މީގެ ކުރިން ރާއްޖެ ޓީވީ ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދެއްކުމަށް، އެ ޓީވީ ސްޓޭޝަންގެ އިސްވެރިން ފަންޑުފޮށިތަކާއެކު-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
31 މާޗް 2019 - 16:36
ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ ރަނގަޅަށް ކަމަަށް ސިިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އޭޕްރީލް 6، 2017 ގައި ޖޫރިމަނާކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ގޮތަށް ކޮންޓެންޓު ގެނެސްދިން ކަމަށް ބުނެ އެވެ.
އެ މައްސަލަ ރާއްޖެ ޓީވީން ސިވިލް ކޯޓަށް ހުށަހެޅީ 2017 ވަނަ އަހަރު އެވެ. މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ކުރެއްވި ހުކުމުގައި ވިދާޅުވީ އެއީ އަބުރުގެ ގާނޫނާ ހިލާފަށް ކުރި ޖޫރިމަނާއެއްކަން ސާބިތުނުވާ ކަމަށެވެ. އެހެންވެ ބްރޯޑްކޮމްގެ ނިންމުން ބާތިލް ކަމަށް ކަނޑަނޭޅޭނެ ކަމަށް ހުކުމުގައި ވެ އެވެ.
ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ކުރި ޖޫރިމަނާ ވެސް ރަނގަޅު ކަމަށް ހައި ކޯޓުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމައިފަ އެވެ.
އަބުރުގެ ގާނޫނުގެ ދަށުން ބޮޑެތި އަދަދުތަކުން ރާއްޖެ ޓީވީ ޖޫރިމަނާކުރި އެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، އަބުރުގެ ގާނޫނު ވަނީ އުވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަގުބޮޑު އަބުރު
01 April 2019
ކޮންމެ މީހެއްގެ އަބުރަކީ ހުރުމަތްތެރި އެއްޗެއް. ފާފަކުރާ މީހާއާއި ކުށްކުރާ މީހާވެސް ބޭޒާރުކޮށް ލަދުގެންނެވުމެއް އިސްލާމް ދީނަކު ނޯވެ. ހިޔާލު ފާޅުކުރުމަކީ އިމެއްނެތް މިނިވަންކަމެއް ނޫން. މީހުންގެ އަބުރަށް އަރައިގަތުމަކީ ބޮޑު ފާފައެއް. ކުރީ ދުވަހުގެ ހުކުރު ހުތުބާ އަޑުއެއްސެވިންތޯ؟