ޑިސްޕިއުޓް މަރުހަލާއިން ރާއްޖެޓީވީގެ އެއް މިލިއަން ރުފިޔާގެ މައްސަލަ ހައްލުނުވުމުން ޝަރީއަތަށް

ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި މައްސަލަ، ސިވިލް ކޯޓުގެ ޑިސްޕިއުޓު މަރުހަލާއިން ހައްލުނުވުމުން ޝަރީއަތަށް ދާން ޖެހިއްޖެ އެވެ.


ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ގޮތަށް ރާއްޖެ ޓީވީން ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވަނީ މިދިޔަ މާޗު މަހު އެއް މިލިއަން ރުފިޔާއިން އެ ޓީވީ ސްޓޭޝަން ޖޫރިމަނާކޮށްފަ އެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ ޖޫރިމަނާ ފައިސާ ދެއްކުމަށްފަހު އެ މައްސަލަ އިސްތިއުނާފުކުރަން ސިވިލް ކޯޓަށް ކުރިން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ޑިސްޕިއުޓް މަރުހަލާއިން އެ މައްސަލަ ހައްލުނުވުމުން ޝަރީއަތަށް ދާން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިސްޕިއުޓް މަރުހަލާއިން އެ މައްސަލަ ހައްލުނުވީ ދައުލަތުން އެކަން ބޭނުން ނުވެގެން ކަމަށެވެ.

"ދައުލަތުން ބޭނުން ނުވީ ޑިސްޕިއުޓު މަރުހަލާއިން އެކަން ހައްލުކުރަން. އެހެންވެ ޝަރީއަތަށް ދާން ޖެހުނީ،" ފިޔާޒު ވިދާޅުވި އެވެ.

އަބުރުގެ ގާނޫނުގެ ދަށުން ތިން ފަހަރެއްގެ މަތިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައި ވެ އެވެ. އެންމެ ފުރަތަމަ 250،000ރ. އިން ޖޫރިމަނާކުރިއިރު ދެ ވަނަ ފަހަރަށް ކުރީ އެއް މިލިއަން ރުފިޔާއިންނެވެ. އަދި މިދިޔަ ހަފުތާގައި ބްރޯޑްކޮމް އިން ވަނީ ފަސް ލައްކަ ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފަ އެވެ.

އަބުރުގެ ގާނޫނު ބުނާގޮތުން ޖޫރިމަނާގެ މައްސަލަ އިސްތިއުނާފު ކުރެވޭނީ އެ ފައިސާ ދެއްކުމަށްފަހުގަ އެވެ.