އިދިކޮޅު ކޯލިޝަނުން މިދިޔަ މަހުގެ 26 ގައި ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި މެމްބަރު ނިޒާރު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
07 އެޕްރީލް 2017 - 10:49
ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރަށް ލިބިވަޑައިގަންނަވާ އާމްދަނީގެ ތެރެއިން އެއް މަހުގެ މުސާރައިން 50،000ރ. ރާއްޖެ ޓީވީގެ "އަބުރު ފަންޑް" އަށް ހަދިޔާ ކުރުމަށް ނިންމަވައިފި އެވެ.
ތަފާތު މައްސަލަތަކާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އާއި އެތަނުގެ ބައެއް މުވައްޒަފުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާތީ، އާންމުންގެ އެހީތެރިކަމަށް އެދި ހުޅުވާފައިވާ ފަންޑަށް 50،000ރ. ހަދިޔާ ކުރަން ނިޒާރު ނިންމެވިއިރު، އިއްޔެ ވެސް އެ ސްޓޭޝަން ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ އަބުރުގެ ގާނޫނުގެ ދަށުން ކުރި މި ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކަންޖެހެ އެވެ. ކޮމިޝަނުން އަމިއްލަ އަށް އިސް ނަގައިގެން މައްސަލަ ބެލުމަށް ފަހު، ކުރި ބޮޑު ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ ރާއްޖެ ޓީވީގެ ލައިސަންސް ބާތިލް ކުރަން ނުވަތަ ސަސްޕެންޑް ކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާނެ އެވެ. ޖޫރިމަނާ ކުރި މައްސަލަ ރާއްޖެ ޓީވީ އަށް އިސްތިއުނާފު ކުރެވޭނީ ވެސް އެއް މިލިއަން ރުފިޔާ ދެއްކުމަށް ފަހު އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ނިޒާރު މިއަދު ވިދާޅުވީ އޭނާ އަށް މަޖިލިހުން ލިބިވަޑައިގަންނަވާ 75،000ރ. ގެ ތެރެއިން އެއް މަހުގެ މުސާރައިން 50،000ރ. އަބުރު ފަންޑަށް ހަދިޔާ ކުރަން ނިންމެވީ މީޑިއާތަކުގެ ހިމާޔަތުގައި ކަމަށެވެ.
"މިއީ ދިވެހި ރައްޔިތެއްގެ ގޮތުގައި އަޅުގަނޑު ދޭ ހަދިޔާއެއް. މަޖިލިސް މެމްބަރެއް ވީމާ ދޭ އެއްޗެއް ނޫން. މި ގޮތަށް ކޮންމެ ފަހަރަކު ފައިސާ ދިނުމަކީ ހައްލެއް ނޫން. އަޅުގަނޑުގެ ބޭނުމަކީ މިގޮތަށް މީޑިއާތަކާ ދެކޮޅަށް ހިންގާ ކަންކަން ހުއްޓުވުން،" އަންނަ މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިނަށް ފ. މަގޫދޫގައި ހުންނެވި ނިޒާރު ވިދާޅުވި އެވެ.
"މި ވާހަކަ ދައްކައި، މީޑިއާތަކަށް މިކުރާ ޖެއްސުން ހުއްޓުވުން އަޅުގަނޑުގެ ބޭނުމަކީ. މި ވާހަކަ ގިނަގިނައިން ދެއްކުމަކީ ވެސް ރާއްޖޭގައި މީޑިއާތަކާ ދެކޮޅަށް ކަންކަން ހިންގަމުންދާކަން ހާމަވާނެ ކަމެއް. މި ވާހަކަ ގިނަގިނައިން ދައްކަންޖެހޭ."
އޭނާ ވިދާޅުވީ މިގޮތަށް ބޮޑެތި އަދަދުތަކުން މީޑިއާތައް ޖޫރިމަނާ ކުރުމަކީ ޑިމޮކްރެސީ އަށް ވަރަށް ބޮޑު ހުރަކަށް ވާނެ ކަމަށެވެ. އެހެންވެ މީޑިއާތައް ސަލާމަތް ކުރުމަށްޓަކައި އެންމެންގެ އެއްބާރުލުމަށް ނިޒާރު ގޮވައިލެއްވި އެވެ.
އޭނާ ވިދާޅުވީ ހުދުމުހުތާރު ވެރިކަން ކުރާ ގައުމުތަކުގައި މީޑިއާތަކާ ދެކޮޅަށް ކަންކަން ހިންގާނެ ކަމަށާއި މިއަދު ރާއްޖެ އިން ފެންނަނީ އެކަން ކަމަށެވެ. އަދި މީޑިއާ އަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރު ކަމަށްވާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ކޮންމެ ބަދަލަކާ އެކު މީޑިއާތަކަށް އުނދަގޫކޮށް ހެދުމަކީ ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށް ނިޒާރު ވިދާޅުވި އެވެ.
ރާއްޖެ ޓީވީ އިއްޔެ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރިއިރު، އެ ސްޓޭޝަނަށް ކުރިން އައި 250،000ރ. ޖޫރިމަނާ ދެއްކީ ވެސް އިއްޔެ އެވެ.
ރާއްޖެ ޓީވީން ބުނީ އެ ފައިސާ ވެސް ދެއްކީ އަބުރު ފަންޑަށް އެކި ފަރާތްތަކުން ދިން އެހީތެރިކަމާއެކު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
07 April 2017
ޤައުމުފަސާދަކުރަން ފައިސާޚަރަދުކުރުމަށްވުރެ ނިކަމެތިޙާލުގައިތިބި އަމިއްޕާޓީގެ މީހަކަށް އެއްޗެއްދިނަސް ފަހުންކުރާފައިދާ މާބޮޑުވާނެ ތިކުރަންއުޅެވެނީ މާމޮޅުކަމެއްނޫން މީހުންގެ އަބުރާބެހުމަށާ ޢީބަކިއުމަށް ފައިސާޚަރަދު ކުރާކަށްނުވާނެ އެއްވެސް އިންސާނަކީ އަމިއްލަބާރެއް އޮތްއިންސާނެއްނޫން
އައްޑޫކަލޯ
07 April 2017
އައްޑޫ ފަހުރުވެރިވާ ފަދަ ދަރިއެއް! ހޮވާފައިވާ ރައްޔިތުން އެދޭ ގޮތަށް އަބަދު ވެސް ހުންނާތި!
އަހަންމާ
07 April 2017
ތި ލާރި ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ދިންނަމަ.
ދިވެހިމޭން
10 April 2017
ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ދިންނަމަ ބުނާނެ ކޮންމެސް އެހެން ފަންޑަކަށް ދިން ނަމައޭ
ހަސަންބެއްޔާ
07 April 2017
ސަރުކާރުން ކުރާ ނޭދެވޭ ކަންކަމުގެ ވާހަކަތައް ރައްޔިތުންގެ ކަންފަތަށް ގެނެސްދެނީ އެފަރާތުންކަމަށް ބުނާއިރު ސަމާލުވާންޖެހޭ ކަންތައްތަކެއްވެސް ހުންނަކަން ދަންނާށި. އެއްވެސް މީހެއްގެ އަބުރަކަށް އަރައިގަނެވިގެން ނުވާނެ. ސާބިތު ނުހިފޭ ދޮގޫ ވާހަކަ ފަތުރައިގެން ނުވާނެ. ޢާންމުކޮށް އެންމެން އަޑުއަހާ ޗެނަލެއްގެ ވާހަކަ ދެއްކުމުގެ އަޚްލާޤީ މިންގަނޑެއްވެސް ގެންގުޅެންޖެހޭނެ. މީޑިޔާއަކީ 4 ވަނަ ބާރޭ ބުނެ ގަދަފައި ވިއްދާއިރު، އެބާރު ބޭނުންކުރަންޖެހޭނީ ހެއު ގޮތުގައި، ހަޤީޤަތް ހާމަކުރުމަށް. ދޭދޭ ފަރުދުންގެ ހަސަދަވެރިކަން ފިލުވާ ފިތުނަ އުފައްދާ ވަސީލަތެއްގެގޮތުގައެއްނޫން. މިއީ ހަސަންބެއްޔާ ދަންނަ ޑިމޮކްރަސީއަކީއަކީ. ވަރަށް ސަލާމް
ޢަޚު
07 April 2017
ޙަސަން ބެއްޔާއަށް އނގޭތަ ރޯމާދުވާލު ކުރާ ބޮޑެތިވައްކަން ތަކުގެ ވާހަކަވެސް، އަަހަރުމެންގެ ލޯމައްޗަށް ސާފުކޮއް ފެންނަހާލު ދެއްކީމަ އެވެސް ވަނީ ސާބިތުނުހިފޭ ވާހަކައަށްކަން... މިދައްކަނީ ދިވެހި ރައްޔިތުންގެ ފައސާގެ ވާހަކަ...
އަލީޝާކިރު
07 April 2017
ނިޒާރުގެ ދީލަތި އެހީއަށް ޝުކުރިއްޔާ. ތީ އިޚްލާސްތެރި މެމްބަރެއް.
މމ
07 April 2017
ވީހާވެސް ސިއްރުން ފާޅުނުކޮށް ކުރާ ޞަދަގާތުގެ ހެޔޮކަން މާބޮޑު
ޒުވާންޖީލު
07 April 2017
ސެލިއުޓް ޔޫ ސާރ
ރަދީފް އެންޑް ރަފައިދާ
07 April 2017
ފަގީރަކަށް ދީބަލަ.
އަލިބެ
07 April 2017
ސާބަހޭ ނިޒާރު ތިއީ ނަމޫނާ ދިވެހި ދަރިއެއްކަމުގަ ދެކެން! މިކަހަލަ މެންބަރުން މިއީ ރައްތުންގެ ހައްގުގަ މަސަކަތް ކުރުރާ މެންބަރުން!
ބޭބެ
07 April 2017
ވަރަށް ރަނގަޅު މިސާލެއް ... ނިޒާރު ބުނިހެން އަބަދު ފައިސާ ދުނުމަކީ ހައްލެއް ނޫން ... އެހެންނަމަވެސް ރާއްޖެޓީވީ އަކީ ދިވެހިންނަށް މިވަގުތު ވަރަށް މުހިންމު ޗެނަލެއް .... ވަރަށް އުފާވެއްޖެ.