ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން، (ކ-ވ)، ފުލުހުންގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ، އީސީއަށް ކަނޑައަޅާފައިވާ އިންވެސްޓިގޭޝަންސް ކޯޑިނޭޓާ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު، އިލެކްޝަން ސެކިއުރިޓީ ކޮމާންޑާ، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު އަދި ޑެޕިއުޓީ އިލެކްޝަން ސެކިއުރިޓީ ކޮމާންޑާ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު
27 މާޗް 2019 - 17:26
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ވުރެ، އަންނަ މަހު ހައެއްގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ވަރުގަދަވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިންތިޚާބަށް ފުލުހުންގެ ތައްޔާރީތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިލެކްޝަން ސެކިއުރިޓީ ކޮމާންޑާ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ވޯޓު ކަރުދާސްތައް ބަހައްޓާތަން ތަނަށް ވެސް ފުލުހުންނަށް ނޭނގި އެއްވެސް ބަޔަކަށް ނުވަދެވޭނެ ކަމަށެވެ. އެހެންކަމުން ޝަކުވާކުުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސެކިއުރިޓީ މިފަހަރު، ކުރީ ފަހަރުތަކަށް ވުރެ ވަރުގަދަކުރެވިފައި ވާނީ. މިފަހަރު ޔަގީންކަން އޮންނާނެ ސެކިއުރިޓީ ރޫމް ތެރެއަށް ފުލުހުންނަށް ނޭނގި އެއްވެސް މީހަކު ނުވަންނާނެ ކަން. އަދި އެތަނަށް ވަންނަ ކޮންމެ މީހަކީ، އެމީހެއްގެ މައުލޫމާތު ވަގުތުން ވަގުތަށް ނޯޓުކުރެވި ލޮގްކުރެވިގެންދާ މައުލޫމާތުތަކަށް މިފަހަރު ވެގެންދާނެ. މިފަހަރު އެ ޝަކުވާ ކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުގައި ވޯޓު ފޮށިތައް ބަހައްޓާ ހުރިހާ ތަނެއްގައި ފުލުހުން ހަރަކާތްތެރިވާނެ އެވެ. އެ ތަންތަނަށް މިހާރު ވަނީ ފުލުހުން ފޮނުވައިފަ އެވެ.
އިންތިޚާބަށް ޚާއްސަ "އޮޕަރޭޝަން ބްލޫ ޓައިޑް"ގައި ހަރަކާތްތެރިވާނެ ފުލުހުންގެ އަދަދު ހާމަނުކުރިއަސް އޭނާ ވިދާޅުވީ އޮޕަރޭޝަނަށް ބޭނުންވާ އަދަދަށް ފުލުހުން ތަމްރީނުކޮށްފައިވާ ކަމަށެވެ. އިންތިޚާބުގައި ހަމަނުޖެހުން ނަގާލުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ވިދާޅުވި އެވެ.
"އިންތިޚާބަކީ އަމާންވެއްޓެއްގައި ކުރިއަށްދާނެ އިންތިޚާބަކަށް ހެދުމަށްޓަކައި ފުލުހުންގެ އޮޕަރޭޝަން ބްލޫ ޓައިޑްގެ ތެރެއިން، ވޯޓު ފޮށި ބަހައްޓާ ހުރިހާ ތަނެއްގައި ފުލުހުން ހަރަކާތްތެރިވާނެ. މިކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި މަޖިލިސް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާއި އެބޭފުޅުންގެ މަންދޫބުންނާ ފުލުހުން ދަނީ ބައްދަލުކުރަމުން،" ޝަރީފް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނަށް ކަނޑައަޅާފައިވާ ފުލުހުން އިންވެސްޓިގޭޝަންސް ކޯޑިނޭޓާ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އިންތިޚާބާ ގުޅުން ހުރި އެކި މައްސަަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި ކެމްޕޭންގައި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުން ފަދަ މައްސަލަތައް ހިމެނޭ އިރު، އެންމެ ގިނައިން މައްސަލަ ހުށަހަޅާފައި ވަނީ ގދ. އަަތޮޅުންނެވެ. އެ އަތޮޅުން 33 މައްސަލައެއް ހުށަހެޅިއިރު މާލެއިން 12 މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވިދާޅުވި އެވެ.
ފުލުހުން ވަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކެމްޕެއިންކުރުމަށް ނަސޭހަތްތެރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމީ ލޯބީގާ
28 March 2019
ތިއީ އެމްޑީޕީ މީހުން ނޮހޮވޭނެކަން އެގޭތީ ދައްކާވާހަކަ .ސަލާމަތީ ކަންތައްތަކައް ރިޔާސީ އިންތިހާބުގަ އިހްމާލުވެފަ ވީތީ އެމްޑީޕީ ކެޑިޑޭޓަށް ކާމިޔާބު ލިބުނީ .އަހަރެމެނަކު ނުދެކެން އެއީކީ ވޯޓަކުން ހޮވިގެން ހުވައިކުރި ރައިސެއް ކަމަކަށް . މިފަހަރަކު އެމްޑީޕީ މީހުނެެް ނޮހޮވޭނެ ސަލާމަތީ ކަންތައްތައް ނުބެލެހެއްޓިއަސް .މަމެންވެސް ވަރަށް ސަޅިކޮއްތިބެ ވޯޓުން ނިއްމާލާނީ .ބަލިވީކަން
ކަނަމަނަ
28 March 2019
އިންތިޚާބުގެ ސަލާމަތީ ކަންކަން ކޮން ވަރުގަދައެއް ކުރެވޭނީ. މިއުޅެނީ މަގުމަތިން މީހުންއަތުން ފައިސާއާ ތަކެތި ފޭރި މަގުމަތީގައި ޕާކްކޮށްފަހުންނަ ސައިކަލުތަކާ އެހެން ތަކެތީގައި ރޯކޮށް ގެއްލުންދިނުން ނުހުއްޓުވިގެން.
ޢެޑްމުންޑޯ
27 March 2019
ސަލާމަތީ ކަންކަން ދެރަ އިންތިޚާބެއްދިޔަތަ ؟
ޝާޑު
27 March 2019
ނުދޭ.
ބަބުރުލް ސަލީމް
27 March 2019
ސަލީމަތީ ކަންކަން ގަދަކުރާނެކަމެއް ނެތް އިންތިހާބަކަށް. އިންސާނުން ހިމާޔަތްކޮށްބަލަ.