ޖޫރިމަނާގެ ގޮތުގައި ރާއްޖެ ޓީވީން އެއް މިލިޔަން ރުފިޔާ ދައްކައިފި

ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ގޮތަށް ރާއްޖެ ޓީވީން ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ، އެ ޓީވީ ސްޓޭޝަން އެއް މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް މިއަދު ދައްކައިފި އެވެ.


ރާއްޖެ ޓީވީގެ ސީއީއޯ ހުސެން ފިޔާޒު މޫސާ މިއަދު ވިދާޅުވީ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެންގި އެ ޖޫރިމަނާ އެ ސްޓޭޝަނުން ދެއްކީ، އެހެން ކުރާ ޖޫރިމަނާތައް އަދާކުރުމަށް އެތަނުން ހުޅުވި "އަބުރު ފަންޑަ"ށް ލިބުނު ފައިސާއިން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖޫރިމަނާ ފައިސާ ދެއްކި ނަމަވެސް އެކަން ކުރީ އެއީ ދައްކަން ޖެހޭ އެއްޗެއް ކަމަށް ގަބޫލުކޮށްގެންނެއް ނޫނެވެ. އެހެންވެ، ބްރޯޑްކޮމް އަތުން އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ފިޔާޒު ވިދާޅުވި އެވެ.

އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީން ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ޖޫރިމަނާކޮށްފަ އެވެ.

ފިޔާޒު ވިދާޅުވީ އަބުރުގެ ގާނޫނުގެ ދަށުން މި މައްސަލަ އިސްތިއުނާފު ކުރެވެން އޮތީ ވެސް އެ ފައިސާ ބްރޯޑްކޮމް އަށް ދެއްކުމުން ކަމަށާއި މިއީ އެއްވެސް އިންސާފެއް ނެތް އަމަލެއް ކަމަށެވެ.

ރައީސް ޔާމީންގެ އަބުރަށް ގެއްލުންވާ ފަދަ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ، ރާއްޖެ ޓީވީ އެއް މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ދެއްކި ވާހަކަތަކެއް އެ ޓީވީން ލައިވް ކުރުމުންނެވެ. މިއީ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމުގެ މަގުސަދުގައި، ރައްޔިތުންގެ މަޖިލިހުން ފާސްކުރި އަބުރުގެ ގާނޫނު ދަށުން މިހާ ބޮޑު ޖޫރިމަނާއެއް ކުރި ފުރަތަމަ ފަހަރެވެ.

ޖޫރިމަނާ ކުރި ނިންމުމުގައި ބްރޯޑްކޮމް އިން ބުނެފައިވަނީ އެ ކޮންޓެންޓް ބްރޯޑްކާސްޓްކުރި ކަމަށް ރާއްޖެ ޓީވީން އެއްބަސްވާއިރު އެއީ ރައީސް ޔާމީންގެ އިއްޒަތާއި މަސްއޫލިއްޔަތުތަކާ މެދު ފާޅުކަން ބޮޑުކޮށް، ޝައްކު އުފެދޭ އަދި އެމަނިކުފާނުގެ ކަރާމާތަށް ގެއްލުން ލިބޭ ފަދަ ކޮންޓެންޓެއް ކަމަށެވެ. އަދި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނާ ޚިލާފް ކޮންޓެންޓެއް ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

ފިޔާޒު ވިދާޅުވީ އެ ޖަލްސާ އަޑުއަހާލި ކޮންމެ މީހަކު ވެސް، އެއީ ޖޫރިމަނާ ކުރަން ޖެހޭ ވަރުގެ ވާހަކައެއް ނޫން ކަމަށް ގަބޫލު ކުރާނެ ކަމަށާއި ރާއްޖޭގެ ބޭރުގެ ފަރާތްތައް ވެސް އެ ނިންމުން ކުށްވެރި ކޮށްފައިވާ ކަމަށެވެ.

"މިއީ ހަމަ ރާއްޖެ ޓީވީގެ ދުވަސް ދުއްވާލުމަށް ކުރި ޖޫރިމަނާއެއް. އެހެންވެ، މި ފައިސާ ދެއްކި ނަމަވެސް އަދިވެސް ޖޫރިމަނާ ކުރާނެ،" އޭނާ ވިދާޅުވި އެވެ.

އެއް މިލިޔަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކުރީ، ކުރިން އެ ސްޓޭޝަނަށް އައި 250،000ރ. ޖޫރިމަނާ ދެއްކި ދުވަހު އެވެ.