އެއީ ގައުމަށް ގަޢްދާރު ވުން . ރަނގަޅު އެއީ ރަނގަޅު .

The name is already taken The name is available. Register?

ވިސްނަނީ

22 March 2019

ވަރަށްފުރިހަމަ އާޓިކަލްއެއް!..ޝުކުރިއްޔާ! މިއީ މިހާރުގެ މުޖުތަމައުގައި އުފެދިފައިވާ ވަރަށް ނުރައްކާތެރި ވަބާއެއް...މިނުބައި ވަބާއިން އަޅަމެންސަލާމަތް ުކުރައްވާ ރައްކާތެރިކުރައްވާށި!...އާމީން..!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454